ads
ދައުލަތުން ހުށަހެޅި ބަޖެޓް ފޮތް.
ބަޖެޓް 2027: މަޖިލީހުގެ ތަޅުމުން 23 އިސްލާހެއް ހުށަހަޅައިފި
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ފަރާތުން 23 އިސްލާހެއް ހުށަހަޅުއްވައިފި އެވެ.
Advertisement

މި އިސްލާހުތައް ހުށަހަޅާފައިވަނީ ކޮމިޓީ މަރުހަލާ ނިންމައި މަޖިލީހުގެ ތަޅުމުގައި ބަޖެޓް ރިޕޯޓަށް ބަހުސް ފެށުމާ ގުޅިގެންނެވެ.

މަޖިލީހުގެ މާލިއްޔަތު ކޮމިޓީ އާއި އިގުތިސާދީ ކޮމިޓީ އެއްކޮށްލައިގެން އުފެއްދި ބަޖެޓް ކޮމިޓީން ދިރާސާކުރުމަށް ފަހު ނިންމާފައި އޮތީ ބަޖެޓަށް އެއްވެސް ބަދަލެއް ނުގެނެސް، ސަރުކާރުން ހުށަހެޅި ގޮތަށް ފާސްކުރުމަށެވެ. އެގޮތަށް ފާސްކޮށް އެކުލަވައިލި ރިޕޯޓް މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހަޅައި ބަހުސް ފަށާފައިވާއިރު، ރިޔާސަތުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އިއުލާނު ކުރެއްވީ ބަޖެޓަށް 23 އިސްލާހެއް ލިބިފައިވާ ކަމަށެވެ. ނަމަވެސް އެއީ ކޮން މެންބަރުންތަކެއް ހުށަހެޅުއްވި އިސްލާހުތަކެއް ކަމެއް ހާމަކުރައްވާފައެއް ނުވެ އެވެ.

ބަޖެޓް ރިޕޯޓަށް ކުރިއަށްދާ ބަހުސްގައި ކޮންމެ މެންބަރަކަށް ވާހަކަދެއްކެވުމަށް ހަތް މިނިޓުގެ ވަގުތެއް ރިޔާސަތުން ވަނީ ދެއްވައިފަ އެވެ.

ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވަނީ ޖުމްލަ 59.7 ބިލިއަން ރުފިޔާ ގެ ބަޖެޓެކެވެ. މީގެ ތެރެއިން 52.6 ބިލިއަން ރުފިޔާ ހަރަދުގެ ގޮތުގައި ކަނޑައަޅާފައިވާއިރު، 42.7 ބިލިއަން ރުފިޔާއަކީ ރިކަރެންޓް ހަރަދެވެ. އެއީ މުޅި ބަޖެޓުގެ ގާތްގަނޑަކަށް 71.5 ޕަސެންޓެވެ. ދެވަނައަށް އެންމެ ބޮޑު ހަރަދެއް ހިނގާނެ ކަމަށް ލަފާކޮށްފައިވާ ކެޕިޓަލް ހަރަދަށް ކަނޑައަޅާފައިވަނީ 9.8 ބިލިއަން ރުފިޔާ އެވެ.

އަންނަ އަހަރު އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 43.2 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ އަންދާޒާކޮށްފަ އެވެ. މިއީ މި ހިނގާ އަހަރަށް ވުރެ 1.4 ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ. ލިބޭނެ ކަމަށް ލަފާކުރާ އާމްދަނީގެ ގާތްގަނޑަކަށް 77 ޕަސެންޓަކީ ޓެކްސް އާމްދަނީ އެވެ. އެއީ 33.6 ބިލިއަން ރުފިޔާ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް