ads
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް: ފޮޓޯ/ އެމްއޭސީއެލް
ނިމުނު ތިން އަހަރު ވީއައިއޭއަށް އުމްރާނީ ބޮޑެތި ކުރިއެރުންތަކެއް ހޯދިއްޖެ: އެމްއޭސީއެލް
މި ސަރުކާރުގެ އިރުޝާދުގެ ދަށުން ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް އުމްރާނީ ތަރައްގީގެ މުހިންމު ލަނޑުދަނޑިތަކެއް ހާސިލުކުރެވިފައިވާ ކަމަށާއި، އޭގެ ސަބަބުން ރާއްޖޭގެ އިގުތިސާދަށާއި ފަތުރުވެރިކަމަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިފައިވާ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފި އެވެ.
Advertisement

މި ސަރުކާރަށް ތިން އަހަރު ފުރުމާ ގުޅިގެން އެމްއޭސީއެލް އިން ނެރުނު ބަޔާނެއްގައި ފާހަގަކޮށްފައިވާ ގޮތުގައި، ގުޅިގެން ކުރެވުނު މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ އޮނިގަނޑު ވަނީ އިތުރަށް ހަރުދަނާވެފަ އެވެ. ހާއްސަކޮށް، މިދިޔަ އަހަރުގެ މިނިވަން ދުވަހު ހުޅުވި އައު އިންޓަނޭޝަނަލް ޓާމިނަލާ އެކު ދަތުރުވެރިންގެ ތަޖުރިބާ މުއްސަނދިވެ، ބައިނަލްއަގްވާމީ ވައިގެ ދަތުރުފަތުރުގެ ޑިމާންޑާ އެއްވަރަށް ހިދުމަތް ދިނުމުގެ ގާބިލުކަން އިތުރުވެފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ. އަދި ކުރީގެ އިންޓަނޭޝަނަލް ޓާމިނަލް، ޑޮމެސްޓިކް ޓާމިނަލެއްގެ ގޮތުގައި ބަދަލުކޮށް ހިދުމަތް ދޭން ފެށުމުން އެތެރޭގެ އުދުހުންތަކަށް ޒަމާނީ ފަސޭހަތަކެއް ލިބިފައިވާކަން ވެސް އެ ކުންފުނިން ފާހަގަކުރި އެވެ.

"އެއާޕޯޓުގެ ވަސީލަތްތަކާއި އޮޕަރޭޝަންތައް ތަރައްގީކުރުމާއެކު، ދެވޭ ހިދުމަތްތަކުގެ ފެންވަރު މަތިވެފައިވެ އެވެ. މި ބަދަލުތަކަކީ ރާއްޖޭގެ މައި ދޮރާށީގެ ގޮތުގައި އެއާޕޯޓުގެ ދައުރު ހަރުދަނާވެ، ފަތުރުވެރިކަމަށާއި ވިޔަފާރިއަށް އަދި ގައުމީ އިގްތިސާދަށް ވެސް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ،" އެމްއޭސީއެލްގެ ބަޔާނުގައިވެ އެވެ.

މީގެ އިތުރުން ސީ-ޓު-އެއާ ކާގޯ އިނީޝިއޭޓިވްގެ ދަށުން 2024 ވަނަ އަހަރު އިމްޕޯޓް އަދި އެކްސްޕޯޓް ކާގޯގެ އޮޕަރޭޝަންތައް ފަށައި، ވައިގެ މަގުން މުދާ އުފުލުމުގެ ފުރުސަތުތައް ވަނީ ފުޅާކޮށްފަ އެވެ. އަދި އައު ފިއުލް ފާމާއި ފިއުލް ހައިޑްރަންޓް ސިސްޓަމާ އެކު ބޯޓުފަހަރަށް ތެޔޮ ފޯރުކޮށްދިނުމާއި ތެޔޮ ރައްކާކުރުމުގެ ނިޒާމު އެތައް ގުނައަކަށް ހަރުދަނާކުރެވިފައިވާ އިރު، އަލަށް ގާއިމުކުރި ފަޔާ ސްޓޭޝަނުގެ ސަބަބުން ކުއްލި ހާލަތްތަކަށް އިޖާބަދިނުމުގެ ގާބިލުކަން ވެސް ވަނީ މަތިވެފަ އެވެ.

އެމްއޭސީއެލް އިން ބުނީ މި ވަސީލަތްތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފައި، ހިދުމަތްތަކުގެ ފެންވަރު މަތީ ދަރަޖައަކަށް ގެންގޮސް، ދުނިޔޭގެ އޭވިއޭޝަން ދާއިރާގެ ބަދަލުތަކާ ފައިހަމަކުރެވޭނެ ފަދަ އެއާޕޯޓަކަށް ވީއައިއޭ ހެދުމަކީ މައިގަނޑު އަމާޒު ކަމަށެވެ. މިއީ ރާއްޖެއާއި ބޭރު ދުނިޔެ އަދި އެތެރޭގެ ދަތުރުފަތުރު ގުޅުވައިދީ، ގައުމުގެ ދުރު ރާސްތާގެ ފާގަތިކަމަށްޓަކައި އެޅުނު ވަރުގަދަ ބިންގަލެއްގެ ގޮތުގައި ވެސް އެ ކުންފުނިން ސިފަކުރެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް