ރޮހިންގާ ދަރިކޮޅުގެ މީހުން ނައްތާލުމުގެ ނިޔަތުގައި މިޔަންމާއިން ޢަމަލުކޮށްފައިވާ ކަމަށް އައިސީޖޭއިން ވަނީ ކަނޑައަޅާފަ އެވެ.
ރައީސް މުއިއްޒު ފާހަގަކުރެއްވި ގޮތުގައި މި ހުކުމަކީ ނަސްލު ނައްތާލުމާ ދެކޮޅު މުޢާހަދާ (ޖެނޮސައިޑް ކޮންވެންޝަން) ނެގެހެއްޓުމަށް ބައިނަލްއަގްވާމީ ފެންވަރުގައި ކުރެވެމުންދާ މަސައްކަތްތަކަށް ލިބުނު މުހިންމު ކުރިއެރުމެކެވެ.
މީގެއިތުރުން ބައިނަލްއަގްވާމީ ގާނޫނީ ޒިންމާތައް ދެމެހެއްޓުމަށާއި، ސުލްޙަވެރި އަދި ޝަރުއީ ނިޒާމުގެ ތެރެއިން ޖަވާބުދާރީކުރުވުން ކުރިއެރުވުމުގައި އައިސީޖޭގެ މުހިންމު ދައުރު މި ނިންމުމުން ވަރަށް ބޮޑަށް ހާމަވެގެންދާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ޖެނޮސައިޑް ހުއްޓުވުމަށާއި، ޖަވާބުދާރީކުރުވުމާއި އިންސާފު ގާއިމްކުރުމުގެ އިތުރުން އިންސާނީ ކަރާމާތް ރައްކާތެރިކުރަން ކުރެވޭ މަސައްކަތްތަކަށް އެއްބާރުލުންދީ، ބައިނަލްއަގްވާމީ ގުޅުންތައް އިތުރަށް ހަރުދަނާކުރަން ވެސް ރައީސް ވަނީ ގައުމުތަކަށް ގޮވާލައްވައިފަ އެވެ.
މިޔަންމާގެ ރަކީން ސްޓޭޓްގައި ދިރިއުޅޭ ރޮހިންޖާ މުސްލިމުންގެ ނަސްލު ނައްތާލުމަށް އެ ގައުމުގެ އަސްކަރިއްޔާއިން ހިންގި ލާއިންސާނީ ޖަރީމާތަކާ ގުޅިގެން، ދަ ގެމްބިއާއިން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް އަށް ހުށަހެޅި މައްސަލައަށް ބައިނަލްއަގްވާމީ މުޖުތަމައުގެ ބޮޑު އެއްބާރުލުމެއް ލިބިގެންދިޔަ އެވެ. އެގޮތުން ރާއްޖެއިން ވެސް ވަނީ 2020 ވަނަ އަހަރުގެ ފެބްރުއަރީ މަހު މި މައްސަލައިގެ ތެރެއަށް ތަދައްހުލުވުމަށް ނިންމައި، ގެމްބިއާއާ އެއްކޮޅަށް ރަސްމީކޮށް ގާނޫނީ ހުށަހެޅުންތައް ހުށަހަޅައިފަ އެވެ.
ރާއްޖޭގެ އިތުރުން ކެނެޑާ، ޑެންމާކް، ފްރާންސް، ޖަރުމަނު، ނެދަލޭންޑްސް އަދި އިނގިރޭސިވިލާތުން ވެސް ވަނީ މި މައްސަލައިގައި ތަދައްހުލުވެފަ އެވެ. އެ އޮޕަރޭޝަންގައި އެތައް ހާސް ރޮހިންޖާ މުސްލިމުންނެއް މަރާލައި، އަންހެނުންނަށް ޖިންސީ ގޯނާކޮށް، އަދި އެ މީހުންގެ ގެދޮރާއި އަވަށްތަކުގައި ހުޅުޖަހައި އަންދާލުމުގެ ސަބަބުން، 700,000 އަށްވުރެ ގިނަ ރޮހިންޖާ ރައްޔިތުން ވަނީ ފުރާނަ ސަލާމަތްކުރުމަށް އަވަށްޓެރި ބަންގްލަދޭޝްއަށް ހިޖުރަކޮށްފަ އެވެ. އދ. ގެ ތަހުގީގު ޓީމުތަކުން އޭރުވެސް ކަނޑައަޅާފައިވަނީ މިއީ ނަސްލު ނައްތާލުމުގެ ނިޔަތުގައި ހިންގާފައިވާ އަމަލުތަކެއް ކަމަށެވެ.