ads
މިދިޔަ މާޗުގައި ބޭއްވި އދ.ގެ ކޮމިޝަން އޮން ދަ ސްޓޭޓަސް އޮފް ވިމެންގެ ބައްދަލުވުން.
އދ. ގެ މަރުގެ އަދަބު ތަންފީޒުކުރުން ހުއްޓާލާ ގަރާރާ ދެކޮޅަށް ރާއްޖޭން ވޯޓު ދީފި
މަރުގެ އަދަބު ތަންފީޒުކުރުން ވަގުތީ ގޮތުން ހުއްޓާލުމަށް ގޮވާލައި އދ. ގެ އާންމު މަޖިލީހަށް ހުށަހެޅި ގަރާރަކާ ދެކޮޅަށް ދިވެހިރާއްޖެއިން ވޯޓު ދީފި އެވެ.
Advertisement

މިދިޔަ ބުރާސްފަތި ދުވަހު އދ. ގެ އާންމު މަޖިލީހުގައި ނެގި މި ވޯޓުގައި ރާއްޖެ ހިމެނޭހެން 33 ގައުމަކުން ވަނީ އެ ގަރާރާ ދެކޮޅަށް ވޯޓު ދީފަ އެވެ. އެހެން ނަމަވެސް، 133 ގައުމެއްގެ ތާއީދާ އެކު މި ގަރާރު ވަނީ މަޖިލީހުން ފާސްކޮށްފަ އެވެ.

މެކްސިކޯއިން ހުށަހެޅި މި ގަރާރާ ދެކޮޅަށް ރާއްޖޭގެ އިތުރުން ދެން ވޯޓު ދިން ފާހަގަކޮށްލެވޭ ބޮޑެތި ގައުމުތަކުގެ ތެރޭގައި އެމެރިކާ، އިންޑިއާ، ޗައިނާ އަދި ޖަޕާން ހިމެނެ އެވެ. މީގެ އިތުރުން ޕާކިސްތާނާއި، އަރަބި އަދި އިސްލާމީ ގައުމުތައް ކަމަށްވާ މިސްރު، ސައުދީ އަރަބިއްޔާ، ބަހްރައިން، ކުވައިތު، އުމާން އަދި ގަތަރުން ވެސް ވަނީ މި ގަރާރާ ދެކޮޅަށް ވޯޓު ދީފަ އެވެ.

މެކްސިކޯއިން ހުށަހެޅި ގަރާރުގައި ފާހަގަކޮށްފައިވާ ގޮތުގައި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަރުގެ އަދަބު ދިނުން މަދުކުރުމުގެ އޮއިވަރެއް އޮތް ނަމަވެސް، މިދިޔަ އަހަރުގެ ތެރޭގައި އެ އަދަބު ތަންފީޒުކުރި މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. އެހެންކަމުން މަރުގެ އަދަބު ދިނުން މުޅިން ހުއްޓާލުމަށް އަމާޒު ހިފައިގެން، އެ އަދަބު ތަންފީޒުކުރުން ވަގުތީ ގޮތުން ހުއްޓާލުމަށާއި، މިހާރު ވެސް އެ އަދަބު ދިނުން ހުއްޓާލާފައިވާ ގައުމުތަކުން އަލުން އެ އަދަބު ތައާރަފު ނުކުރުމަށް ގަރާރުގައި ވަނީ ގޮވާލައިފަ އެވެ.

އދ. ގެ ގަރާރާ ދެކޮޅަށް ރާއްޖެއިން ވޯޓު ދީފައި މިވަނީ، ދަންޖައްސައިގެން މަރުގެ އަދަބު ދިނުމާއި އެ އަދަބު ތަންފީޒުކުރުމުގައި ދައުލަތުގެ އިދާރާތަކުން ފުރިހަމަކުރަންޖެހޭ އިޖުރާއަތުތައް ތަފްސީލުކޮށް ބަޔާންކުރާ ބިލެއް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދަނޑިވަޅެއްގަ އެވެ. މިދިޔަ ހޯމަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މި ބިލުގެ ފުރަތަމަ ކިޔުން ވަނީ އިއްވައިފަ އެވެ.

މި ބިލުގެ މައިގަނޑު މަގުސަދަކީ މަރުގެ އަދަބު ކަނޑައެޅުމާއި ތަންފީޒުކުރުމުގައި ހަރުދަނާ އުސޫލުތަކެއް ގާއިމުކުރުމާއި، އަދަބު ކަނޑައެޅުމުގެ ކުރިން ގާނޫނީ ގޮތުން ފުރިހަމަވާންޖެހޭ ހުރިހާ ޝަރުތުތަކެއް ސާފުކޮށް ބަޔާންކުރުމެވެ.

ބިލުގައި ބަޔާންކޮށްފައިވާ ގޮތުގައި، މަރުގެ އަދަބު ކަނޑައެޅޭނީ ގާނޫނުގައި ކަނޑައަޅާފައިވާ ހުރިހާ ޝަރުތުތަކެއް ފުރިހަމަވެގެންނެވެ. އަދި ޖިނާއީ ބޮޑެތި މައްސަލަތަކުގައި މަތީ މަރުހަލާގެ ކޯޓުތަކުން މައްސަލަ ބަލައި، ނިހާއީ ހުކުމަކާ ހަމައަށް ވާސިލުވެގެން މެނުވީ މަރުގެ އަދަބު ކަނޑަނޭޅޭނެ ކަމަށް ވަނީ ކަނޑައަޅައިފަ އެވެ. މީގެ އިތުރުން، ތަހުގީގާއި ޝަރީއަތުގެ ހުރިހާ މަރުހަލާއެއްގައި ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމުގެ ހައްގު ކުށްވެރިޔާއަށް ފުރިހަމައަށް ލިބިފައިވޭތޯ ކޯޓުން ކަށަވަރުކުރަންޖެހޭނެ ކަމަށާއި، އެ ހައްގު ފުރިހަމައަށް ލިބިދީފައި ނުވާ ކަމަށް ކޯޓަށް ފެންނަ ނަމަ އެ މީހެއްގެ މައްޗަށް މަރުގެ އަދަބު ކަނޑަނޭޅޭނެ ކަމަށް ވެސް އެ ބިލުގައި ބަޔާންކޮށްފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް