ބަޖެޓަށް އިދިކޮޅު އެމްޑީޕީގެ މެމްބަރުން 23 އިސްލާހެއް ހުށައެޅި ނަމަވެސް މަޖިލީހުގައި ގަވައިދުގައި ބުނާ ޝަރުތު ހަމަނުވާތީ ވޯޓަށް އަހާފައިވަނީ އެންމެ ހަ އިސްލާހަށެވެ. އެހެންނަނަވެސް އެ ހަ އިސްލާހުވެސް ފާސްވެފައެއް ނުވެއެވެ.
ދައުލަތުން ހުށައެޅި ގޮތަށް ބަޖެޓް މަޖިލީހުން ފާސްކުރީ 65 މެމްބަރުންގެ ވޯޓާއި އެކެވެ. ނުފެންނަކަމަށް ވޯޓް ދެއްވީ 13 މެމްބަރުންނެވެ.
އަންނަ އަހަރަށް ސަރުކާރުން ހުށަހަޅާފައިވަނީ ޖުމްލަ 59.7 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މި ބަޖެޓުގެ ޖުމްލަ ޚަރަދަކީ 52.6 ބިލިއަން ރުފިޔާ ކަމަށް ލަފާކޮށްފައިވާއިރު، އޭގެ ތެރެއިން 42.7 ބިލިއަން ރުފިޔާއަކީ ހިންގުމުގެ ޚަރަދެވެ. މިއީ 9.4 ބިލިއަން ރުފިޔާގެ ޑެފިސިޓު ބަޖެޓެކެވެ.
ދައުލަތަށް ޖުމްލަ އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައިވަނީ 43.2 ބިލިއަން ރުފިޔާ އެވެ.