ads
ކައްވަޅުގެ ކަސްތަޅު 10
އެޕިސޯޑް 10
Advertisement

ބީޕް..!ބީޕް..!ބީޕް..!ބީޕް..!

ކަންފަތް ފަޅައިގެންދާ ބާރުމިނުގައި ފޯނު އެލާމް ވެއްޖެ އެވެ. ދެ ލޯ ހުޅުވުނީ ވަރުބަލި ކަމާއެކު އެވެ. ނަމަވެސް ގަޑިފެނުމާއެކު ފުންމައިގެން ތެދުވެއްޖެ އެވެ.

ގަޑިން ހަތްގަޑި ފަންސާސް އަށެކެވެ. ހިތް ނުހުއްޓުނީ ކިރިޔާ އެވެ. މިހައި ލަހުން އަސްނާ ދުވަހަކުވެސް ނުހޭލަ އެވެ.

"ނޫން..ނޫން...ނޫން..... ކޮންމެވެސް ބަހެއް މަޑުކުރާތި ޕްލީޒް ޕްލީޒް ޕްލީޒް.." ގައި މަތީން ރަޖާ ނަގައި އެއްލައިލުމަށްފަހު ދުވެފައި ގޮސް ފާހާނާއަށް ވަދެއްޖެ އެވެ. 

ދަތް އުނގުޅައި މޫނު ދޮވެގެން ނިކުމެ، ރޫ ގުޅައެއްހެން އޮތް ޔުނިފޯމް ލައިގެން، ބޮނޑިވެފައި އޮތް ބުރުގާ އަޅައި، އެގޮތް މިގޮތަށް ޕިންތައް ޖަހައިފި އެވެ. އަތު ޖެހުނު ދަބަސް ހިފައިގެން އިސްޓާކީނަށްވެސް ނާރައި، ބޫޓުގެ ތެރެއަށް ފައި ކޮށްޕައި ލައިފި އެވެ.

އަނގަޔަށް ފެންފޮދެއްވެސް ނުލައި ހައިބަނޑާ ސްކޫލަށް ދަތުރު ފަށައިފި އެވެ.

އެހެން ދުވަސް ދުވަހު ބޫޓުގެ ކޮޅަށް ބަލަމުން ހިނގިޔަސް މިއަދު އަސްނާ، 'ބަސް ސްޓޮޕަށް' އެ ދިޔައީ ދުވެފައި އެވެ.

މިއަދު ލަހުން ހޭލެވެން ޖެހުނު ސަބަބަކީ ކޮބައިބާ އެވެ؟ 

އަސްނާއަކީ އަބަދުވެސް އެއް ވަގުތެއްގައި ހޭލާ ކުއްޖެކެވެ. ސްކޫލަށް ގަޑިޖެހިފަ އެއް ނެތެވެ. 

އޭނާއަށް ދިމާވަމުންދާ ކަންކަން ރަގަޅު ނޫންކަމަށް އަސްނާގެ ސިކުނޑި ރަނގަބީލު އަޅަނީ އެވެ. 

ވަގުތަށް ނުހޭލެވުނު މައްސަލަ އެކަންޏެއް ނޫނެވެ. ހިތާއި ހަށިގަނޑު ގައިވެސް ތަފާތެއްވޭ އެވެ.

ސިކުނޑިއަށް ވިސްނައިގަންނާން ނޭގޭ ބޮޑު ހަގީގަތެއް އޭނާ އާއި ގުޅިއްޖެ އެވެ.

ހަޔާތުގެ ސޮފުހާގައި މީގެކުރީން ލިޔެވިފައިވާ ވާހަކަތައް ފޮހެވި އަލުން ފޮޅުވަތްތައް ފުރެން ފަށައިފި އެވެ. 

އަސްނާއަށް ނޭގުނީ އެ ފޮޅުވަތް ތަކުގައި އޮތް އެއްޗެކެވެ. ހަޔާތުގެ ސަފްހާގައި އޭނާއަށް އޮތް ނިޔާ އެވެ.

ލަސްވިޔަސް، ސްކޫލަށް އާދެވިއްޖެ އެވެ. 

ދެން އޮތް ގަޑި ފެށުމުގެ ކުރީން އޭނާ ކުލާހަށް ވަންނަން ބޭނުމެވެ. 

ލަދުގަތަސް، ދުއްވައިގަތެވެ. 

ކުލާހުގެ ދޮރު ނުހަނު ބާރަށް ހުޅުވާލާފައި އަސްނާ އެތެރެއަށް ވަދެއްޖެ އެވެ. ދުވެލާފައި އުޅުމުން އޭނާގެ ހިމޭން ހިތުގައި ބާރަށް ޖަހަމުންދިޔަ ވިންދުގައި ވަރުބަލި ކޮށްލައިފި އެވެ.

އެތެރެއަށް ވަދެ، ކުރިއަށް އެޅި ފިޔަވަޅުމަތީގައި ހުއްޓުން އެރި އެވެ.

ކުރިން ދެވަނަ ބަރީން ބޭރު ކުޑަދޮރާއި އެންމެ ގާތަށް ހުރި ޑެސްކުގައި މިއަދު އެއިނީ އެހެން ކުއްޖެކެވެ.

އެތަނުގައި އެ އިނީ ފިރިހެން ކުއްޖެކެވެ.

އިސްކޮޅުން ދިގު، ހަމުގެ ކުލަ އަލި ކުއްޖެކެވެ. 

ފެންނަ ފެނުމަށް އޭނާ އަކީ މަޑުމައިތިރި ކުއްޖެކޭ ބުނެވިދާނެ އެވެ. 

ތަރުތީބެއް ނެތި ހޭވިފައިވާ ބޮލުގެ ކަޅު އިސްތަށިގަނޑެކެވެ. އޭނާއަށް ބަލައިލާ ކޮންމެ މީހެއްގެ ސަމާލުކަން ހޯދާ ފަދަ ފިސާރި ހަށިގަނޑެކެވެ. 

ކުޑަދޮރުން ބޭރަށް ބަލަހައްޓައިގެން އިން ގޮތުން، އެއީ އޭނާއަށް ފަރިތަ އަދި އޭނާއަށް ހާއްސަ ޖާގައެއްހެން ހީވެ އެވެ.

އޭނާއާއި ދިމާއަށް ބަލަހައްޓައިގެން އަސްނާއަށް ހުރެވުނެވެ.

އެއީ އެ ކުލާހުގައި އަސްނާއަށް ހާއްސަ ޑެސްކު ކަމަށް ވާތީ އެވެ. 

އެއީ ކޮންމެ ދުވަހަކު އަސްނާ އިށީންނަ ގޮނޑި އެވެ.

މި ސެމިސްޓަރ ފެށުނީއްސުރެން އެ ޖާގައިގަ އެހެން ކުއްޖަކު ނީށީންދެ އެވެ.

އަސްނާއަށް އެކަން ޔަގީނެވެ...!..؟

"ހެލޯ އަސްނާ!" އައިމާގެ އަޑު އަސްނާ ސިއްސުވާލި އެވެ. 

ފިކުރެއް ހިޔާލެއް ނެތި އުދުހޭ ދޫންޏެޔޭ އައިމާ އެކޭ ތަފާތެއް ނެތެވެ. ވަށައިގެން ހިނގާ އެއްވެސް ކަމަކަށް އޭނާގެ އަޅާލުމެއް ނެތެވެ.

"ވަޓް އިޒް ގޮއިންގ އޮން؟ ހޫ އިޒް ދެޓް ގައި؟" ނޭވާ ކުރުވެފައި ހުއްޓަސް އަސްނާގެ ސުވާލު އައިމާއަށް އަމާޒުކުރި އެވެ.

ވާނުވާ ނޭގިފައި އައިމާގެ ނިއްކުރިއަށް ރޫ އަރުވާލި އެވެ. 

"މިއަދު ކީއްވެ ގަޑިޖެހުނީ؟ މި ނޫނީ ދުވަހަކުވެސް އަސްނާ ގަޑިއެއް ނުޖެހޭ.. ރޭގައި ޗެޓް ރޫމް ކިހިނެއް؟ އެހެން ރޭ ރޭ އާއި ބަލާފައި ރޭގައި އެންމެން ހައިޕަރވެގެން އުޅުނު ގޮތެއް ދޯ..!" މަޖަލާއި ފަހުރުވެރިކަމާއެކު އައިމާ ބުނެލި އެވެ. 

އަސްނާގެ ހާސްކަމެއް އަދި ނުތަނަވަސް ކަމެއްވެސް އައިމާ އާއި ހަމައަށް ވާސިލެއް ނުވި އެވެ.

"ހޫމް.. އިޓް ވޯޒް ފަން.. އެކަމަކު އަހަންނަށް ބުނެދީބަލަ، އަހަރެންގެ ޑެސްކުގައި އޭނާ އެ އިނީ ކީއްވެކަން؟" ދެ ބުމަ ގޮއްޖަހައިލާފައި އަސްނާ ބުނެލި އެވެ.

ބަނޑުގައި އަތް އަޅާފައި އައިމާ ހޭންފެށި އެވެ. 

"ކީކޭ ތި ކިޔަނީ؟ ގަޑި ޖެހިގެން އާދެވުނީމައި، ވާނުވާވެސް ނޭގުނީ ދޯ..! އެއީ އަސްނާގެ ޑެސްކެއް ނޫން.. އަސްނާ އަކީ އަބަދުވެސް އެންމެ ކުރީ ބަރީގައި އިންނަ ކުއްޖެއް.. މި ސެމިސްޓަރ ފެށުނީއްސުރެންވެސް އަސްނާ އިންނަނީ މި ކުލާހުގެ އެންމެ ކުރީ ބަރީގަ.." ޔަގީންކަމާއެކު އައިމާ ބުނެލި އެވެ. 

އަސްނާގެ ބަނޑުގައި ގަޑުބަޑެއް އުފެދުނެވެ. ނިއްކުރިއަށް ބަރުވެ ކަންފަތުން ހޫނު އަލިފާން ނިކުތްހެން ހީވި އެވެ.

"ވަޓް!!!"

އޭރު އަސްނާ ހުރަސްކޮށް އައިމާ ކުރިއަށް އަރައިފި އެވެ.

"ތަންކޮޅެއް ބާރަށް އާދެބަލަ..! އަނެއް ގަޑި ފަށަން އެއުޅެނީ.."

ހިތާއި ސިކުނޑި އާއި ދެމެދު ވަމުންދިޔަ އަރާރުމުގައި ނަފުސު ބައިވެރިއެއް ނުވި އެވެ. 

މަޑު ހިނގުމުގައި ގޮސް، ހުސްކޮށް ހުރި ގޮނޑީގައި އަސްނާ އިށީނެވެ.

އެ ނޫން ހުސް ގޮނޑިއެއް ނެތެވެ. 

ޑެސްކުގެ ވަތްގަނޑުގައި ޓެކްސްޓް ފޮތް ތައް ހުރީ ތަރުތީބުކޮށްފައި އެވެ. އެއީ ކޮންމެ  ދުވަހަކު ގެއަށް ދަމުން އޭނާ ކަންކޮށްފައިދާ އުސޫލެވެ. ޑެސްކުގެ އަރި މަތީގައި ޖަހާފައި ވަނީ 'އަސްނާ'ގެ ނަމެވެ.

މި ޑެސްކާއި ކުލާހުގެ މި ޖާގަ އާއި ގުޅުން ހުރި އެއްވެސް ހަނދާނެއް ނެތެވެ. 

ކަންކަމާއިމެދު އަސްނާއަށް ހީވާގޮތް ބަދަލުވާން ފެށީކަމަށް އޭނާއަށް ހީވި އެވެ. ހަގީގަތެއް ނެތް ކަންތައްތަކެއްގައި ސިކުނޑިއަށް ބުރަ ކުރެވެނީ ކަމަށް ހިތް ބުންޏެވެ. ނަމަވެސް ސިކުނޑި އެއިން އެއްވެސް ކަމެއް ގަބޫލެއް ނުކުރި އެވެ. އޭނާ އާއި ވަށައިގެންވާ ދުނިޔެ އާއި ދެމެދުގައި ހިނގަމުންދިޔަ ކަންކަން އޭނާގެ ޒަމީރާއި ދެކޮޅު ވަނީ ހެއްޔެވެ؟ ނޫނީ އޮޅުވައިލުމެއްގެ ތެރެއިން އޭނާގެ ވަށައިގެންވާ މާހައުލު އޭނާއަށް އޮޅުވައިލަނީބާ އެވެ؟ 

މާނައެއް ނެތް ބެލުމަކުން ކުރިމަތީން ފެންނާން ހުރި ހުދުކުލައިގެ ބޯޑަށް  ގެއްލިފައި އަސްނާ އިނެވެ.

ޓީޗަރު ހާޒިރު ވެއްޖެ އެވެ. 

ފިލާވަޅު ކުރިއަށް ދާން ފަށައިފި އެވެ.

ހުދުކުލައިގެ އޮމާން ބޯޑުގައި މާކަރުގެ ތުނޑު ހާކަމުން ދިޔަ ޒީލަ އަޑު މިއަދު ނޫނީ އަސްނާގެ ކަންފަތަށް ތުރާލެއް ނުކުރެ އެވެ. 

ކީއްވެ ހެއްޔެވެ؟ އެހެން ދުވަސްތަކަށް ވުރެން ބޯޑާއި ގާތުގައި މިއަދު އިނދެވުނީމައި ހެއްޔެވެ؟ ނޫނީ އެއީވެސް އޭނާގެ ޝައްކު ހެއްޔެވެ؟

ހާސްކަމާއި ނުތަނަވަސްކަމުގެ ރާޅުތަކުގައި ސިކުނޑި ތެޅެމުން ދިޔަ އެވެ. ހައްލެއް ނެތެވެ. 

ކުރެވުނީ ހިތާއި ސިކުނޑީގެ ޒުވާބެކެވެ. (ނުނިމޭ)

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް