ads
އެލީސާ ކާސަން
މާސްގައި ދިރިއުޅެން ފަށަން އުމުރުން 3 އަހަރުން ފެށިގެން ދެކުނު ހުވަފެން ހަގީގަތަކަށް ވަނީ!
އެހެން ޕްލެނެޓެއްގައި ފުރަތަމަ ފަހަރަށް ފިޔަވަޅު އަޅާ އިންސާނުންގެ ތެރޭގައި ހިމެނުމަށް މުޅި ދިރިއުޅުން ހުސްކޮށްލި އެމެރިކާގެ ޒުވާނާ، އެލީސާ ކާސަންގެ އުންމީދުތައް އާ އުސްމިންތަކަކަށް ވާސިލުވެއްޖެއެވެ.
Advertisement

އުމުރުން އެންމެ ތިން އަހަރުގައި މާސްއަށް ދިއުމަށް އޭނާ ދެކެން ފެށި ހުވަފެން ހަގީގަތަކަށް ހެދުމަށްޓަކައި، އާދައިގެ ކުދިން ސްކޫލުގައި ޕްލެނެޓްތަކާ ބެހޭ މައުލޫމާތު އުނގެނެން ފެށުމުގެ މާ ކުރިން އޭނާ ވަނީ އެކަމަށް ހާއްސަ ޝައުގުވެރިކަމެއް އުފައްދައިފައެވެ.

މި ހުވަފެން ހަގީގަތަކަށް ހެދުމަށް އެލީސާ ވަނީ އެކި ސްޕޭސް ކޭމްޕްތަކުގައި ބައިވެރިވެ، ހާއްސަ ތަމްރީނު ޕްރޮގްރާމްތައް ފުރިހަމަކޮށް، ޕައިލެޓް ލައިސަންސް ހޯދުމުގެ އިތުރުން ސްޕޭސް އެންޑް ޕްލެނެޓަރީ ސައިންސްގެ ދާއިރާއިން މަތީ ތައުލީމު ހާސިލުކޮށްފައެވެ. ހަނދަށްވުރެ ދުރަށް އެސްޓްރޮނޯޓުން ފޮނުވައި، މާސްއަށް އިންސާނުން ފޭބުމުގެ ތާރީހީ މަރުހަލާއާ އިންސާނިއްޔަތު ގާތްވަމުން އަންނަ ދަނޑިވަޅެއްގައި، އެލީސާގެ މި އަޒުމަށް ވަނީ ބައިނަލްއަގުވާމީ ސަމާލުކަން ލިބިފައެވެ.

ނަމަވެސް، މާސްއަށް ކުރާ ދަތުރަކީ އިންސާނުން މިހާތަނަށް ކޮށްފައިވާ އެއްވެސް ދަތުރަކާ އެއްފަދަ ދަތުރަކަށް ނުވާނެއެވެ. ޕްލެނެޓްތައް އެތުރިފައި ހުންނަ ގޮތާއި ސްޕޭސްކްރާފްޓް ޓެކްނޮލޮޖީއަށް ބަލާއިރު، އެއްކޮޅަށް ކުރާ ދަތުރަކަށް ވެސް ގާތްގަނޑަކަށް ހަ މަހާއި ނުވަ މަހާ ދެމެދުގެ މުއްދަތެއް ހޭދަވާނެއެވެ. މި ދަތުރުގައި އެސްޓްރޮނޯޓުންނަށް ޖައްވީ ރޭޑިއޭޝަނާއި، ދަށް ގްރެވިޓީއާއި، އެކަނިވެރިކަމުގެ އިތުރުން، ދެކޮޅަށް މުއާސަލާތު ކުރުމުގައި 22 މިނެޓުގެ ލަސްވުމަކާ ކުރިމަތިލާން ޖެހޭނެއެވެ. އަދި މާސްއަށް ފޭބުމަށްފަހު، ގިނަ އަދަދަކަށް ކާބަން ޑައިއޮކްސައިޑް އެކުލެވޭ ޖައްވަކާއި، ގަނޑުފެން ފަދަ ފިނި ހޫނުމިނަކާއި، ނުރައްކާތެރި ރޭޑިއޭޝަނުން ރައްކާތެރިކަމެއް ނެތް މާހައުލަކާ ކުރިމަތިލާން ޖެހެއެވެ.

މި ބޮޑެތި ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި އެމެރިކާގެ ޖައްވީ އިދާރާ ނާސާއިން އަންނަނީ ޒަމާނީ ލައިފް ސަޕޯޓް ނިޒާމުތަކާއި، ރޭޑިއޭޝަނުން ރައްކާތެރިވުމުގެ ވަސީލަތްތަކުގެ އިތުރުން، މާސްގައި ހުންނަ ވަސީލަތްތައް ބޭނުންކޮށްގެން އޮކްސިޖަން އުފެއްދޭނެ ޓެކްނޮލޮޖީތައް ތަރައްގީ ކުރަމުންނެވެ. އެލީސާ ކާސަން ނާސާގެ އެސްޓްރޮނޯޓެއްގެ ގޮތުގައި އަދި ރަސްމީކޮށް ހޮވިފައި ނުވި ނަމަވެސް، އަދި މާސް މިޝަނަކަށް އޭނާ ހަމަޖައްސާފައި ނުވިޔަސް، މި ތާރީހީ މަސައްކަތުގައި ބައިވެރިވުމުގެ އުންމީދު އޭނާ ކުރެއެވެ. މީގެ އިތުރުން ނާސާއިން ވަނީ އެ އިދާރާގެ ރޭވުންތަކަކީ އެސްޓްރޮނޯޓުން ރައްކާތެރިކަމާއެކު އަނބުރާ ދުނިޔެއަށް ގެނައުން ކަމަށް ބުނެފައެވެ.

މާސްގައި ފުރަތަމަ ފިޔަވަޅު އަޅާނެ އިންސާނަކު އަދި ރަސްމީކޮށް ކަނޑައަޅާފައި ނުވި ނަމަވެސް، އިންސާނިއްޔަތުގެ އެންމެ ބޮޑު އެއް ކާމިޔާބީއަށް ވެގެންދާނެ މި ދަތުރަށް ދުނިޔޭގެ ކޮންމެވެސް ހިސާބެއްގައި ބަޔަކު މިހާރުވެސް އަންނަނީ ފުރިހަމައަށް ތައްޔާރުވަމުންނެވެ. އެލީސާގެ މި ދިގު އިންތިޒާރާއި ބުރަ މަސައްކަތަކީ މުސްތަގުބަލުގައި އިންސާނުން މާސްއަށް ކުރާ ދަތުރުތަކަށް މަގުފަހިކޮށްދޭނެ މުހިންމު ހިތްވަރެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް