ads
އިނާމާ ހަވާލުވުމަށްފަހު ޑރ. މުޙައްމަދު ރަޝީދު އިބްރާހީމްގެ އާއިލާ ރައީސާއެކު ފޮޓޯއަކަށް ހުއްޓި
ޑރ. މުހައްމަދު ރަޝީދާއި އައްބާސް އިބްރާހިމަށް ހިދުމަތުގެ އެންމެ މަތީ ޝަރަފު އަރުވައިފި
އިސްލާމްދީނަށް ހޭލުންތެރިކަން އިތުރުކުރުމުގެ ރޮނގުން ޑރ. މުހައްމަދު ރަޝީދު އިބްރާހިމަށާއި، ދިވެހި ބަހާއި އަދަބިއްޔާތަށް ހިދުމަތް ކުރެއްވުމުގެ ދާއިރާއިން އަލްއުސްތާޒު އައްބާސް އިބްރާހިމަށް، ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އެންމެ މަތީ ޝަރަފު މިރޭ އަރުވައިފި އެވެ.
Advertisement

މި ދެ ބޭފުޅުންނަށް މި ޝަރަފު އެރުވީ، މިއަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމީ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

އިސްލާމްދީނަށް ހޭލުންތެރިކަން އިތުރުކޮށް ދީނީ ރޮނގުން ހިދުމަތް ކުރުމުގެ އެންމެ މަތީ ޝަރަފު އެރުވުނު ޑރ. މުހައްމަދު ރަޝީދު އިބްރާހިމަކީ، މިސްރުގެ އަލްއަޒްހަރު ޔުނިވާސިޓީން މަތީ ތައުލީމު ހާސިލްކުރައްވައިގެން ރާއްޖެ ވަޑައިގަތުމަށް ފަހު، ދީނީ ތައުލީމު ފެތުރުމަށާއި މީހުން ހޭލުންތެރިކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ.

ސަރުކާރަށް ހިދުމަތް ކުރައްވަން އެމަނިކުފާނު ފެއްޓެވީ 8 ފެބްރުއަރީ 1981 ގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އެޑްވައިޒަރެއްގެ މަގާމުންނެވެ. އޭގެ ފަހުން އެ އޮފީހުގެ ހާއްސަ ވަކީލުކަން ވެސް ކުރެއްވި އެވެ. އަދި އަލްމަދްރަސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާ އުފެދުމާ އެކު އެ ސްކޫލުގެ މުދީރުކަމާއި، އިސްލާމީ ކަންތައްތަކާ ބެހޭ އެންމެ މަތީ މަޖިލީހުގެ ރައީސްކަމާއި، އިސްލާމިކް މިނިސްޓަރުގެ އެޑްވައިޒަރުކަން ވެސް އެމަނިކުފާނު ކުރެއްވި އެވެ. މީގެ އިތުރުން އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ ރައީސްކަމާއި މެންބަރުކަން ވެސް އަދާކުރެއްވި އެވެ.

ދައުލަތަށް 40 އަހަރަށް ވުރެ ދިގު މުއްދަތަކަށް ހިދުމަތް ކުރެއްވި ޑރ. މުހައްމަދު ރަޝީދަކީ ކީރިތި ގުރުއާން ދިވެހި ބަހަށް ތަރުޖަމާކުރުމުގެ ކޮމެޓީގައި އިސްކޮށް މަސައްކަތް ކުރެއްވި ބޭފުޅެކެވެ. ދީނީ ފޮތްތަކާއި ހުތުބާތައް ލިޔުއްވުމުގެ އިތުރުން، ރޯދަ މަހުގެ އިހުޔާ ފޯރަމްތަކާއި ޓީވީ އަދި ރޭޑިއޯގެ ދީނީ ޕްރޮގްރާމުތަކުގައި ވެސް އެމަނިކުފާނު ވަނީ އަގުހުރި ހިދުމަތްތަކެއް ކޮށްދެއްވައިފަ އެވެ.

ދިވެހި ބަހާއި އަދަބިއްޔާތަށް ހިދުމަތް ކުރެއްވުމުގެ ދާއިރާއިން އެންމެ މަތީ ޝަރަފު އެރުވުނު އައްބާސް އިބްރާހިމަކީ ލިޔުންތެރިކަމާއި ވާހަކަދެއްކުންތެރިކަމުގެ ފަންނުގައި ފާހަގަކޮށްލެވޭ ބޭފުޅެކެވެ. ނޫސްވެރިކަމަށް އޮތް ލޯތްބެއްގެ ބޮޑުކަމުން އަދަބިއްޔާތުގެ ތެރެއަށް ވެދެވަޑައިގެންނެވި އައްބާސް ވަނީ 1979 އިން ފެށިގެން "އާފަތިސް" ނޫސް ނެރުއްވަން ފައްޓަވައި، ނޫސްވެރިކަމުގެ ރޮނގުން ގައުމީ އިނާމާއި ޝަރަފުވެރިކަމުގެ އިނާމު ވެސް ހާސިލްކުރައްވައިފަ އެވެ.

your imageދިވެހިބަހާއި އަދަބިއްޔާތަށް ޚިދުމަތްކުރުމުގެ އެންމެ މަތީ ޝަރަފު ޢައްބާސް އިބްރާހީމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަރުއްވަނީ - ފޮޓޯ: ރައީސް އޮފީސް

އައްބާސްއަށް ބަހުގެ ދާއިރާއިން އެންމެ ބޮޑު ހިދުމަތެއް ކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގަތީ 1996 ގައި ދިވެހި ބަހާއި ތާރީހަށް ހިދުމަތްކުރާ ގައުމީ މަރުކަޒުގެ ރައީސްކަމާ ހަވާލުވެވަޑައިގަތުމުންނެވެ. އެ މަގާމުގައި ހުންނަވައިގެން ދިވެހި ބަސްފޮތް ޑިޖިޓަލައިޒް ކުރެއްވުމުގެ މަސައްކަތް އިސްނަންގަވައިގެން ކުރެއްވި އެވެ. އަދި ދިވެހި ބަހުގެ އެކެޑަމީގެ ބަސް ކޮމެޓީގެ މެންބަރުކަން ކުރެއްވުމުގެ އިތުރުން، މިހާރު ވެސް އަންނަނީ ދިވެހި ބަހުގެ ގަވައިދު ކޮމެޓީގެ ރައީސްކަމާއި ދިވެހި ލިޔުންތެރިންގެ ޖަމިއްޔާގެ ރައީސްކަން ކުރައްވަމުންނެވެ.

އައްބާސް އިބްރާހިމަކީ ބޭރުގެ އަދަބީ ލިޔުންތަކާއި ވާހަކަތައް ދިވެހި ބަހުގެ ހަމަތަކާ އެއްގޮތަށް ތަރުޖަމާކުރެއްވުމުގެ އިތުރުން، ވާހަކަ އާއި މަޒުމޫނު އަދި ޅެންވެރިކަމުގެ ދާއިރާގައި ވެސް ފާހަގަކޮށްލެވޭ އަގުހުރި ހިދުމަތްތަކެއް ކޮށްދެއްވަމުން ގެންދަވާ ބޭފުޅެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް