ވަޒީރު މިހެން ވިދާޅުވީ އިހަވަންދިއްޕޮޅުގައި ހިންގާ މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ މަޝްރޫއާ ގުޅިގެން އެސްޓީއޯ އަދި ސާހު ގްރޫޕާ ދެމެދު ވެވުނު އެއްބަސްވުމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުންނެވެ.
ސައީދު ފާހަގަކުރެއްވި ގޮތުގައި، މިއީ ރާއްޖޭގެ އުތުރުގެ ސަރަހައްދު އިގްތިސާދީ މައި މަރުކަޒަކަށް ހެއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދުފުޅު ފުއްދެވުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. އަދި މީގެ ސަބަބުން ރާއްޖޭގެ އިގްތިސާދު ސިންދަފާތުވެ، އައު ވަޒީފާތަކާއި ވިޔަފާރީގެ ފުރުސަތުތައް ފަހިވެގެންދާނެ އެވެ.
މި އެއްބަސްވުމާއެކު ދެން ކުރިއަށްދާނީ ތަފްސީލީ މަޝްވަރާތައް ކަމަށާއި، މާ ލަސްތަކެއް ނުވެ މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށް ވަޒީރު ވިދާޅުވި އެވެ.
މި މަޝްރޫއުގެ ދަށުން އިހަވަންދިއްޕޮޅުގައި ބައިނަލްއަގުވާމީ ފެންވަރުގެ ބަނދަރަކާއި، މުދާ ގުދަންކުރާ ތަންތަނާއި، ކަނޑުދަތުރުފަތުރާ ގުޅޭ އެކި ހިދުމަތްތައް ގާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ވިޔަފާރިއާއި ސިނާއީ މަސައްކަތްތަކަށް ބޭނުންވާ ވަސީލަތްތަކާއި، ފަތުރުވެރިކަމުގެ ހިދުމަތްތައް ވެސް އެ ސަރަހައްދުގައި ތަރައްގީކުރެވޭނެ އެވެ.