ޖުމުލަ 5،500 އަށްވުރެ ގިނަ ދުވުންތެރިންނާއެކު ހުޅުމާލޭ ސެންޓްރަލް ޕާކުން ފެށި މި ދުވުމަކީ ވޯލްޑް އެތުލެޓިކްސް ރޭންކިންގ ކޮމްޕެޓިޝަނެއްގެ ގޮތުގައި ބަލައިގެންފައިވާ، އޭއައިއެމްއެސް (AIMS) ސެޓިފައިޑް ރޫޓެއްގައި ކުރިއަށްދާ ރޭހެކެވެ. ރޭ މެންދަމު 2:30 ގައި ފެށި 21.1 ކިލޯމީޓަރުގެ ހާފް މެރަތަން މުޅި ރޭހުން އެންމެ އަވަހަށް ނިންމީ ކެންޔާގެ ދުވުންތެރިޔާ ތައިރޫ ޗޭގޭ އެވެ. އޭނާ ރޭސް ނިންމީ 1 ގަޑިއިރާއި 18 މިނެޓް 16 ސިކުންތުންނެވެ. އެންމެ ސިކުންތެއްގެ ފަރަގަކުން ދެވަނަ ހޯދީ ސަންތޯޝް ބިކްރަމް ބިސްޓް (01:18:17) އެވެ. ތިންވަނަ ހޯދީ ދިވެހި ދުވުންތެރިޔާ ޝިފާޒް މުޙައްމަދު (01:20:32) އެވެ.
ހާފް މެރަތަންގެ އަންހެން އޯޕަން ކެޓަގަރީން އެއްވަނަ ހޯދީ ސަންތޯޝީ ޝްރެސްތާ (01:26:39) އެވެ. ދެވަނަ އާއިޝަތު ޖިނާނީ އިބްރާހީމް (01:36:12) ހޯދިއިރު، ތިންވަނަ ލިބުނީ ފާތިމަތު ޝީޒާ (01:51:00) އަށެވެ. ފިރިހެން މާސްޓާސް ބައިން އެއްވަނަ އަސްވާން އަލީ (01:33:57) ހޯދިއިރު، ދެވަނަ އަހްމަދު މުހައްމަދު (01:34:13) އަދި ތިންވަނަ ހޯދީ މުހައްމަދު ހަފީޒް (01:39:12) އެވެ. އަންހެން މާސްޓާސް ބައިން އެއްވަނަ ހުސްނާ މުހައްމަދު (01:58:56)، ދެވަނަ ނެންސީ ވިސޮޓްޒްކީ (02:01:32) އަދި ތިންވަނަ ހޯދީ އާއިޝަތު މަދީހާ (02:24) އެވެ.
މިއަދު ފަތިހު 5:30 ގައި ފެށި 10 ކިލޯމީޓަރުގެ ރޭހުން އެއްވަނަ ހޯދީ ރާއްޖޭގެ ދިގު ރާސްތާގެ އެންމެ ކާމިޔާބު ދުވުންތެރިޔާ ހުސައިން ފަޒީލް ހާރޫން (ފްލޭޝް) އެވެ. އޭނާ ރޭސް ނިންމީ 34 މިނެޓާއި 35 ސިކުންތުންނެވެ. މި ބައިން ދެވަނަ މުހައްމަދު އިރުފާން (00:34:39) ހޯދިއިރު، ތިންވަނަ ހޯދީ ޢަބްދުﷲ ނާސިހް (00:36:11) އެވެ. އަންހެން އޯޕަން ކެޓަގަރީގެ އެއްވަނަ އާއިޝަތު ރިޝްމީ (00:41:32)، ދެވަނަ ފަސޫހާ އަހްމަދު (00:45:47) އަދި ތިންވަނަ އާމިނަތު ޖާއިޝާ ޖުނީޒް (00:45:58) ހޯދި އެވެ.
މީގެ އިތުރުން 10 ކޭ ފިރިހެން މާސްޓާސް ބައިން އެއްވަނަ ކަރީމް މޭކޮކް (00:39:27) ހޯދިއިރު، ދެވަނަ ޢަބްދުﷲ އިބްރާހީމް (00:40:28) އަދި ތިންވަނަ ލިބުނީ ރޮބިން ވޯލް (00:45:38) އަށެވެ. އަންހެން މާސްޓާސް ބައިގެ އެއްވަނަ ޒާރާ ރިޔާޒް (00:53:16) ހޯދިއިރު، ދެވަނަ މަރްޔަމް ޝަމީހާ (00:58:58) އަދި ތިންވަނަ ހޯދީ ފާޠިމަތު ނެލްފާ (00:59:49) އެވެ.
މި ހަރަކާތުގެ ފަސް ކިލޯމީޓަރުގެ އޯޕަން އަދި ޓީމް ކެޓަގަރީގެ ދުވުން މިއަދު ހަވީރު 4:30 ގައި ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ހަވީރު 4:00 އިން ރޭގަނޑު 10:00 އަށް ސެންޓްރަލް ޕާކުގައި ޚާއްސަ ފުޑް ސްޓްރީޓެއް ވެސް ކުރިއަށްދާނެ އެވެ.
ކުޑަކުދިންގެ ރައްކާތެރިކަމަށް ޚާއްސަކޮށްގެން ކުރިއަށްގެންދާ މި ރޭހުގައި، ކޮންމެ ރަޖިސްޓްރޭޝަނަކުން 100 ރުފިޔާ އަދި އެންމެ ގިނަ ވޯޓު ލިބޭ ފަސް ޖަމިއްޔާއަކަށް ޖުމްލަ 200،000 ރުފިޔާ ދިރާގުން ހަދިޔާކުރާނެ އެވެ. އަދި އެކި ކެޓަގަރީތަކުން ވަނަވަނައަށް ހޮވޭ ފަރާތްތަކަށް ފައިސާގެ އިނާމު ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.