ބީއެމްއެލް އިން ފޯރުކޮށްދިން 200,000ރ.ގެ މާލީ އެހީތެރިކަމާ އެކު ދިއްގަރު އެކުވެރި ޒުވާނުންގެ ގުޅުން ޖަމިއްޔާއިން ހިންގި މި މަޝްރޫއަކީ ހައިޑްރޯޕޯނިކްސް އަދި ވާޓިކަލް ފާމިން ފަދަ ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ދެމެހެއްޓެނިވި ގޮތެއްގައި ކާބޯތަކެތި އުފެއްދުން އިތުރުކުރުމުގެ މަގްސަދުގައި ކުރިއަށްގެންދިޔަ މަޝްރޫއެކެވެ.
މި މަޝްރޫއުގެ މައިގަނޑު ބޭނުމަކީ ރަށުގައި އުފައްދާ ތާޒާ މޭވާ އާއި ތަރުކާރި ރައްޔިތުންނަށް ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމު ހަމަޖެއްސުމެވެ. އަދި މުޖުތަމައަށް ދަނޑުވެރިކަމުގެ އަމަލީ ތަޖުރިބާ އާއި މައުލޫމާތު ފޯރުކޮށްދިނުމުގެ އިތުރުން، އިގްތިސާދީ އާ ފުރުސަތުތައް ވެސް ފަހިކޮށްދިނުމެވެ.
މ. ދިއްގަރުގައި ކުރިއަށްގެންދިޔަ ސަސްޓެއިނަބަލް އާބަން ފާމިން ކޯޕަރޭޝަން މަޝްރޫއު.
ބީއެމްއެލްގެ ބޭންކް ފަންޑުގެ ދަށުން އެ ބޭންކުން ދަނީ ރާއްޖޭގެ ރަށްރަށުގެ ދެމެހެއްޓެނިވި ތަރައްގީއަށާއި ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށް، މުޖުތަމައު ބާރުވެރިކުރުވުމަށް އެހީތެރިވެދޭ މިފަދަ މުހިންމު މަޝްރޫއުތަކަށް މެދުކެނޑުމެއްނެތި އެއްބާރުލުން ދެމުންނެވެ.