އެ މައްސަލަ އަނބުރާ ގެންދިއުމަށް ދީބާޖާއިން އެދުމާ ގުޅިގެން، ސިވިލް ކޯޓުން ވަނީ އެ ފުރުސަތު އެ ކުންފުންޏަށް ދީ، އެ މައްސަލަ ކޯޓުގައި ނިމިފައިވާ ކަމަށް ކަނޑައަޅައި އިއްޔެ ހުކުމް ކޮށްފަ އެވެ.
ދީބާޖާއާއެކު ސަރުކާރުން އެއްބަސްވުމެއް ހެދީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި، 2010 ވަނަ އަހަރު ރާއްޖޭގެ އުތުރުގެ ހަތަރު އަތޮޅެއްގައި ފެރީގެ ހިދުމަތް ދިނުމަށެވެ. ނަމަވެސް ވެރިކަން ބަދަލުވެ، ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގައި 2013 ވަނަ އަހަރު އެ އެއްބަސްވުން ބާތިލްކުރުމުން، ލިބުނު ގެއްލުމުގެ ބަދަލު ހޯދަން އެ ކުންފުނިން ކޯޓަށް މައްސަލަ ހުށަހެޅި އެވެ.
ޝަރުއީ އެކި މަރުހަލާތަކުގައި އެތައް އަހަރެއް ވޭތުވި މި މައްސަލާގައި ސުޕްރީމް ކޯޓުން އެންމެ ފަހުން ނިންމާފައިވަނީ އެއްބަސްވުން ބާތިލްކުރީ ގޯސްކޮށް ކަމަށާއި ދީބާޖާއަށް ބަދަލު ދޭން ޖެހޭނެ ކަމަށެވެ. އެހެން ނަމަވެސް ބަދަލުގެ ގޮތުގައި ދޭންޖެހޭ އަދަދު ސިވިލް ކޯޓުން ހިސާބުކުރީ ގޯސްކޮށް ކަމަށް ކަނޑައަޅައި، އެ މައްސަލަ އަލުން ބެލުމަށް ސިވިލް ކޯޓަށް ފޮނުވި އެވެ.
އެ މައްސަލަ ސިވިލް ކޯޓުގައި އޮއްވައި، މިދިޔަ ސަރުކާރުން ވަނީ ދީބާޖާއާއެކު ސެޓަލްމަންޓް އެއްބަސްވުމެއް ހަދައި، ބަދަލުގެ ގޮތުގައި 64 މިލިއަން ރުފިޔާ ދޭން އެއްބަސްވެފަ އެވެ. އެ އެއްބަސްވުމުގެ ދަށުން އެޑްވާންސްގެ ގޮތުގައި 12.8 މިލިއަން ރުފިޔާ ދީފައިވާއިރު، ބާކީވާ 51.2 މިލިއަން ރުފިޔާ ކުރިއަށް އޮތް 30 މަސް ދުވަހުގެ ތެރޭގައި ދައްކަން އޮތީ ހަމަޖެހިފަ އެވެ. ނަމަވެސް ސަރުކާރު ބަދަލުވުމާއެކު، އާ ސަރުކާރުން ނިންމީ ކުރީ ސަރުކާރުގެ ސެޓަލްމަންޓް އެއްބަސްވުންތަކަށް އަމަލުކުރުން މަޑުޖައްސާލުމަށެވެ.
އެ އެއްބަސްވުމުގެ ދަށުން ދޭންޖެހޭ ބާކީ ފައިސާ ދޫނުކުރާތީއާއި އެއްބަސްވުމަށް އަމަލުކުރުމުގެ އަމުރަކަށް އެދި ދީބާޖާއިން 7 ޖެނުއަރީ 2024 ގައި ސިވިލް ކޯޓަށް މައްސަލަ ހުށަހެޅި އެވެ. ޝަރީއަތުގެ ހުރިހާ މަރުހަލާއެއް ފުރިހަމަކޮށް ހުކުމާ ހަމައަށް އެ މައްސަލަ ގޮސްފައި ވަނިކޮށް، ޑިސެމްބަރު 2024 ގައި ދައުލަތުން ވަނީ އެ ސެޓަލްމަންޓް އެއްބަސްވުން ބާތިލްކޮށްފަ އެވެ. ދައުލަތުން އެއްބަސްވުން ބާތިލްކުރުމުންނާއި، އަސްލު ބަދަލު ހޯދުމުގެ މައްސަލަ ވެސް ސިވިލް ކޯޓުގައި ހިނގަމުންދާތީ، ދީބާޖާއިން އެދުނީ ސެޓަލްމަންޓާ ގުޅޭ މައްސަލަ އަނބުރާ ގެންދިއުމަށެވެ.
ދީބާޖާގެ މައިގަނޑު ދެ ހިއްސާދާރުން ކަމަށްވާ ޝާހީން މުހައްމަދާއި މުހައްމަދު ހުސައިންފުޅު (ބަނބުކެޔޮ ހުސައިން) ވަނީ މީގެ އަހަރެއް ކުރިން، މި ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ވެރިކަންކުރާ ޕީއެންސީއަށް ސޮއިކޮށްފަ އެވެ. އަދި އޭގެ ކުރިން ވެސް މި ސަރުކާރު އައުމާއެކު މުހައްމަދު ހުސައިންފުޅު ވަނީ ސޯޝަލް މީޑިއާގައި ސަރުކާރަށް ތާއީދުކޮށް ހިޔާލު ފާޅުކޮށްފަ އެވެ. ދީބާޖާއިން މި މައްސަލަ އަނބުރާ ނެގުމަށް އެދި ކޯޓުން ނިންމާލާފައި މިވަނީ، އެ ދެ ބޭފުޅުން ޕީއެންސީއާ ގުޅުނުތާ އަހަރެއްހާ ދުވަސް ފަހުންނެވެ.