އުމުރުން 18 އަހަރުން ދަށުގެ ކުޑަކުއްޖަކަށް ޖިންސީގޯނާ ކުރުމުގެ ތުހުމަތުގައި ކޯޓް އަމުރެއްގެ ދަށުން ހައްޔަރުކުރީ މި މަހުގެ ތިންވަނަ ދުވަހު އެވެ. ޖެހިގެން އައި ދުވަހު ޝާހިދުގެ ބަންދަށް މުއްދަތު ޖެހުމަށް ކޯޓަށް ހާޒިރުކުރުމުން 30 ދުވަހުގެ ބަންދުގެ މުއްދަތެއް ވަނީ ޖަހާފަ އެވެ.
ކްރިމިނަލް ކޯޓުން ނެރުނު ބަންދު އަމުރު ޝާހިދުގެ ފަރާތްޕުޅުން ހައިކޯޓުގައި އިސްތިއުނާފު ކުރުމާ ގުޅިގެން، މައްސަލައިގެ ސިއްރު އަޑުއެހުންތަކަކަށް ފަހު ހައިކޯޓުން މިއަދު ނިންމާފައިވަނީ، ދަށު ކޯޓުގެ އެ ނިންމުމަށް ބަދަލު ގެންނަންޖެހޭ އެއްވެސް ގާނޫނީ ސަބަބެއް ނެތް ކަމަށެވެ. އެހެންކަމުން ކްރިމިނަލް ކޯޓުން ނެރުނު 30 ދުވަހުގެ ބަންދު އަމުރު ދެމެހެއްޓުމަށް ހައިކޯޓުން ވަނީ ކަނޑައަޅައިފަ އެވެ.
ހައްޔަރުކުރުމުގެ އިރުކޮޅެއް ކުރިން ޝާހިދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ އޭނާގެ "ޝަހުސު ކަތިލުމަށް ސިޔާސީ ގޮތުން ފަތުރަމުންދާ ވާހަކަތަކަކީ" އެއްވެސް އަސްލެއް ނެތް ދޮގެއް ކަމަށެވެ.
ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިކަމުގެ ލަގަބު އަރުވާފައިވާ އަދި އދ.ގެ އާންމު މަޖިލީހުގެ ރައީސްކަން 2021 އިން 2022އަށް ކުރައްވާފައިވާ، ޝާހިދު ހައްޔަރުކުރިއިރު އޭނާ ގެންދެވީ 2028 ގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓް ހޯއްދެވުމަށް ކެމްޕެއިން ކުރައްވަމުންނެވެ.