މި ޕްރޮގްރާމަކީ ގިނަ އިސްރަށްވެހިން އަބަދު ގޭގައި ތިބެންޖެހޭ ޖެހުމާއި، އިޖުތިމާއީ ހަރަކާތްތަކުން އެކަހެރިވުން ނައްތާލައި، އެ ފަރާތްތަކަށް އުފާވެރި އަދި ހަރަކާތްތެރި މާހައުލެއް ގާއިމުކޮށްދިނުމުގެ މަގުސަދުގައި ރާވާފައިވާ ހަރަކާތެއްކަމަށް އެޗްޑީސީން ބުނެ އެވެ. މި ޕްރޮގްރާމްގައި ބައިވެރިވެވޭނީ ހިލޭކަމަށް އެޗްޑީސީން ބުނެ އެވެ.
މި މަހު ފަސްވަނަ ދުވަހު ބޭއްވި ހެލްތު އެކްސްޕޯގެ ތެރެއިން ވެސް ގިނަ އަދަދެއްގެ އިސްރަށްވެހިން ވަނީ މި ޕްރޮގްރާމްގައި ރަޖިސްޓްރީވެފައިވާކަމަށާއި މި ޕްރޮގްރާމަށް ލިބެމުން އަންނަ ތަރުހީބުގެ ސަބަބުން ވީހާ ވެސް ގިނަ މީހުންނަށް ފުރުސަތު ދިނުމުގެ ގޮތުން "ދުޅަހެޔޮ އިސްރަށްވެހިން" ޕްރޮގްރާމްގައި ބައިވެރިވުމަށް އިތުރު ފުރުސަތެއް ދީފައިވާކަމަށް އެޗްޑީސީން ބުނެ އެވެ.
ދުޅަހެޔޮ އިސްރަށްވެހިން" ޕްރޮގްރާމް ފަށަން ހަމަޖެހިފައިވަނީ ނޮވެންބަރު 19 ގައެވެ. މި ޕްރޮގްރާމް ކުރިއަށްދާނީ އެއް މަސް ދުވަހުގެ ބެޗްތަކަކަށް ބަހާލައިގެން، އެއް އަހަރުގެ މުއްދަތަކަށެވެ. ކޮންމެ ބެޗަކަށް ހަފުތާއަކު ތިން ދުވަހު، ޖުމުލަ 12 ސެޝަން ކުރިއަށްދާނެކަމަށް އެޗްޑީސީން ބުނެ އެވެ.
މި ހަރަކާތާ އެކު ކޮންމެ ހަފުތާއަކު ވެސް ތިން ދުވަހު، އިސްރަށްވެހިންގެ އުމުރާ ގުޅޭގޮތަށް ރޭވިފައިވާ ލުއި ކަސްރަތުތަކާއި، ހިނގުމާއި، ސްޓްރެޗިންގ އަދި ނޭވާލުމުގެ ކަސްރަތުތައް ކުރިއަށްގެންދާނެކަމަށާއި އިސްރަށްވެހިންނާ ގުޅޭ މި ނޫން ވެސް ގިނަ ހަރަކާތްތަކެއް ވަނީ ރާވާފައިކަމަށް އެޗްޑީސީން ބުނެ އެވެ.
މި ޕްރޮގްރާމްގެ ހުރިހާ ހަރަކާތްތަކެއްގައި ވެސް ބައިވެރިންގެ ރައްކާތެރިކަމާއި ސިއްހީ ހާލަތަށް ހާއްސަ ސަމާލުކަމެއް ދިނުމުގެ ގޮތުން ބައިވެރިންނަށް ބޭނުންވާ ދަތުރުފަތުރުގެ އިންތިޒާމުތައް ހަމަޖައްސައިދިނުމުގެ އިތުރުން، ސެޝަންތައް ކުރިއަށްދާ ވަގުތު ފަސްޓްއެއިޑްގެ ހިދުމަތާއި، ބޯފެނާއި އަރާމުކުރާނެ އިންތިޒާމުތައް ހަމަޖައްސާފައި ހުންނާނެކަމަށް އެޗްޑީސީން ބުނެ އެވެ.
މި ޕްރޮގްރާމަކީ މި ކޯޕަރޭޝަނާއި މިނިސްޓްރީ އޮފް ހެލްތު އަދި، ހުޅުމާލެ ހޮސްޕިޓަލާއި، ފުލުހުންނާއި، ފިޒިއޯ ސޮލިއުޝަންސްގެ އިތުރުން ޕެންޝަން އޮފީހާއި، އެމްޓީސީސީއާއި، އުރީދޫ އަދި އެކިއެކި އެންޖީއޯތަކުގެ އެއްބާރުލުމާ އެކު ކުރިއަށްގެންދާ ޕްރޮގުރާމެކެވެ.
އެޗްޑީސީން ބުނީ އެ ކޯޕަރޭޝަންގެ އަމާޒަކީ، މި ޕްރޮގްރާމްގެ ސަބަބުން އިސްރަށްވެހިންގެ ސިއްހީ އަދި ނަފުސާނީ ދުޅަހެޔޮކަން އިތުރުވެ، މުޅި ހުޅުމާލެއަކީ ހުރިހާ އުމުރެއްގެ ރައްޔިތުންނަށް ވެސް އުފަލާ އެކު އުޅެވޭނެ ހިތްފަސޭހަ މުޖުތަމައަކަށް ހެދުންކަމަށެވެ.