ads
ޑރ. ވަހީދު ޕާކިސްތާނުގައި
ޕާކިސްތާންްގެ މިންހާޖް ޔުނިވާސިޓީގެ ގްރެޖުއޭޝަންގެ ޗީފް ގެސްޓަކަށް ރައީސް ޑރ. ވަހީދު
ޕާކިސްތާނުގެ މިންހާޖް ޔުނިވާސިޓީ ލާހޯރު (އެމް.ޔޫ.އެލް) ގެ 2026 ވަނަ އަހަރުގެ ދަސްވެނިވުމުގެ ޖަލްސާގެ ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ދިވެހިރާއްޖޭގެ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން ބައިވެރިވެވަޑައިގެންފި އެވެ.
Advertisement

ގާތްގަނޑަކަށް 1,700 ދަރިވަރުން ދަސްވެނިވި މި ރަސްމިއްޔާތު ކުރިއަށް ގެންގޮސްފައިވަނީ ދެ ދުވަހުގެ މުއްދަތަށެވެ.

ޑރ. މުހައްމަދު ވަހީދު ހަސަނަކީ ރާއްޖޭގެ ތައުލީމީ ހަޔާތުގައި ފާހަގަކޮށްލެވޭ ބޭފުޅެކެވެ. އެމަނިކުފާނަކީ ދިވެހިރާއްޖެއިން އެންމެ ފުރަތަމަ ޕީއެޗްޑީ ހާސިލުކުރެއްވި ބޭފުޅާއެވެ. އެމެރިކާގެ މަޝްހޫރު ސްޓެންފޯޑް ޔުނިވާސިޓީން ތައުލީމީ ދާއިރާއިން މާސްޓާސް އަދި ޕީއެޗްޑީ ހާސިލުކުރެއްވުމުގެ އިތުރުން، އެމަނިކުފާނު ވަނީ ލުބުނާނުގެ އެމެރިކަން ޔުނިވާސިޓީ އޮފް ބެއިރޫތުން ވެސް މަތީ ތައުލީމު ހާސިލުކުރައްވާފައެވެ. އަދި ބައިނަލްއަގުވާމީ އެކި ޖަމްއިއްޔާތަކުގައާއި ރާއްޖޭގެ ތައުލީމީ ނިޒާމު ކުރިއެރުވުމުގައި އެމަނިކުފާނު ވަނީ ގިނަގުނަ ހިދުމަތްތަކެއް ކުރައްވާފައެވެ.

މި ރަސްމިއްޔާތުގެ ދެވަނަ ދުވަހު، އެ ޔުނިވާސިޓީގެ ބޯޑް އޮފް ގަވަނަންސްގެ ޑެޕިއުޓީ ޗެއާމަން ޕްރޮފެސަރ ޑރ. ހުސައިން މުހުޔިއްދީން ގާދިރީ އާއި ވައިސް ޗާންސެލަރ ޕްރޮފެސަރ ޑރ. ސާޖިދު މަހްމޫދު ޝަހުޒާދު ވަނީ ޑރ. ވަހީދަށް ހާއްސަ ހަނދާނީ އައްޑަނައެއް އަރުވާފަ އެވެ. ޔުނިވާސިޓީގެ އިސްވެރިން ވަނީ ދަސްވެނިވުމުގެ ދެ ދުވަހުގެ ހަފުލާގައިވެސް ޑރ. ވަހީދު ބައިވެރިވެވަޑައިގެން، ދަސްވެނިވި ދަރިވަރުންނަށް ހިތްވަރުދެއްވައި ވާހަކަފުޅު ދެއްކެވިކަމަށްޓަކައި އެމަނިކުފާނަށް ޝުކުރު އަދާކުރައްވާފަ އެވެ.

މި ޖަލްސާގައި ޑރ. ވަހީދު ދެއްކެވި ވާހަކަފުޅުގައި، 2026 ވަނަ އަހަރު ދަސްވެނިވި ދަރިވަރުންނަށް ލިބުނު ތައުލީމުގެ ބޭނުން ހިފައިގެން މުޖުތަމައަށް ހިދުމަތް ކުރުމަށާއި، އެހެން މީހުންނަށް ކުރިއެރުމުގެ ފުރުސަތުތައް ހުޅުވައިދިނުމަށް އިލްތިމާސް ކުރެއްވި އެވެ. 

މީގެ އިތުރުން، މި ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ދައުވަތު އެރުވުނު ކަމީ އެމަނިކުފާނަށް ލިބިވަޑައިގެންނެވި ވަރަށް ބޮޑު ޝަރަފެއްކަން ފާހަގަކުރައްވައި، ދަސްވެނިވި 1,700 އާ ގާތްކުރާ އަދަދެއްގެ ދަރިވަރުންނަށާއި، އެ ދަރިވަރުންގެ ބެލެނިވެރިންނާއި ޕްރޮފެސަރުންނަށް ޑރ. ވަހީދު ވަނީ ހޫނު މަރުހަބާއަކާއި ތަހުނިޔާ ވިދާޅުވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް