އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ ބަހުސްގައި ވާހަކަދައްކަވަމުން ބަޖެޓު ކޮމިޓީގެ މުގައްރިރުކަން ވެސް ކުރައްވާ ސަލީމް ވިދާޅުވީ، 2023 ވަނަ އަހަރު ނިމުނުއިރު ބަޖެޓު ދަރަނި ހުރީ ގާތްގަނޑަކަށް 24 ބިލިއަން ރުފިޔާގައި ކަމަށެވެ. އަދި މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު ހުރި ދަރަނިތައް ދައްކައިގެން، އަންނަ އަހަރާ ހަމައަށް ދާއިރު ދައުލަތުގެ ދަރަންޏަށް އިތުރުވާނީ ގާތްގަނޑަކަށް 30 ބިލިއަން ރުފިޔާ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
ސަލީމް ވިދާޅުވީ ހަތަރު އަހަރު ދުވަހުން މި ސަރުކާރަށް އުފެއްދެނީ 30 ބިލިއަން ރުފިޔާ ކަމަށްވާއިރު، ފަސް ވަނަ އަހަރަށް ދާއިރު އެ އަދަދު އެންމެ ބޮޑުވެގެން ވެސް އަރާނީ 40 ބިލިއަނަށް ކަމަށެވެ. މިއީ ފާއިތުވެދިޔަ ދެ ސަރުކާރާ އަޅާބަލާއިރު ކުޑަ ދަރަންޏެއް ކަމަށާއި، ކޮންމެ ސަރުކާރަކުން ވެސް ދަރަނި އުފައްދަނީ ކުރީގެ ދަރަނިތައް ދައްކަމުން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އަންނަ އަހަރު އާމްދަނީގެ ގޮތުގައި 43 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވާއިރު، ރިކަރަންޓު ހަރަދުތައް އާމްދަނީން ހަމަޖެއްސޭނެ ގޮތަށް ބަޖެޓު ފަރުމާކޮށްފައިވާކަން ވެސް ފާހަގަކުރެއްވި އެވެ.
މުސާރަ ދިނުމަށާއި އެހެނިހެން ކަންކަމަށް ދަރަނި ނެގުމަކީ ނުރައްކާތެރި ކަމެއްކަން ފާހަގަކުރައްވައި ސަލީމް ވިދާޅުވީ، ދަރަނި ނަގަން ޖެހޭނީ ލޮލަށް ފެންނަ ބޮޑެތި މަޝްރޫއުތަކަށް ކަމަށެވެ. އެފަދަ މަޝްރޫއުތަކަށް ނޫން ގޮތަކަށް ދަރަނި ނަގައިފިނަމަ އޭގެ ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހޭނެ ކަމުގެ އިންޒާރު އޭނާ ދެއްވި އެވެ.
މީގެ އިތުރުން ދައުލަތުން ދޭ ސަބްސިޑީގެ ތަފުސީލު ރައްޔިތުންނަށް ސާފުކޮށްދިނުމުގެ މުހިންމުކަމަށް ވެސް ސަލީމް އަލިއަޅުއްވާލެއްވި އެވެ. އަންނަ އަހަރުގެ ބަޖެޓުގައި ހިލޭ އެހީ އާއި ސަބްސިޑީގެ ގޮތުގައި 13.9 ބިލިއަން ރުފިޔާ ހިމަނާފައިވާއިރު، މިއީ ދައުލަތަށް ލިބޭ އާމްދަނީގެ ގާތްގަނޑަކަށް ތިންބައިކުޅަ އެއްބައި ކަމަށް ވިދާޅުވި އެވެ. ކަރަންޓާއި ފެނުގެ ބިލުތަކާއި، ކާޑުގެ ބާވަތްތަކާއި ތެލަށް ދައުލަތުން ބޮޑު ސަބްސިޑީއެއް ދިން ނަމަވެސް، އެކަން ރައްޔިތުންނަށް އެނގޭނެ ގޮތަށް ކަމާބެހޭ އިދާރާތަކުން ހާމަކޮށްދޭން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.