ނޭޝަނަލް ފުޓްސަލް އެރީނާގެ މަސައްކަތް މުޅިން ނިންމާލުމަށް ލިއޯ ޓްރޭޑާ ހަވާލުކޮށްފައިވަނީ 720 ދުވަހުގެ ތެރޭގައެވެ.
3 ބުރިއަށް ބިނާކުރާ މި މަލްޓި-ލެވެލް އިންޑޯ އެރީނާއަކީ ބައިނަލްއަޤްވާމީ ފީފާ ގެ މިންގަނޑުތަކާ އެއްގޮތަށް ފަރުމާކޮށްފައިވާ ތަނެއްކަމަށް ސްޕޯޓްސް މިނިސްޓްރީން ބުނެ އެވެ.
މި ތަނުގައި ހިމެނޭ މައިގަނޑު ވަސީލަތްތަކުގެ ތެރޭގައި:
ބައިނަލްއަޤްވާމީ ފެންވަރުގެ 5 ކޯޓު:
މި ކޮމްޕްލެކްސްގެ ގްރައުންޑް ފްލޯގައި 1 މެޗު ކޯޓު އަދި ޖުމްލަ 4 ޕްރެކްޓިސް ކޯޓު (ގްރައުންޑް ފްލޯގައި 2 ކޯޓު އަދި މަތީ ފަންގިފިލާގައި 2 ކޯޓު.
ފީފާ މިންގަނޑުގެ ކުޝަންޑް ވައިނައިލް ފްލޯރިން:
ހުރިހާ ކޯޓެއްގައިވެސް އަޅާނީ ޝޮކް އެބްޒޯބްކުރާ (35 އިންސައްތަ)، ބައިނަލްއަޤްވާމީ ފެންވަރުގެ ކުޝަންޑް ވައިނައިލް ސްޕޯޓްސް ފްލޯރިންގ އެވެ. މިއީ އަލި ރިފްލެކްޓްވުން ކުޑަކޮށްދީ، ކުޅުންތެރިންނަށް ލިބޭ އަނިޔާތަކުން ރައްކާތެރިކޮށްދޭ ޒަމާނީ ފްލޯރިންގެކެވެ.
ހުޅުމާލޭގައި އަޅާ 'ނޭޝަނަލް ފުޓްސަލް އެރީނާ'ގެ މޮޑެލް އެއް
ބަލާ މީހުންނާއި ވީ.އައި.ޕީ ވަސީލަތްތައް:
މައި މެޗު ކޯޓުގައި 900 މީހުންނަށް ބެލޭނެ ސްޕެކްޓޭޓަރ ސްޓޭންޑަކާއި، ޓިކެޓް ކައުންޓަރުތަކާއި، ކޮންސެޝަން ސްޓޭންޑްތައް ހިމެނެއެވެ. އަދި ދެވަނަ ފަންގިފިލާގައި ހާއްސަ ވީ.އައި.ޕީ ލައުންޖަކާއި 8 ކޯޕަރޭޓް ބޮކްސް ހުންނާނެކަމަށް މިނިސްޓްރީން ބުނެ އެވެ.
ކުޅުންތެރިންނާއި އޮފިޝަލުންގެ ވަސީލަތްތައް:
ކުޅުންތެރިންނާއި އޮފިޝަލުން ވަދެނިކުތުމަށް ވަކި ޚާއްޞަ ދޮރުތަކާއެކު، ޓީމު ލޮކަރ ރޫމްތަކާއި، ފެންވަރާ ތަންތަނާއި، ކިޓް ރޫމްތަކާއި، ޕްލޭޔަރސް ލައުންޖާއި، މެޑިކަލް އެންޑް ޑޯޕިން ކޮންޓްރޯލް ރޫމެއްގެ އިތުރުން މަލްޓިޕާޕަސް ޓްރެއިނިންގ ހޯލަކާއި އިދާރީ އޮފީސްތައްވެސް މި އެރީނާގައި ޤާއިމުކުރެވޭނެކަމަށް މިނިސްޓްރީން ބުނެ އެވެ.
ފުޓްސަލްއަށް ހާއްސަ ކޮމްޕްލެކްސް އެޅުމަށް ބިން ދިނުމަށް، ސްޕޯޓްސް މިނިސްޓްރީއާއި ފިނޭންސް މިނިސްޓްރީއާއި އެޗްޑީސީން އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިދިޔަ އަހަރުގެ ފެބުރުވަރީ މަހުގެ 24ގައެވެ.