ޖޭއެސްސީން މިއަދު ނެރުނު ސާކިއުލާގައިވާ ގޮތުން އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ މުޚާތަބު ކުރާއިރު މަގާމުގެ ނަމުގެ ކުރިއަށް އޮނަރަބަލްގެ ލަގަބު ބޭނުންކުރަން ޖެހޭނެ އެވެ.
މީގެ އިތުރުން ހައި ކޯޓުގެ ފަނޑިޔާރުންނާއި ދަށު ކޯޓުތަކުގެ ފަނޑިޔާރުންނާ މުހާތަބު ކުރާއިރު ބޭނުން މަގާމުގެ ނަމާއެކު އަލްއުސްތާޒު ނުވަތަ އަލްއުސްތާޒާ ނުވަތަ ޑޮކްޓަރުގެ ލަގަބު ބޭނުން ކުރަންޖެހޭނެ ކަމަށް އެ ސާކިއުލާގައިވެ އެވެ.
އަތޮޅުތަކުގެ މެޖިސްޓްރޭޓް ކޯޓުތަކާ ގުޅޭގޮތުން ޖޭއެސްސީން ނިންމާފައިވަނީ، ޖުޑީޝަލް ދާއިރާތަކުގެ އިސްވެރިންނަށް "(ޖުޑީޝަލް ދާއިރާގެ ނަން) ގެ އިސް މެޖިސްޓްރޭޓް"ގެ ނަމުން އަދި މެޖިސްޓްރޭޓް ކޯޓުތަކުގެ ފަނޑިޔާރުންނަށް "މެޖިސްޓްރޭޓް" ގެ ނަމުން މުހާތަބުކުރުމަށެވެ.
ފަނޑިޔާރުންގެ ގާނޫނުގައިވާ ގޮތުގެ މަތީން ރާއްޖޭގެ އެކި ދަރަޖައިގެ ކޯޓުތަކަށް ފަނޑިޔާރުން އައްޔަންކުރެވޭއިރު، މިއީ ކޯޓުތަކުގެ ދަރަޖަތަކާ އެއްގޮތަށް ފަނޑިޔާރުންނަށް މުހާތަބުކުރުމުގައި އެއްގޮތް އުޞޫލެއް ގާއިމުކުރުމުގެ ގޮތުން ނިންމާފައިވާ ނިންމުމެކެވެ.