ރާއްޖޭގެ އިގްތިސާދީ ކުރިއެރުމާއި ގުޅޭގޮތުން ބަހުސް އުފެދިފައިވާ މި ދަނޑިވަޅުގައި، މާހިރުން ވިދާޅުވާގޮތުގައި ރާއްޖެއަށް ބޭނުންވާ ތަރައްގީ ހޯދުމަށް ގުދުރަތީ މުއްސަނދިކަމާއި ވަސީލަތްތައް ރާއްޖޭގައި އެބަހުއްޓެވެ. ހާއްސަކޮށް ފަތުރުވެރިކަމާއި މަސްވެރިކަމުގެ އިތުރުން އިރުގެ އަލިން އުފައްދާ ހަކަތަ ފަދަ އިއާދަކުރަނިވި ވަސީލަތްތަކުގެ ބޭނުން ހިފައިގެން އިގްތިސާދު ހަރުދަނާ ކުރުމުގެ ފުރުސަތު ރާއްޖެއަށް އެބައޮތް ކަމަށް އެބޭފުޅުން ވިދާޅުވި އެވެ.
ތާރީހުގައި ރާއްޖޭގައި ހިންގާފައިވާ ބޮޑެތި މަޝްރޫއުތަކަށް އަލިއަޅުއްވާލައްވަމުން ކުރީގެ ކުރީގެ އިކޮނޮމިކް މިނިސްޓަރު އަހުމަދު މުހައްމަދު (އަންޑޭ) ވިދާޅުވީ، ދިވެހިން ގެންނަން ބޭނުންވި ތަރައްގީ ބޭރުގެ ބަޔަކަށް ތަރައްގީގެ ހައްގުތައް (ޑިވެލޮޕްމަންޓް ރައިޓްސް) ނުދީ ހާސިލުކުރެވިފައިވާ ކަމަށެވެ. އަދި ރާއްޖޭގައި ނެތް ޓެކްނޮލޮޖީ ގެނައުމަށާއި މަޝްރޫއުތަކަށް ބޭނުންވާ ފައިސާ ހޯދާފައިވަނީ ބޭރުގެ ފަންނީ މާހިރުންނާއި ބައިނަލް އަގްވާމީ މުޖުތަމައުގެ އެހީތެރިކަމާއެކު ކަމަށް އޭނާ ވިދާޅުވި އެވެ.
ކުރީގެ ފިނޭންސް މިނިސްޓަރު ޑރ. އަހުމަދު އިނާޒް ވިދާޅުވީ ބޭރުގެ ފަރާތްތަކަށް ރައްޔިތުކަން ދިނުމަކީ އޭގެ ސަބަބުން ދިވެހިން އަމިއްލަ ގައުމުގައި ދެވަނަ ދަރަޖައިގެ ރައްޔިތުންނަށް ވެގެން ހިނގައިދާނެ ނުރައްކާތެރި ކަމެއް ކަމަށެވެ. އެހެން ނަމަވެސް، ގައުމީ ތަރައްގީގެ ބޮޑެތި މަޝްރޫއުތަކާއި، އަދި ގައުމުގެ ކުރިއެރުމާއި، އިގްތިސާދަށް ބަދަލު އަންނާނެ ފަދަ ކަންކަމުގައި، އިލްމީ ބަހުސްތައް ކުރަން ޖެހޭނެ ކަމަށާއި، ބޮޑެތި މިފަދަ ނިންމުންތަކުގައި ރައްޔިތުން ބަހާއި، އަދި ކުރެވޭ ކަމަކުން ނުވަތަ އެޅޭ ފިޔަވަޅަކުން ދިމާވެދާނެ ނަތީޖާ ނުވަތަ ގޮންޖެހުންތަކާއި ކުރިމަތިލާނެ ގޮތްތަކަށް ވެސް އެއްބަސްވެވެންޖެހޭނެކަމަށް ގަބޫލުކުރައްވާކަމަށްވެސް އިނާޒް ވިދާޅުވި އެވެ.
ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތަކާއި ގުޅޭ ގޮތުން "ސީއެންއެމް" އާއި ވާހަކަ ދައްކަވަމުން، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ކުރީގެ ގަވަރުނަރު އަހްމަދު ނަސީރު ވިދާޅުވީ، ބޭރުގެ ބަޔަކަށް ރައްޔިތުކަން ނުދީވެސް ރާއްޖެ ތަރައްގީ ކުރެވޭނެކަމަށެވެ. އެހެން ނަމަވެސް، ގައުމީ ތަރައްގީގެ ވާހަކަ ދައްކާއިރު، ގައުމުގެ އިގްތިސާދާއި، ދިވެހި ވިޔަފާރިވެރިންނަށް ހުރި ފުރުސަތުތަކާއި، ހުރަސްތަކުގެ ވާހަކަ ދައްކަންޖެހޭނެ ކަމަށް ގަބޫލު ކުރައްވާކަމަށް ވެސް ނަސީރު ވިދާޅުވި އެވެ.
ނަސީރު އިތުރަށް ވިދާޅުވީ، ހަގީގަތުގައި ދިވެހިންގެ މިނިވަންކަމާއި، އަމިއްލަ ފަސްގަނޑުގެ ބާރާއި، ވިޔަފާރީގެ ފުރުސަތުތައް މިހާރު ވެސް ވަނީ ބަންދުވެފައިކަމެށެވެ. އެގޮތުން، ނަސީރު ފާހަގަ ކުރެއްވީ، ރާއްޖޭގައި ލޭބަރުންގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ ބިދޭސީން، ދިވެހި ވިޔަފާރިތަކުގެ މައްޗަށް ގަދަވެގަނެ، ބޭނުންގޮތަކަށް ވިިޔަފާރި ކުރަމުންދާ ކަމުގެ ވާހަކައެވެ. އަދި ކަމާއި ބެހޭ ފަރާތްތަކަށް ވެސް މިކަމަށް އެކަށީގެންވާ ފަރުވާއެއް ހޯދައިދެވިފައިނުވާ ވާހަކައެވެ.
ތަރައްގީ އާއި ޕްލޭން ކުރުމާ ގުޅޭގޮތުން ދިރާސާ ކުރައްވާ ތަޖުރިބާކާރެއް ކަމަށްވާ މުހައްމަދު އިމާދު ވިދާޅުވީ، ބޭރުގެ ބަޔަކަށް ރަށްވެހިކަން ނުދީ ގައުމުގ ތަރައްގީ ކުރެވޭނެ ކަމަށެވެ. ދިގު މުއްދަތަކަށް ރަށްވެހިކަމުގެ ތިބޭ މީހުންނަށް ވުރެ، ގައުމުގައި ހަރަކާތްތެރިވާ މަސައްކަތު އާބާދީން ގައުމުގެ އިގްތިސާދަށް މާބޮޑަށް ވެސް މަންފާކުރާނެކަމަށް ގަބޫލުކުރެވޭ ކަމަށާއި، އެހެންވީމަ، ބަލަންވީ ރައްޔިތުކަން ނުދީ، މަސައްކަތު އާބާދީ ފުޅާކުރެވޭނެ ގޮތްތަކެއް ހޯދުން ކަމަށް ވެސް އިމާދު ވިދާޅުވިއެވެ.
ތަޖުރިބާކާރުންގެ ވާހަކަތަކުން އެނގިގެންދަނީ، ގައުމުގެ މިނިވަންކަމާއި ރައްޔިތުންގެ ހައްގުތަކަށް އުނިކަމެއް ނާންނާނެ ގޮތަށް ބޭރުގެ އިންވެސްޓްމަންޓްތަކާއި ޓެކްނޮލޮޖީ ރާއްޖެއަށް ގެނައުމަކީ މީގެ ކުރިން ވެސް ކާމިޔާބުކަމާއެކު ކޮށްފައިވާ އަދި ކުރިއަށް އޮތް ތަނުގައި ވެސް ކުރެވެން އޮތް ކަމެއް ކަމެވެ.
އިގްތިސާދީ އަދި މާލީ ދާއިރާގެ ތަޖުރިބާކާރުން މިހެން ވިދާޅުވިއިރު، އެދޭ ރާއްޖެ ހަރަކާތުން ވަނީ، ރައްޔިތުންގެ މަންފާއަށް ކަމަށް ބުނެ، ދައުލަތުގެ ވަސީލަތްތައް ނަހަމަގޮތުގައި، ބޭނުން ކުރުން ކުޑަ ކުރުމަށްޓަކައި ސަރުކާރު ރޯލް މިހާރަށްވުރެ ސާފުކޮށް ބަޔާން ކުރުމަށް "އެދޭ ރާއްޖެ" ހަރަކާތުން ވަނީ ގޮވާލައިފަ އެވެ.
"އެދޭ ރާއްޖޭ"ގެ ހުށަހެޅުން:
ގާނޫނު އަސާސީން ރައްކާތެރިކަން ލިބިފައިވާ ގައުމީ ތަސައްވުރަކާއި ގައުމީ ތަރައްގީގެ ޕްލޭނަކަށް ރާއްޖެ ތަރައްގީ ކުރުން ލާޒިމް ކުރުމަށާއި އަތޮޅު ވަސީލަތްތަކަށް ގޮތް ނިންމުމުގައި އަތޮޅު ރައްޔިތުންގެ މަޝްވަރާ އާއި ރުހުން ހޯދުމަށް ލާޒިމް ކުރާގޮތަށް ކަނޑައަޅައި، އަތޮޅު ހިންގުމުގައި ރައްޔިތުންގެ ޝާމިލުވުން އިތުރު ކުރުމާއެކު އަތޮޅު ވަސީލަތް ބޭނުންކޮށްގެން ތަރައްގީކޮށް ހިންގުމުގެ ބާރު ދިނުން
ނަތީޖާ:
މުޅި ރާއްޖެ ހިއްސާވާ ތަރައްގީގެ ތަސައްވުރެއް އެކުލަވާލެވި، ކޮންމެ ސަރުކާރެއް އޮތް ކަމުގައި ވިޔަސް، ގައުމީ ތަރައްގީގެ ޕްލޭނަށް ރާއްޖެ ތަރައްގީ ކުރުން ލާޒިމް ވުމާއި ހަރުދަނާ ލާމަރުކަޒީ ނިޒާމެއް އެކުލަވާލެވި، އަތޮޅުގެ ވަސީލަތްތަކަށް އިތުރު ރައްކާތެރިކަމެއް ލިބި، އަތޮޅު ވަސީލަތް ބޭނުންކޮށްގެން ތަރައްގީކޮށް ހިންގުމުގެ ބާރު ލިބި، ރާއްޖޭގެ ތަރައްގީގެ ދުވެލި ހަލުވި ވެގެންދިއުން