ads
ކައްވަޅުގެ ކަސްތަޅު 11
އެޕިސޯޑް 11
Advertisement

'އެއީ އަހަރެންގެ ޑެސްކެވެ.

އައިމާ އެކަން ދޮގު އެކުރަނީ ކީއްވެ ހެއްޔެވެ؟

ހަޔާތުގައިވެސް ފުރަތަމަ ފަހަރަށް ލަހުން، މިއަދު ހޭލެވުނީ ކީއްވެ ހެއްޔެވެ؟

އެހެންޏާއި އަހަރެންގެ ސަމާލުކަމަށް ނާންނަ ފިރިހެން ކުއްޖަކު މިއަދު ފާހަގަ ކުރެވުނީ ކީއްވެ ހެއްޔެވެ؟ 

މި ކުލާހުގައި އޭނާ އެ އިނީ ކީއްވެ ހެއްޔެވެ؟

އެއީ ކާކު ހެއްޔެވެ؟ 

އަހަރެން ނޫން އެހެން އެއްވެސް ކުއްޖަކު، އޭނާ އެއީ އައު ކުއްޖެއްކަން ފާހަގަ ނުކުރަނީ ކީއްވެ ހެއްޔެވެ؟'

ވަށައިގެން ހައިރާން ކަމެވެ. އަޖައިބުވެ އަންތަރީސް ނުވާ އެންމެ ކަމެއްވެސް އަސްނާއަށް ދިމާ ނުވެ އެވެ.

ޑެސްކުގެ ކަނުގައި ނިކަން ބާރަށް ހިފަހައްޓާއިލެވުނެވެ.

އޮމާންކޮށް ވަރުނީސް ކޮށްފައިވާ މި ޑެސްކާއި އޭނާ އާއި ގުޅުމެއް ނެތެވެ. 

ގާތް ކަމުގެ އިހުސާސެއް ނެތެވެ. ދަންނަ، ފަރިތަ ގޮތެއްވެސް ނެތީ އެވެ.

ބަހަށް އަރަން އައި މަގުމަތީގައި، މިއަދު ނޫނީ އިރުގެ ދޯދިތަށް އަސްނާގެ ލޮލަށް އަމާޒެއް ނުވެ އެވެ.

ލޯ ހުޅުވާން ފަސޭހައެއް ނުވި އެވެ. 

ގަދަ އަވީގެ ސަބަބުން މޫނުގެ ހަންގަނޑުން ދިލަ ނެގި އެވެ.

އިހްސާސްވަމުން ދިޔައީ ބޮޑު ބަދަލެކެވެ. އިށީންނަ ޑެސްކް ހަމައެކަނި ބަދަލުވީ އެއް ނޫނެވެ. 

އަސްނާ އާއި އޭނާގެ ދުނިޔެ މުޅިން ބަދަލުވެއްޖެ އެވެ. ކުރީގެ ހަނދާންތަކާއި މިއަދުގެ ހަގީގަތް ދިމައެއް ނުވެ އެވެ. 

ޓީޗަރުން ކިޔައިދިން އެއްވެސް އެއްޗެއް މިއަދު އަސްނާގެ ކަންފަތުން ސިކުނޑި އާއި ހަމައަށް ވާސިލެއް ނުވި އެވެ.

ކްލާހުގެ ވަގުތުތަށް ފައިތުވަމުންދިޔައީ އަސްނާގެ ބައިވެރިވުމެއް ނެތި އެވެ. 

ރަނގަބީލުގެ ގަދަ އަޑާއެކު ނުހަނު ގާތުން ކުއްޖަކު ބުނެލި އަޑު އިވުނެވެ.

"ބްރޭކް ޓައިމް" 

ކްލާހަށް ދިރުން އައީ އެވެ. އަޑުގަދަ ވުމާއި ގޮނޑި ދަމާއަޑާއި ހުނުމާއި ސަކަރާތުގެ އަޑުން މުޅިތަން ގުގުމާލައިފި އެވެ.

ދިރުމެއް ނެތި ހިމޭންވެފައިވަނީ އެންމެ ނަފުސެކެވެ.

އަސްނާ އެވެ.

ވަށައިގެން ދެކެވެމުން ދިޔަ ވާހަކަތައް ފާހަގަކުރާން ނޭންގުނަސް، ތިން އަޑެއް އޭނާގެ ސަމާލުކަން ހޭލައްވާލި އެވެ.

ދާދި ގާތުގައި ތިބީ ތިން ކުދިންނެވެ.

މަޖަލުގެ ތެރެއިން ހުނުމާއެކު ދެކެވެމުންދިޔައީ އޮލަ ވާހަކައެކެވެ.  

ފެންނަ ފެނުމަށް އެމީހުންނަށް އަސްނާ އިނގެ އެވެ. ދަންނަ ފަރިތަ އެކުވެރިޔަކު، ބައިވެރިކުރަމުން އެމީހުންގެ ވާހަކަ ކުރިއަށް ގެންދާ ފަދަ އެވެ.

ހައިރާންވެފައި އެމީހުންނާއި ދިމާއަށް އަސްނާ ބަލައިލި އެވެ. 

އެކަކުގެ ފޯނުން އެހެން ކުދިންނަށް ކޮންމެވެސް އެއްޗެއް ދައްކަނީ އެވެ. 

އަސްނާ އާއި ދިމާއަށް އެކުދިން ހިނިތުންވުމާއެކު ބަލަންޖެހޭ ސަބަބެއް ނުވިސްނުނެވެ.

"އަސްނާ... ޔޫ އަރ އެމޭޒިންގ! މުޅި ގްރޭޑުންވެސް ޑެޑްލައިން ހަމަވުމުގެކުރީން ބައެލޮޖީ ވޯކްޝީޓް ހަވާލުކުރީ ހަމައެކަނި އަސްނާ ޔޯ! އަހަރުމެންގެ މަސައްކަތުގައި އެހީތެރިވެދޭން ވީނުން..؟ މިއަދު ސްކޫލް ނިންމާފައި މަޑުކުރެވޭނެތަ؟" އެތަނުން އެއް ކުއްޖަކު ވަރަށް ގާތް ގޮތަކަށް އަސްނާ އާއި ވާހަކަ ދެއްކީތީ، އޭނާގެ ނިއްކުރިއަށް ރޫތަށް އިތުރުވެއްޖެ އެވެ. 

ބުނާނެ އެއްޗެއް ނޭގުނެވެ. 

"ތިއީ މުޅި މި ބެޗްގެވެސް އެންމެ މަޑުމައިތިރި ކުއްޖާ.. އެކަމަކު  ކޮންމެ ފަހަރަކު އެންމެން 'ސަޕްރައިޒް'ކޮށްލާ، އެންމެ 'ސްމާޓް'ކުއްޖަކީވެސް އަސްނާ..! މިއަދު އަހަރުމެންގެ ގްރޫޕާއެކު ވާހަކަދައްކާލަން މަޑުކޮށްލަންވީނުން..؟" އެތަނުން އެހެން ކުއްޖަކު ބުނެލި އެވެ. 

އިވެމުން ދިޔަ އަޑުތަށް ހަޖަމުކުރާން އަސްނާއަށް ދަސްވެފައެއް ނެތެވެ. ދިމާވަމުން މިދަނީ މުޅިން އައު ކަންތަކެވެ. 

އަސްނާގެ ދެ ލޯ ބޮޑުވެއްޖެ އެވެ. 

މިއީ ކޮންކަމެއް ހެއްޔެވެ؟ 

އޭނާގެ މި ސުވާލަށް ޖަވާބު ދޭނީ ކާކު ހެއްޔެވެ؟ 

އެންމެ ގާތް އެކުވެރިން ފަދައިން މިއަދު، އެމީހުން އަސްނާ އާއި ވާހަކަ ދެއްކުމުގެ ސަބަބަކީ ކޮބައި ހެއްޔެވެ؟

އެއިން އެންމެ ކުއްޖެއްގެ ނަންވެސް އަސްނާއަށް ނޭގެ އެވެ. އެއީ ކްލާސްކުދިން ކަމަށް ވެދާނެ އެވެ. އެކަންވެސް އޭނާއަށް ޔަގީނެއް ނޫނެވެ.

އެމީހުންގެ އަޑާއި ރާގައި، ލިބުނު ދައުވަތުގައި ގާތްކަމެއް އެބަހުއްޓެވެ. އެފަދަ ގާތްކަމެއް އަސްނާއަށް އިހުސާސް ވަނީ ކީއްވެ ހެއްޔެވެ؟ އެމީހުންގެ ބެލުންތަކާއި ހަށިގަނޑުގެ ހަރަކާތްތަކުގައި ފަރިތަ ކަމެއް ހުރިކަންވެސް އޭނާއަށް ފާހަގަ ކުރެވެނީ ކީއްވެ ހެއްޔެވެ؟ 

މިއީ ތަފާތެކެވެ. 

ކަންކަން މުޅިން ރަގަޅު ނޫން ކަމުގެ ނިޝާނެކެވެ.

އައިމާ ނޫން އެހެން ކުއްޖަކު އަސްނާގެ ރައްޓެއްސެއްގެ ގޮތުގައި އޭނާ ގަބޫލުކޮށްފައެއް ނުވެ އެވެ. ކުއްލިޔަކަށް މިހާ ގާތްކަމެއް މި ކުދިން ކިބައިން ފެނުމާއި އެކުވެރިކަމުގެ އަތް ދިއްކުރުމުގެ ކުރީން 'ގްރޫޕުގެ މެންބަރު'ކަމުގެ ދައުވަތު ލިބުމަކީ ތަފާތެކެވެ. 

މޭގެ ތެރޭގައި ނުހަނު ބާރަށް ހިތް ތެޅެން ފަށައިފި އެވެ.

ކުރިއަށް ވުރެންވެސް ގާތަށް އެކުދިން ޖެހިލައިފި އެވެ. ޑެސްކުގައި އުޅަނބޮށި ވިއްދައި، އޭނާ އާއި ދިމާއަށް ތިރިވި އެވެ.

އެއްޗެކޭ ބުނަން އަސްނާ މަސައްކަތް ކުރި އެވެ. 

އެމީހުންނާއި ދުރަށް ދިއުމަށް ހިތް ބުނީތީ އެވެ. އެކަމަކު ދެ ފައި ހަރަކާތެއް ނުކުރި އެވެ. ދުލުން އިބާރާތެއް އުފަން ނުވި އެވެ.

ކަރުތެރޭގައި 'ބަންދު'ބޯޑު އަޅުވައިފި އެވެ. ނޭވާގައިވެސް އޭނާގެ ކޮންޓުރޯލެއް ނެތެވެ.

ހިމޭންކަމާއި ބިރުވެރިކަމާއެކު އެމީހުންގެ ތެރޭގައި މަޑުކުރުން ނޫން އެހެން ގޮތެއް ނެތެވެ.

ކަންކަން ވާން ޖެހޭނީ މިހެން ނޫންކަން އަސްނާއަށް ވިސްނެ އެވެ.

ނިއްކުރިން ދާ ބޮކިތައް ހިއްލައިލި ވަގުތު ހިންދިރުވައިލެވުނެވެ. ކަންފަތް ދޮށުގައި މީހަކު އެއްޗެއް ބުނީކަމެއް ނުވަތަ އޭނާއަށް އިހުސާސް ވީކަމެއް އޮޅުމެއް ނުފިލި އެވެ. 

ފުން ނަޒަރަކުން، މީހަކު އޭނާ އާއި ދިމާއަށް ބަލަމުންދާކަން ކަށަވަރެވެ. އެ ދިމާއަށް އެނބުރެވުނުއިރު ދެ ބުމަ ގޮށްޖެހިއްޖެ އެވެ.

ލޮލުގެ ހިމަކޮޅުން ބަލައިލި އެވެ.

ފެންޑާ އާއި ދިމާގައި ހުންނަ ކުޑަދޮރު އެ ހުރީ ހުޅުވާފަ އެވެ.

މެންދުރުގެ މި ވަގުތުގައި ހިޔަންޏެއް ފެންނާނީ ކިހިނަކުން ހެއްޔެވެ؟ އެއީ އަވިދޭނެ ތަނެއް ނޫނެވެ. އެކަމަކު އެއީ ހިޔަންޏެކެވެ. އިންސާނެއްގެ ސޫރަ އެވެ. 

އެ ސޫރަ، ހަރަކާތެއް ނުކުރެ އެވެ. ޖެހިތަނބެއް ފަދައިން ގުޑައިވެސް ނުލައި އެ ހުރީ ކޮޅަށެވެ.

މޭ ފަޅާފައި ހިތް ނިކުމެދާނެހެން ހީވި ވަގުތު އެ ދިމާއަށް އަސްނާ އެނބުރުނެވެ.

ޖެހުނުތާ ލަކުނުވެސް ނެތެވެ. 

ހިޔަންޏެއްވެސް، ސޫރައެއްވެސް، މީހަކުވެސް ނެތެވެ. ކުޑަ ދޮރު ހުރީ ހުޅުވާފަ އެވެ.

އެ ވީ ކިހިނެއް ހެއްޔެވެ؟  (ނުނިމޭ)

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް