ގިނަ ބައެއްގެ ޝައުޤުވެރިކަމާއެކު އިންތިޒާރުކުރަމުންދާ މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހު 26 އިން ފެށިގެން 28 ވާ ހޮނިހިރު ދުވަހުގެ ނިޔަލަށެވެ.
ދިރާގުން ބުނި ގޮތުގައި މި އަހަރުގެ ޗެމްޕިއަންޝިޕްގައި ޖުމްލަ ފަސް ކުޅިވަރެއް ވަނީ ހިމަނާފަ އެވެ. އޭގެ ތެރޭގައި ވީޑިއޯ ގޭމްތަކާއި ޓޭބަލްޓޮޕް ބޯޑް ގޭމްތައް ހިމެނެ އެވެ.
އެގޮތުން، ވީޑިއޯ ގޭމްތަކުގެ ތެރެއިން ހިމެނޭ "އީ.އޭ ސްޕޯޓްސް އެފް.ސީ 27" ކުރިއަށްދާނީ 1v1 ނޮކައުޓް އުސޫލުން ކަމަށް ދިރާގުން ވަނީ ބުނެފަ އެވެ. އަދި "ޓެކެން 8" މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 15،000 ރުފިޔާގެ ފައިސާގެ އިނާމަކާއެކު 1v1 ޑަބަލް އެލިމިނޭޝަން ފޯމެޓަށް ކަމަށް ދިރާގުން ބުންޏެވެ.
މީގެ އިތުރުން، އީ.އޭ ސްޕޯޓްސް އެފް.ސީ 27 މުބާރާތުން ވަނަވަނައަށް ދާ ކުޅުންތެރިންނަށް 25،000 އާ 27،000އާ ދެމެދު ފައިސާގެ އިނާމުތައް ވަނީ ކަނޑައަޅާފަ އެވެ.
އީ-ސްޕޯޓްސް ގޭމްތަކުގެ އިތުރުން، މިއަހަރުގެ މުބާރާތުގައި ޓޭބަލްޓޮޕް ދެ ކުޅިވަރެއް ވެސް ވަނީ ތައާރަފުކޮށް ފައެވެ. އޭގެ ތެރޭގައި، 5،000 ރުފިޔާގެ ފައިސާގެ އިނާމަކާއެކު ބާއްވާ "ކަޓާން" ބޯޑް ގޭމް މުބާރާތުގެ އިތުރުން، ދެމީހުންގެ ޓީމުތަކުގެ މެދުގައި ވާދަކުރާ "ވޯހޭމާ 40,000: ކިލް ޓީމް ބްލިޓްޒް" މުބާރާތް ހިމެނެ އެވެ.
މި މުބާރާތްތަކަކީ އުމުރުން 12 އަހަރުން މަތީގެ ކޮންމެ ފަރާތަކަށް ވެސް ބައިވެރިވެވޭ ގޮތަށް ހުޅުވާލެވިފައިވާ މުބާރާތްތަކެކެވެ.
މީގެ ތެރެއިން އީ.އޭ ސްޕޯޓްސް އެފް.ސީ 27، ޓެކެން 8 އަދި ކިލް ޓީމް ބްލިޓްޒްގައި ރަޖިސްޓްރީވުމުގެ އެންމެ ފަހު މުއްދަތަކީ މި މަހުގެ 22 ވަނަ ދުވަހުގެ ރޭ 11:59 އެވެ. އަދި ކަޓާން އަދި ވޯހޭމާ 40،000 ގައި ބައިވެރިވުމުގެ ފުރުސަތު، މުބާރާތް ނިމެންދެން ވަނީ ހުޅުވާލާފަ އެވެ.
ރާއްޖޭގެ އެންމެ ބޮޑު ގޭމިން ޕްލެޓްފޯމްގެ ކަމަށްވާ ޑީޖީޖީން އަންނަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އީ-ސްޕޯޓްސް ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކޮށް، އަންނަން އޮތް ޖީލުތަކުގެ ގޭމިން ހުނަރުތައް އިތުރުކުރުމަށް މުހިންމު މަސައްކަތްތަކެއް ކުރަމުންނެވެ.
މި މުބާރާތަކީ ދިރާގުން ދިވެހި ގޭމިން އާ އުސްމިންތަކަކަށް އުފުލުމަށް ކުރަމުން އަންނަ މަސައްކަތްތަކުން ހާސިލުކޮށްފައިވާ އިތުރު ކާމިޔާބީ އެކެވެ.