ކަރެކްޝަންސްގެ ވަޒީފާއާ ބެހޭ އޮނިގަނޑާ ގުޅޭގޮތުން މައުލޫމާތު ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކޮމިޝަނަރު އޮފް ޕްރިޒަންސް ހަސަން ޒަރީރު ވިދާޅުވީ، ޖަލުތަކުގައި އޮފިސަރުން ތިބެންޖެހޭ އަސްލު ރޭޝިއޯއަކީ ކޮންމެ 1.75 ގައިދީއަކަށް އޮފިސަރެއް ކަމަށާއި ނަމަވެސް މިހާރުގެ ހާލަތަށް ބަލާއިރު އެ ރޭޝިއޯ ހުރީ ކޮންމެ 4.6 ގައިދީއަކަށް އޮފިސަރެއްގެ ނިސްބަތުން ކަމަށެވެ.
އެންމެ ގިނަ ގައިދީން ބައިތިއްބާފައިވާ މާފުށީ ޖަލުގައި އެކަނި ވެސް 1،140 ގައިދީން ތިބިއިރު، އެ މީހުންގެ ކަންކަން ބަލަހައްޓަން ތިބީ އެންމެ 276 އޮފިސަރުންނެވެ. މީގެ އިތުރުން ދުވާލެއްގެ މައްޗަށް އެވްރެޖުކޮށް 16 ވަރަކަށް ގައިދީން ކޯޓުތަކަށާއި ޑޮކްޓަރީ ފަރުވާއަށް މާލެ ގެންނަންޖެހޭއިރު، މާލެ ގެންނަ ކޮންމެ ގައިދީއަކަށް އޮފިސަރަކު ހަމަޖައްސަން ޖެހުމަކީ ވެސް އޮފިސަރުންގެ ދަތިކަން އިތުރަށް ބޮޑުވާ ސަބަބެކެވެ.
ކޮމިޓީގައި ވާހަކަދައްކަވަމުން ކަރެކްޝަންސްގެ އޮފިޝަލުން ފާހަގަކުރެއްވި ގޮތުގައި، ގައިދީންގެ އަދަދު އިތުރުވަމުންދާ މިންވަރަކަށް ބޭސްފަރުވާއަށް ޑޮކްޓަރަށް ދައްކަންޖެހޭ މީހުންގެ އަދަދު ވެސް ދަނީ އިތުރުވަމުންނެވެ. އެގޮތުން ގައިދީންގެ މެދުގައި އެންމެ ގިނައީ ދަތާއި ލޮލުގެ ފަރުވާއަށް އެދޭ މީހުންނެވެ. ނަމަވެސް އެ ދާއިރާތަކަށް ހާއްސަ ޑޮކްޓަރުން މާފުށީގައި ނެތުމުން، އެ މީހުން ޑޮކްޓަރަށް ދެއްކުމަށް ވެސް މާލެ ގެންނަންޖެހެއެވެ.
ޖަލުތަކުގެ ޖާގައާ ގުޅޭގޮތުން ކޮމިޝަނަރު އޮފް ޕްރިޒަންސް ހަސަން ޒަރީރު ވިދާޅުވީ، މީގެ ތިން އަހަރު ކުރިން ޖަލުތަކުގެ ޖުމްލަ ކެޕޭސިޓީއަކީ 1،200 ކަމަށެވެ. އަދި ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި 400 އަށް ވުރެ ގިނަ ޖާގަ ޖަލުތަކުގައި އިތުރުކުރެވިފައިވާ ކަމަށް ވެސް ސީޕީ ވިދާޅުވިއެވެ.