ދިއްލީ ފުލުހުންގެ ސްޕެޝަލް ސެލްއިން ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ޖަލަންދަރަށް ނިސްބަތްވާ ވިކާސް ތާކޫރާއި، ތަރަން ތާރަންއަށް ނިސްބަތްވާ ދީޕަކް ސިންގްއެވެ. ފުލުހުން ތުހުމަތުކުރާ ގޮތުގައި ދީޕަކް ސިންގް މުމްބާއީގައި ފިލައިގެން އުޅުނީ، އަމީތާބު ދިރިއުޅުއްވާ "ޖަލްސާ" ގޭގެ ބޭރުން އޭނާއަށް ބަޑިން ހަމަލާދީ މަރާލުމުގެ މަގުސަދުގައެވެ.
މި ހާދިސާއާ ގުޅިގެން އާންމުންގެ ކަންބޮޑުވުން އިތުރުވެފައި ވަނިކޮށް، އަމީތާބު ބައްޗަން ވަނީ ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި "ބަޗް ގަޔޭ" ނުވަތަ "ސަލާމަތްވެއްޖެ" މިހެން ލިޔެ ކުރު ޕޯސްޓެއް ކޮށްފައެވެ. އަމީތާބު މި ޕޯސްޓު ކުރި ސަބަބު ރަސްމީކޮށް ހާމަކޮށްފައި ނުވި ނަމަވެސް، އޭނާއަށް އަމާޒުވި މަރުގެ އިންޒާރުތަކާއި މަރާލަން ރޭވި ރޭވުން ފުލުހުން ހުއްޓުވި ދަނޑިވަޅާ ދިމާކޮށް ކުރި މި ޕޯސްޓަށް ގިނަ ބައެއްގެ ސަމާލުކަން ވަނީ ހުއްޓިފައެވެ. ތަހުގީގު ޓީމުތަކުން ލަފާކުރާ ގޮތުގައި މި ހަމަލާ ދިނުމަށް އަމުރުކޮށްފައިވަނީ ގައުމުން ބޭރުގައި ފިލައިގެން އުޅޭ އެ ގޭންގުގެ އިސް މީހުންނެވެ.
ފާއިތުވި އެއް މަސް ދުވަހުގެ ތެރޭގައި އަމީތާބުގެ ގެއަށް ބޮމުގެ ހަމަލާއެއް ދޭނެ ކަމަށް ބުނެ ތިން ފަހަރެއްގެ މަތިން އީމެއިލް މެދުވެރިކޮށް އިންޒާރު ދީފައިވެއެވެ. މިދިޔަ އޮކްޓޯބަރު މަހުގެ 23 ވަނަ ދުވަހާއި، ނޮވެމްބަރު މަހުގެ 6 އަދި 12 ވަނަ ދުވަހު ފޮނުވި މި އިންޒާރުތަކާ ގުޅިގެން ބޮން ނައްތާލާ ސްކޮޑުން އެ ގެ ބަލައި ފާސްކުރި ނަމަވެސް، އެއްވެސް ނުރައްކާތެރި އެއްޗެއް ފެނިފައެއް ނުވެއެވެ. މީގެ އިތުރުން، މި ދެ މީހުން ހައްޔަރުކުރުމާ ގުޅިގެން ބިޝްނޯއީ ގޭންގަށް ނިސްބަތްވާ ގޯލްޑީ ދިއްލޯންގެ ނަމުގައި ދައުރުވި ސޯޝަލް މީޑިއާ ޕޯސްޓެއްގައި، އަމީތާބާއި އޭނާގެ ދަރިފުޅު އަބީޝޭކް ބައްޗަން މަރާލާނެ ކަމުގެ އިންޒާރު އަލުން ވަނީ ދީފައެވެ.
މި ނުރައްކާތަކާ ގުޅިގެން މުމްބާއީ ފުލުހުން ވަނީ އަމީތާބުގެ ގޭގެ ސަލާމަތީ ކަންކަން ވަރަށް ބޮޑަށް ވަރުގަދަކޮށް، އެ ސަރަހައްދުގައި އިތުރު ފުލުހުންނާއި ބެރިކޭޑްތައް ބަހައްޓާފައެވެ. އަދި ކޮންމެ އާދީއްތަ ދުވަހަކު ސަޕޯޓަރުންނާ ބައްދަލުކުރުމަށް ނުކުންނަ އިރު، ނޮވެމްބަރު މަހުގެ 1 ވަނަ ދުވަހު އަމީތާބު ނުކުތީ ބުލެޓްޕްރޫފް ބިއްލޫރި ކޮށިގަނޑެއްގެ ތެރޭގައިއެވެ. ނަމަވެސް އޭގެ ފަހުން ނޮވެމްބަރު 8 އަދި 15 ވަނަ ދުވަހު އޭނާ ސަޕޯޓަރުންނާ ބައްދަލުކުރެއްވީ އެ ބިއްލޫރި ހުރަހާ ނުލައެވެ.
ފުލުހުންގެ މަސްދަރުތަކުން ބުނީ އަމީތާބު މަރާލަން ރޭވި ރޭވުމުގެ ފަހަތުގައި ވަނީ 1984 ވަނަ އަހަރު ހިނގި ސިކުންނާ ދެކޮޅު ހަމަނުޖެހުންތަކާ ގުޅޭގޮތުން އޭނާ ދެއްކި ކަމަށް ބުނާ ވާހަކަތަކާގުޅިގެން ބަދަލުހިފަންތޯ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އެހެންނަމަވެސް، މި ހަމަލާ ރޭވުމުގެ އަސްލު މަގުސަދު އަދި ރަސްމީކޮށް ކަށަވަރުކުރެވިފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.