ads
ރާއްޖެއިން މިހާތަނަށް ނުފެންނަ ދޫންޏެއްކަމަށްވާ "ރުފަސް-ޓެއިލްޑް ރޮކް ތްރަޝް"
ރާއްޖެއިން މިހާތަނަށް ނުފެންނަ ދޫންޏެއް ފެނި ރަސްމީ ރެކޯޑްތަކަށް
ރާއްޖެއިން މިހާތަނަށް ނުފެންނަ ދޫންޏެއް ފެނި ރަސްމީ ކޮށް ރެކޯޑުތަކުގައި ހިމަނައިފި އެވެ.
Advertisement

ފަރުބަދަމަތީ ގައި އާއްމުކޮށް އުޅޭ  ދޫނި ރާއްޖެއިން ފެނުނީ މ. މުލިންނެވެ. މި ދޫންޏަށް ދީފައިވާ ނަމަކީ "ރުފަސް-ޓެއިލްޑް ރޮކް ތްރަޝް" އެވެ. 

އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ (އީރާ) އިން މީގެ ދެ ދުވަސްކުރިން ނެރުނު ހާއްސަ ސައިންޓިފިކް ރިޕޯޓެއްގައި ބުނެފއިވަނީ މި ދޫނި ފެނިފައިވަނީ ތިމާވެށީގެ ގޮތުން ހާއްސަ އަދި ހިމާޔަތްކުރެވިދާނެ ސަރަޙައްދުތައް ދެނެގަތުމަށް ޓަކައި އީރާގެ ޓީމަކުން މުލަކަތޮޅުގައި ކުރިއަށްގެންދިޔަ ސާވޭއެއްގެ ތެރެއިންނެވެ.

އެގޮތުން، މިދިޔަ މަހުގެ 29ވަނަ ދުވަހުގެ ގެ ހެނދުނު މުލީގެ ދަނޑުވެރިކަންކުރާ ސަރަޙައްދަކުން މި ބާވަތުގެ ދެ ދޫނި ފެނިފައިވާ ކަމަށް އެ ރިޕޯޓްގައި ވެއެވެ. 

އޭގެ ތެރެއިން އެއް ދޫނި ރުކެއްގެ ކުރީގައި އިންދާ އެ އޮތޯރިޓީގެ ހުސައިން ޝުފްރާން ވަބީ ފޮޓޯ ނަގާފައެވެ. އަދި ޖެހިގެން އައި ދުވަހު ވެސް ހަމަ އެ ސަރަޙައްދުން މި ދޫނިތައް ފެނި، އިތުރު ފޮޓޯތައް ނަގާފައިވެއެވެ.

އީއާރުއޭގެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި މި ދޫންޏަކީ އާންމު ގޮތެއްގައި ޔޫރަޕާއި މެދުތެރޭ އޭޝިއާ އާއި އެފްރިކާ އަދި ޗައިނާގެ ފަރުބަދަމަތީ އުސް ސަރަހައްދުތަކުގައި އުޅޭ ދޫންޏެކެވެ. އެހެންވެ، ރާއްޖެ ކަހަލަ ބިންތިރި، ޖަޒީރާ ރަށްތަކަކުން މި ދޫނި ފެނުމަކީ ތިމާވެށީގެ ގޮތުން ވަރަށް ހާއްސަ އަދި އާދަޔާ ހިލާފު ކަމެއް ކަމަށް ބެލެވެ އެވެ.

ނެތިދިއުމުގެ ބިރު ނެތް ދޫންޏެއްގެ ގޮތުގައި ކަނޑައަޅާފައިވާ މި ދޫންޏަކީ ބިންމަތީގައި އުޅެން ލޯބިކުރާ ދޫންޏެކެވެ. 17–20 ސެންޓިމީޓަރުގެ ދިގުމިން ހުންނަ މި ދޫނީގެ ކާނާއަކީ ކުދި ފަނިފަކުސަ އާއި ބައެއް ކަހަލަ މޭވާއެވެ. 

ބިސްއަޅާ މޫސުމުގައި މީގެ ފިރިހެން ދޫނީގެ ބޮލާއި މޭމަތި ހުންނަނީ ނޫ/އަޅި ކުލައެއްގައި ހުންނައިރު ބުރަކަށިމަތި ހުދުކޮށް އަދި ފިޔަގަނޑު ހުންނަނީ ކަޅު ކުލައިގައެވެ. ބަނޑުދަށާއި ނިގޫ ހުންނަނީ ގަދަ މުށި ކުލައެއްގައެވެ. އަންހެން ދޫނި އަދި ބިސްނާޅާ މޫސުމުގެ މީގެ ފިރިހެން ދޫނީގެ ހަށިގަނޑުގެ މަތީބައި ހުންނަނީ ގަދަ މުށި ކުލައިގައި ހުޅުނބުތަކެއް ފަދަ ކުރެހުންތަކަކާ އެކުގައެވެ. އަދި ބަނޑުދަށް ހުންނަނީ ފަނޑު މުށި ކުލައެއްގައެވެ.

މިއީ ރާއްޖެއިން މި ދޫނި ފެނުނު ފުރަތަމަ ފަހަރު ކަމަށް ވާތީ، މި ދޫންޏަށް ކިޔާނެ ވަކި ހާއްސަ ދިވެހި ނަމެއް އަދި ކަނޑައަޅާފައެއް ނުވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް