މި މައްސަލަ ކައުންސިލްގެ ޖަލްސާއަށް ހުށައެޅުއްވީ މޭޔަރު އާދަމް އާޒިމް އެވެ. އޭނާ ވިދާޅުވީ ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް މާލޭ ސިޓީ ކައުންސިލާ ހަވާލުކުރުމަށް އެމްއޯޔޫއެއްގައި 2024 ވަނަ އަހަރު ސޮއިކޮށްފައިވާކަމަށެވެ. އަދި ހުޅުމާލޭގެ މުނިސިޕަލް މަސައްކަތްތައް ކައުންސިލާއި ހަވާލުކޮށްފައިވާ ކަމަށް ތަކުރާރުކޮށް ރައީސް މުހައްމަދު މުއިއްޒު ވެސް ވިދާޅުވެފައިވީ ނަމަވެސް، އަދިވެސް އެތަން ކައުންސިލާއި ހަވާލުކޮށްފައިނުވާކަމަށާއި އެ އެއްބަސްވުމަށް ސަރުކާރުންވެސް އެޗްޑީސީންވެސް އަމަލު ނުކުރާކަމަށް އާޒިމް ވިދާޅުވި އެވެ.
މީގެއިތުރުން ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކަށް ކުރިމަތިވަމުންދާ ދަތިތަކުގެ ސަަބަބުން އެތަނުގެ މުނިސިޕަލް ކަންކަން ހަވާލުކޮށްދޭން އެދި އެޗްޑީސީއަށް އަދި ރައީސް މުއިއްޒުގެ އަރިހު ވެސް ތަކުރާރުކޮށް އެދިފައިވާކަމަށްވެސް އާޒިމް ވިދާޅުވި އެވެ.
ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް ސިޓީ ކައުންސިލްގެ ދަށަށް ގެނައުމަށްޓަކައި ޝަރީއަތަށް ހުށަހަޅަން އާޒިމް ހުށައެޅުއްވި ހުށައެޅުން ފާސްކުރީ މިއަދުގެ ކައުންސިލްގެ ޖަލްސާގައި ބައިވެރިވި ހުރިހާ މެމްބަރުންގެ އިއްތިފާގުންނެވެ.
ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް ދިނުމުގެ ބާރު މާލޭ ސިޓީ ކައުންސިލަށް ބަދަލުކުރުމަކީ ރައީސް މުއިއްޒު މާލޭގެ މޭޔަރަކަށް ހުންނެވި އިރު ވަރަސް ބޮޑަށް ވަކާލާތު ކުރައްވާ އަދި އެމަނިކުފާނުގެ ރިޔާސީ ވައުދެއްވެސް މެއެވެ. އޭރު މުއިއްޒު ވިދާޅުވަމުން ގެންދެވީ ހުޅުމާލެއަކީ މާލޭގެ ބައެއް ކަމަށް ގާނޫނުގައި ލިޔެފައި އޮތުމުން ކުންފުންޏެއްގެ ދަށުން އެ އަވަށް ހިންގަމުން ދަނީ ގާނޫނާ ހިލާފަށް ކަމަށެވެ.