މި ދަތުރުފުޅުގެ އެންމެ ހާއްސަ އެއް ހަރަކާތަކީ އަންނަ އަންގާރަ ދުވަހު މުމްބާއީގައި ބާއްވާ "އާތުޝޮޓް ޕްރައިޒް" އެވޯޑް ހަފްލާގައި ޝާހީ ދެމަފިރިން ބައިވެރިވެވަޑައިގަތުމެވެ.
މި އެވޯޑް ހަފްލާގައި ބޮލީވުޑްގެ މަޝްހޫރު ބަތަލާ އާލިއާ ބަޓްގެ އިތުރުން އިންޑިއާގެ ކުރީގެ ކްރިކެޓް ތަރި ސަޗިން ޓެންޑުލްކަރާއި ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ރާމީ މާލިކް ފަދަ ދުނިޔޭގެ ފެންވަރުގެ ފަންނާނުން ބައިވެރިވާނެ ކަމަށް ވަނީ ބެލެވިފައެވެ. 2020 ވަނަ އަހަރު ޕްރިންސް ވިލިއަމް އިސްނަންގަވައިގެން ފެއްޓެވި މި އިނާމަކީ ތިމާވެށީގެ މައްސަލަތަކަށް ހައްލު ހޯދައިދޭ ފަރާތްތަކުގެ މަސައްކަތް ފުޅާކުރުމަށްޓަކައި ފަސް ފަރާތަކަށް، ކޮންމެ ފަރާތަކަށް އެއް މިލިއަން ޕައުންޑް ދޭ އިނާމެކެވެ.
އާލިއާ ބަޓް
މި ދަތުރުފުޅަކީ 2024 ވަނަ އަހަރު ކެންސަރުގެ ބައްޔަށް ފަރުވާ ހޯއްދެވުމަށްފަހު ކޭޓް މިޑްލްޓަން ބޭރު ގައުމަކަށް ކުރައްވާ އެންމެ ބޮޑު ދަތުރުފުޅެވެ. ކެންސަރުން ރައްކާތެރިވުމަށް ކުރިއަށްގެންދިޔަ ކީމޯތެރަޕީގެ ފަރުވާއަށްފަހު އާންމު ހަރަކާތްތަކުގައި ކޭޓް ބައިވެރިވެވަޑައިގަންނަވާ މިންވަރު މިހާރު ވަނީ އިތުރުކުރައްވާފައެވެ.
ތިން ދުވަހުގެ މި ދަތުރުފުޅުގައި އެވޯޑް ހަފްލާގެ އިތުރުން އިންޑިއާގެ ކްރިކެޓާއި، ފެޝަން އަދި ސިނަމާގެ ދާއިރާއާ ގުޅުންހުރި ގިނަ ހަރަކާތްތަކެއްގައި ވިލިއަމްއާއި ކޭޓް ބައިވެރިވެވަޑައިގަންނަވާނެއެވެ. މިއީ އިންޑިއާއާއި އިނގިރޭސިވިލާތާ ދެމެދު އޮންނަ ސަގާފީ އަދި އިޖުތިމާއީ ގުޅުން އިތުރަށް ބަދަހިކުރުމަށް ކުރައްވާ މުހިންމު ދަތުރުފުޅެކެވެ.
ދުނިޔޭގެ ތިމާވެށި ހިމާޔަތްކުރުމަށް މަސައްކަތްކުރާ ފަރާތްތަކަށް ހިތްވަރުދިނުމުގެ ގޮތުން ބާއްވާ މި ހަފްލާއަށް މުމްބާއީގައި މިހާރު އަންނަނީ ބޮޑެތި ތައްޔާރީތަކެއް ވަމުންނެވެ. މި ދަތުރުފުޅުގެ ސަބަބުން އިންޑިއާގެ ފަންނުވެރިކަމާއި ތިމާވެށީގެ މަސައްކަތްތަކަށް ބައިނަލްއަގުވާމީ މީޑިއާގެ ބޮޑު ސަމާލުކަމެއް ލިބިގެންދާނެއެވެ.