ދުނިޔޭގެ އެކި ގައުމުތަކުގެ ފަނޑިޔާރުން ހިމެނޭ ބެންޗަކުން މިއަދު އިއްވި މި ހުކުމަކީ ބައިނަލްއަގުވާމީ ކޯޓަކުން ދައުލަތެއްގެ މައްޗަށް ނަސްލު ނައްތާލުމުގެ ކުށް ސާބިތުވި ފުރަތަމަ ފަހަރެވެ.
މިޔަންމާއާ ދެކޮޅަށް މި މައްސަލަ ހުށަހެޅީ ގެމްބިއާއިންނެވެ. ނަސްލު ނައްތާލުމުގެ ހަތަރު އަމަލެއް މިއަންމާގެ މައްޗަށް ސާބިތުވެފައިވެ އެވެ. އެއީ؛
- އާއްމުން މެރުން
- މަޖުބޫރުން ގިނަ ބަޔަކު ގައުމު ދޫކޮށް ދިއުން
- ކުޑަކުދިންނަށް ބޮޑެތި އަނިޔާތައް ދިނުން
- ދަރިމައިވުން ހުއްޓުވުމަށް މަސައްކަތް ކުރުން
މި މައްސަލައަކީ ރޮހިންގާ ދަރިކޮޅު ނައްތާލަން މިޔަންމާއިން މަސައްކަތްކުރި ކަމަށް ތުހުމަތުކޮށް، 11 ނޮވެންބަރު 2019 ގައި ގެމްބިއާއިން އައިސީޖޭއަށް ހުށަހެޅި މައްސަލައެކެވެ. ގެމްބިއާއިން އެދުނީ 1948 ވަނަ އަހަރުގެ ޖެނޮސައިޑް ކޮންވެންޝަނާ މިޔަންމާއިން ހިލާފުވެފައިވާ ކަމަށް ކަނޑައަޅައި، ރޮހިންގާ މީހުންނަށް އަމާޒުކޮށް ހިންގާ ގާނޫނާ ހިލާފު އަމަލުތައް ހުއްޓުވައި އަދަބު ދިނުމަށެވެ.
މިޔަންމާ އަސްކަރިއްޔާއިން ބުނަމުން ދިޔައީ އެއީ އަރަކާން ރޮހިންޖާ ސެލްވޭޝަން އާމީ (އާސާ)ގެ ހަނގުރާމަވެރިން ފުލުހުންގެ ޕޯސްޓުތަކަށް ދިން ހަމަލާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށެވެ. ނަމަވެސް މި މައްސަލައިގެ ހުކުމް އިއްވަވަމުން އައިސީޖޭގެ ރައީސް ޔޫޖީ އިވަސާވާ ވިދާޅުވީ، މިޔަންމާގެ ސަލާމަތީ ބާރުތަކުން ރޮހިންގާ ދަރިކޮޅުގެ 10,000 އެއްހާ މީހުން މަރާލައި، ފުޅާ ދާއިރާއެއްގައި ޖިންސީ އަނިޔާކޮށް، ކުޑަކުދިންނަށް އަނިޔާދީފައިވާކަން ސާބިތުވާ ކަމަށެވެ.
އދ. ގެ ތަހުގީގު ޓީމުތަކުން އޭރުވެސް ކަނޑައަޅާފައިވަނީ މިއީ ނަސްލު ނައްތާލުމުގެ ނިޔަތުގައި ހިންގާފައިވާ އަމަލުތަކެއް ކަމަށެވެ.