މި ހާދިސާ ހިނގީ އެ ސަރަހައްދުގައި ޖަމާކޮށްފައި ހުރި ކުނިތަކެއްގައި އަލިފާން ރޯވެގެންނެވެ. ފުލުހުން ބުނި ގޮތުގައި އެކަމުގެ މައުލޫމާތު ލިބުމާ އެކު، މިއަދު މެންދުރުފަހު 2:54 ހާއިރުން ފެށިގެން ފުލުހުންނާއި އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ސާވިސްއިން ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ. އަދި ރޯވި އަލިފާންގަނޑު މިހާރު ކޮންޓްރޯލް ކުރެވިފައިވާ ކަމަށާއި، އަލިފާން އެއްކޮށް ނިއްވާލުމުގެ މަސައްކަތް އެމްއެންޑީއެފްއިން އަދިވެސް ކުރަމުންދާ ކަމަށް ފުލުހުން މައުލޫމާތު ދެ އެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަދި މުދަލަކަށް ގެއްލުމެއް ލިބިފައެއް ނުވެ އެވެ.
މޯލްޑިވިއަން ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ވަނީ އަލިފާންގަނޑު ކޮންޓްރޯލް ކުރެވިފައިކަމަށް ބުނެފައެވެ. ނަމަވެސް، އެ ސަރަހައްދުން އަދިވެސް ބޯކޮށް ދުން އަރަމުންދާތީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވަނީ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުން ގޭގޭގެ ކުޑަދޮރުތައް ލައްޕައި ސަމާލުވުމަށް އެދިފަ އެވެ. އަދި އެ ސަރަހައްދު އަވަހަށް އާންމު ހާލަތަކަށް ގެނައުމަށް އެ ކުންފުނީގެ ޓީމުތަކުން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.
މީގެ އިތުރުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއި ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވެސް ވަނީ ދެވަނަ ފިޔަވަހީގެ އެކި ސަރަހައްދުތަކަށް ބޯކޮށް ދުން ފެތުރިފައިވާތީ ސިއްހީ ގޮތުން ރައްކާތެރިވުމަށް ހާއްސަ އިރުޝާދުތަކެއް ނެރެފަ އެވެ. އެގޮތުން ދުމުގެ އަސަރުކޮށްފައިވާ ސަރަހައްދުތަކަށް ޒަރޫރީ ބޭނުމެއްގައި ނޫނީ ބޭރަށް ނުނިކުތުމަށާއި، ކޮންމެހެން ނުކުންނަން ޖެހިއްޖެ ހާލަތެއްގައި ނޭފަތާއި އަނގަ ނިވާވާނޭހެން މާސްކު އެޅުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.
ހަމައެއާއެކު ގޭގެ ކުޑަދޮރުތަކާއި ބޭރަށް ހުޅުވޭ ދޮރުތައް ރަނގަޅަށް ލައްޕާފައި ބެހެއްޓުމަށާއި، ހާއްސަކޮށް ނޭވާލާ ނިޒާމުގެ ބަލިތަކާއި ހިތުގެ ބަލިތައް ހުންނަ ފަރާތްތަކަށް ދުމުގެ ނޭދެވޭ އަސަރު ބޮޑުވާނެތީ އެފަދަ މީހުން އިތުރަށް ސަމާލުވުމަށް އިދާރާތަކުން ބާރުއަޅަ އެވެ. އަދި ނޭވާ ކުރުވުމާއި، ބޯއެނބުރުން ނުވަތަ ކެއްސުން ފަދަ އުނދަގޫތަކެއް ފާހަގަކުރެވިއްޖެ ނަމަ، ލަސްނުކޮށް ސިއްހީ އަވަސް ފަރުވާ ހޯދުމަށް ވެސް އެޗްޕީއޭ އާއި އެންޑީއެމްއޭ އިން ވަނީ އިރުޝާދު ދީފަ އެވެ.