ads
އިހަވަންދިއްޕޮޅުގައި ތަރައްގީ ކުރެވިގެންދާނެ ބަނދަރު ހުންނާނެ ގޮތުގެ ކުރެހުމެއް
އަމާޒަކީ އިހަވަންދިއްޕޮޅު މަޝްރޫއާއެކު ރާއްޖެއާ އެކު ކުރިއަށްދިއުން: ސާހް ގްރޫޕް
ރާއްޖޭގައި އިންވެސްޓް ކުރަނީ ހަމައެކަނި ކުޑަ ޓާމިނަލަކާއި ރިސޯޓެއް ބިނާކޮށްފައި އަވަހަށް ފައިދާ ނަގައިގެން ދިއުމުގެ ވިސްނުމުގައި ނޫން ކަމަށާއި، އޭގެ ބަދަލުގައި ރާއްޖެއާ އެކު ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުން ހޯދަން މަސައްކަތް ކުރާނެ ކަމަށް ޔޫއޭއީގެ ސާހް ގްރޫޕް ފޯ ޓެކްނިކަލް ސާވިސް (ސާހް ގްރޫޕް) އިން ބުނެފިއެވެ.
Advertisement

ރާއްޖޭގެ އެންމެ އުތުރުން އިހަވަންދިއްޕޮޅުގައި ހިންގާ "މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ އެންޑް އިންޓެގްރޭޓެޑް ޑިވެލޮޕްމަންޓް" މަޝްރޫއުގެ މައި އެއްބަސްވުމުގައި ސޮއިކުރުމަށް އިކޮނޮމިކް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން، ސާހް ގްރޫޕްގެ ސީއީއޯ އަހުމަދު އިބްރާހިމް އަލީ މުހައްމަދު އަލްމުތާވާ ވިދާޅުވީ، މި މަޝްރޫއަކީ އަންނަން އޮތް ޖީލުތައް ވެސް ފަޚުރުވެރިވާ ފަދަ ދެމެހެއްޓެނިވި މަޝްރޫއަކަށް ހެދުމަށް ގިނަ މަޝްވަރާތަކެއް ކުރެވިފައިވާ ކަމަށެވެ. އަދި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި ޕްލޭނިން ޓީމުން ވެސް ވިސްނުން ބެހެއްޓެވީ ކުރިއަށް އޮތް 20 އަހަރުގެ މުސްތަގުބަލަށް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެން އަބޫދާބީއިން މިއައީ ހަމަ އެކަނި ކުޑަ ޓާމިނަލަކާއި ރިސޯޓެއް މިތާ ބިނާކޮށްފައި، އަަޅުގަނޑުމެންގެ ފައިސާ ހޯދައިގެން ދާކަށް ނޫން. އަޅުގަނޑުމެން މި ބަލަނީ އެކުގައި ކުރިއެރުން ހޯދަން، އިތުރު ފުރުސަތުތައް ހޯދުން. އަޅުގަނޑަށް ހީވަނީ އެ ފުރުސަތު އެބައޮތްހެން،" އަލްމުތާވާ ވިދާޅުވި އެވެ.

މަޝްރޫއުގައި ހިމެނޭ މައިގަނޑު ބައިތަކަށް އަލިއަޅުއްވާލައްވަމުން އަލްމުތާވާ ވިދާޅުވީ، މީގެ ތެރޭގައި ތެޔޮ ރައްކާކުރާ ޓޭންކުތަކާއި އިންޑަސްޓްރިއަލް ޒޯނެއް ތަރައްގީކުރުން ހިމެނޭ ކަމަށެވެ. އަދި މި މަޝްރޫއުގެ ސަބަބުން ދިވެހިރާއްޖެ ބައިނަލްއަގުވާމީ ޝިޕިން ރޫޓާ ސީދާ ގުޅިގެންދާނެ ކަމަށާއި، މިއީ ހަމައެކަނި ވަޒީފާގެ ފުރުސަތުތަކެއް އުފެއްދުމުގެ އިތުރުން ރާއްޖޭގެ އުތުރުގެ އިގުތިސާދީ މުސްތަގުބަލު ބަދަލުކޮށްލާނެ މަސައްކަތެއް ކަމަށް ވެސް ވިދާޅުވިއެވެ.

ރޭ ބޭއްވި ރަސްމިއްޔާތުގައި ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ޔޫއޭއީގެ ސަފީރު ހީބާ އަލްޖުނައިބީ ވިދާޅުވީ، ދެ ގައުމުގެ ދެމެދުގައި އޮތީ އިހުތިރާމާއި އެކުވެރިކަމުގެ ވަރުގަދަ ގުޅުމެއް ކަމަށާއި، މި ގުޅުމުގެ ސަބަބުން ވިޔަފާރިއާއި އިގުތިސާދީ އެއްބާރުލުމުގެ އައު ދޮރުތައް ހުޅުވިގެންދާ ކަމަށެވެ.

ދިވެހި ސަރުކާރާއި ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އަދި ޔޫއޭއީގެ ސާހް ގްރޫޕާ ދެމެދު ސޮއިކުރެވުނު މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ. އެސްޓީއޯގެ ފަރާތުން މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް ސޮއިކުރެއްވި އިރު، ސާހް ގްރޫޕުގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އަހުމަދު އިބްރާހިމް އަލީ މުހައްމަދު އަލްމުތާވާއެވެ.

އިކޮނޮމިކް މިނިސްޓްރީން ހާމަކުރި ގޮތުގައި، މި އެއްބަސްވުމަކީ ރާއްޖޭގެ އުތުރުގައި ބައިނަލްއަގުވާމީ ފެންވަރުގެ ޓްރާންސްޝިޕްމަންޓް ބަނދަރަކާއި ލޮޖިސްޓިކްސް އަދި އިގުތިސާދީ މައި މަރުކަޒެއް ގާއިމްކުރުމަށް ގިނަ ދުވަސްތަކެއް ވަންދެން ދެކެމުން އައި ތަސައްވުރު ހަގީގަތަކަށް ހެދުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް