އެ އެއްބަސްވުމުގައި ސޮއިކުރީ ދިވެހި ސަރުކާރާއި އެސްޓީއޯ އާއި އަބޫދާބީގެ ސާހް ގުރޫޕް ފޯ ޓެކްނިކަލް ސާވިސަސް (ސާހް ގުރޫޕް) އާ އެކުގައި ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ.
މިއީ ރާއްޖޭގެ އުތުރުގައި ބައިނަލްއަގުވާމީ ފެންވަރުގެ ޓްރާންސްޝިޕްމަންޓް ހިދުމަތް ހިމެނޭހެން ޕޯޓު ޒޯނަކާއި، ލޮޖިސްޓިކްސް އަދި އިގްތިސާދީ މައި މަރުކަޒެއް ގާއިމުކުރުމުގެ ޒަމާންވީ ތަސައްވަރު ހަގީގަތަކަށް ހެދުމަށް އެޅުނު ތާރީހީ ފިޔަވަޅެއް ކަމަށް މިނިސްޓްރީން ބުންޏެވެ.
ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ އަބޫދާބީއަށް ނިސްބަތްވާ ސާހް ގްރޫޕަކީ، 1976 ވަނަ އަހަރުން ފެށިގެން މެރިޓައިމް، އެނަރޖީ އަދި ލޮޖިސްޓިކްސްގެ ދާއިރާގައި ހަރަކާތްތެރިވަމުން އަންނަ ކުންފުންޏެކެވެ. ވުޒާރާއިން ބުނީ މި މަޝްރޫއު ކުރިއަށް ގެންދިއުމަށް އެ ކުންފުނިން ޝައުގުވެރިކަން ފާޅުކޮށްފައިވަނީ، ޒަމާނީ ބަނދަރަކާއި ގުޅުންހުރި އެންމެހައި ވަސީލަތްތައް އެކުލެވޭ ފުރިހަމަ އިންޓަގްރޭޓަޑް ޑިވެލޮޕްމަންޓެއްގެ ގޮތުގައިކަމަށެވެ.
އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ، އިހަވަންދިއްޕޮޅުގައި "މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ އެންޑް އިންޓަގްރޭޓަޑް ޑިވެލޮޕްމަންޓް" މަޝްރޫޢު ކުރިއަށް ގެންދިއުމަށްޓަކައި ދިވެހި ސަރުކާރާއި، ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އާއި އަބޫދާބީގެ ސާހް ގްރޫޕް ފޮ ޓެކްނިކަލް ސަވިސަސް އެލްއެލްސީ (ސާހް ގްރޫޕް) އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށެވެ.
މި މަޝްރޫއަކީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ މެނިފެސްޓޯގައި ހިމެނިފައިވާ އަދި އެމަނިކުފާނުގެ ފުރަތަމަ ރިޔާސީ ބަޔާނުގައި ގައުމާ މުހާތަބުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ވެފައިވާ ވައުދެކެވެ. އަދި މީގެ އިތުރުން "ވިޝަން 2040" ގެ ދުރު ރާސްތާ އިގްތިސާދީ ތަސައްވުރުގެ ދަށުން، ރާއްޖޭގެ އިގްތިސާދު ސިންދަފާތުކުރުމަށް އެޅޭ މުހިންމު ބިންގަލެކެވެ. އިންޓަރނޭޝަނަލް މެރިޓައިމްގެ މައި މަގެއް ކަމުގައިވާ 8-ޑިގްރީ ޗެނަލްއާ ކައިރީގައި އިހަވަންދިއްޕޮޅު އޮތުމަކީ، މެރިޓައިމް އަދި ލޮޖިސްޓިކްސް ވިޔަފާރިތަކަށް ރާއްޖޭގެ އިސްތިރާޖީ ސަރަހައްދު ކެޕިޓަލައިޒްކުރުމަށް އެންމެ އެކަށޭނަ އެއް ސަރަހައްދެވެ.