ކަމާބެހޭ ފަރާތްތަކުން ހާމަކުރި ގޮތުގައި، ވިޒިޓް ވިސާގައި ގަވާއިދާ ހިލާފަށް އުމްރާގެ ޕެކޭޖްތައް އިންތިޒާމުކުރުމާއި ބުކްކުރުމަކީ ބޮޑެތި ކުށްތަކެކެވެ. މިފަދަ ގަވާއިދާ ހިލާފު އަމަލުތައް ހިންގާ ފަރާތްތަކާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އަޅާނެކަމަށް ވަނީ އަންގާފައެވެ.
މިގޮތުން، ގަވާއިދާ ހިލާފަށް އުމްރާ ޕެކޭޖްތައް އިންތިޒާމުކޮށް އޮޕަރޭޓްކުރާ ފަރާތްތަކާއި، އެފަދަ ޕެކޭޖްތައް ބުކްކުރާ ފަރާތްތައް 100،000 (އެއްލައްކަ) ސައުދީ ރިޔާލައާ ހަމައަށް ޖޫރިމަނާކުރެވޭނެއެވެ.
ޖޫރިމަނާ ކުރުމުގެ އިތުރުން، ގަވާއިދާ ހިލާފަށް އުމްރާގެ މަސައްކަތްތައް ކުރާ ފަރާތްތަކަށް 10 އަހަރު ދުވަހުގެ މުއްދަތަކަށް ސައުދީ އަރަބިއްޔާއަށް އެތެރެވުން މަނާކުރުމުގެ ފިޔަވަޅު ވެސް އަޅާނެ ކަމަށް ސެކިއުރިޓީ އޭޖެންސީތަކުން ވަނީ ހާމަކޮށްފައެވެ.
ސައުދީ އަރަބިއްޔާގެ ކަމާބެހޭ އިދާރާތަކުން ވަނީ ވިޒިޓް ވިސާގައި ގަވާއިދާ ހިލާފަށް އުމްރާ ޕެކޭޖްތައް އޮޕަރޭޓްކުރުމާއި ބުކްކުރުމާ ދުރުހެލިވުމަށް އަންގައި، އެފަދަ ކަންކަމާ ދެކޮޅަށް ފިޔަވަޅު އެޅުމުގައި ދޫނުދޭނެ ކަމުގެ އިންޒާރު ދީފައެވެ.