އުމްރާއަށް ގެންދާނެ ކަމަށް ބުނެ މީހުންގެ އަތުން ފައިސާ ނަގައި އަސްކޮއި ގުރޫޕުން ލަނޑުދިން މައްސަލަ ފެންމަތިވީ މިއަހަރުގެ ކުރީ ކޮޅުއެވެ.. މިއީ އެ ޖަމާއަތުން ބަޔަކަށް މި ގޮތަށް ލަނޑުދިން ތިންވަނަ ފަހަރެވެ
ފުލުހުން ބުނީ އަސްކޮއެ ޓްރެވަލް ސާވިސަސް ޕްރައިވެޓް ލިމިޓެޑް އިން އުމްރާއަށް ގެންގޮސްދޭނެކަމަށް ބުނެ ގިނަ އަދަދެއްގެ މީހުންގެ އަތުން ފައިސާ ނަގައި އެފައިސާއަށް ހިޔާނާތްތެރިވެފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަ ފުލުހުންނަށް ހުށައަޅާފައިވަނީ މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުކަމަށެވެ.
އެ މައްސަލައާ ގުޅިގެން ކުރިއަށް ގެންދިޔަ ތަހުގީގު ނިންމައި ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ މިމަހުގެ 18 ވަނަ ދުވަހުކަމަށް ފުލުހުން ބުނެ އެވެ. އެހެންނަމަވެސް ދައުވާކުރަން އެދުނީ ކޮންކޮން ބައެއްގެ މައްޗަށް ކަމަށް ފުލުހުން ނުބުނެ އެވެ.
އަސްކޮއެ ޓްރެވަލް ސަރވިސަސް ޕްރައިވެޓް ލިމިޓެޑްގެ ހަވާލުގައި އުމްރާއަށް ދިއުމަށް 109 މީހަކު ފައިސާ ދައްކާފައިވާ ކަމާއި އެ ފައިސާއަށް އަސްކޮއެ ޓްރެވަލް ސާވިސަސް ޕްރައިވެޓް ލިމިޓެޑުން ހިޔާނާތްތެރިވެފައިވާކަން ފުލުހުންގެ ތަހުގީގަށް އެނގިފައިވާކަމަށް ފުލުހުން ބުނެ އެވެ. އެ ފައިސާގެ އަދަދު 2،660،300ރ (ދެމިލިއަން ހަލައްކަ ފަސްދޮޅަސް ހާސް ތިންސަތޭކަ ރުފިޔާ) އަށް އަރާކަމަށްވެސް ފުލުހުން ބުނެ އެވެ.