މި ވަސީލަތްތައް ރަސްމީކޮށް އިފްތިތާހުކޮށްފައިވަނީ ކަސްޓަމްސްގެ ހިދުމަތަށް 136 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ޖަލްސާގަ އެވެ.
މި ޖަލްސާގައި ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް ފާތިމަތު ދިޔާނާ ވިދާޅުވީ އަލަށް ތައާރަފު ކުރެވުނު ބޮޑީވޯން ކެމެރާއާއި ސަވައިލަންސް ޑްރޯނަކީ ކަސްޓަމްސްގެ ކޮންޓްރޯލް ހަރުދަނާކުރުމަށް ފެށުނު ވަރަށް މުހިންމު މަސައްކަތެއް ކަމަށެވެ.
މި ޖަލްސާގައި ވަނީ ކަސްޓަމްސްގެ 136 އަހަރުވީ ދިގު ތާރީހުގެ މައްޗަށް އަލިއަޅުވާލައި އެކުލަވާލާފައިވާ ހާއްސަ ފޮތެއް ނެރެފަ އެވެ.
މީގެ އިތުރުން މި ޖަލްސާގައި ކަސްޓަމްސްގެ މުވައްޒަފުންގެ އަގުވަޒަންކޮށް އެކި ދާއިރާތަކުން އިނާމާއި ޝަރަފުގެ ކުލަ ވަނީ އަރުވާފަ އެވެ.
ކަސްޓަމްސް އޮފިސަރުންގެ މަސައްކަތްތަކުގައި އަލަށް ބޭނުންކުރަން ފެށި ސަވައިލަންސް ޑްރޯނަކީ އޮސްޓްރޭލިޔާ ސަރުކާރުން ހަދިޔާކޮށްފައިވާ އެއްޗެކެވެ. އަދި އޮޕަރޭޝަންތަކުގައި ބޭނުންކުރަން ހަމަޖެހިފައިވާ ބޮޑީވޯން ކެމެރާއަކީ އެމެރިކާ ސަރުކާރުން ހަދިޔާކޮށްފައިވާ ސާމާނެވެ.