ads
އެމްޓީސީސީގެ މުވައްޒިފުންގެ ހައުސިންގ ޔުނިޓްތައް އެޅުމަށް ބޭނުންވާ ބިން ހަވާލުކުރުމުގެ ތެރެއިން. ފޮޓޯ: އެމްޓީސީސީ
އެމްޓީސީސީގެ މުވައްޒަފުންގެ ބޯހިޔާވަހިކަމުގެ މަޝްރޫއު ހިންގާނެ ބަޔަކު ހޯދަނީ
އެމްޓީސީސީގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި 25 ބުރީގެ އެޕާޓްމަންޓް ކޮމްޕްލެކްސެއް ޑިޒައިންކޮށް، އަމިއްލަ ހަރަދުގައި އިމާރާތްކޮށްދޭނެ ބަޔަކު ހޯދަން އެ ކުންފުނިން މިއަދު އިއުލާންކޮށްފި އެވެ.
Advertisement

އެމްޓީސީސީން ކުރި އިއުލާނުގައި ބުނެފައިވަނީ، ހުޅުމާލެ ދެވަނަ ފިޔަވަހީގައި އެޅުމަށް ހަމަޖެހިފައިވާ މި މަޝްރޫއު ހިންގަން ޝައުގުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.

ޖުމްލަ 12،000 އަކަފޫޓުގެ ބިމެއްގައި އަޅާ މި ކޮމްޕްލެކްސްގެ ގްރައުންޑް ފްލޯ ހާއްސަކުރަން ނިންމާފައިވަނީ ވިޔަފާރިތަކަށެވެ. އަދި ދެވަނަ ފަންގިފިލާއިން ފެށިގެން 25 ވަނަ ފަންގިފިލާއާ ހަމައަށް ހުންނާނީ މުވައްޒަފުންނަށް ހާއްސަ ހައުސިން ޔުނިޓުތަކެވެ.

އެމްޓީސީސީގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް މީގެ ކުރިން ވެސް މަޝްރޫއެއް ފެށި އެވެ. ނަމަވެސް، އެ މަޝްރޫއާ ގުޅިގެން ކޮރަޕްޝަންގެ ބޮޑެތި މައްސަލަތަކެއް ފެންމަތިވެ، އެ މަސައްކަތް އޮތީ ހުއްޓިފަ އެވެ. އެ މައްސަލާގައި އެ ކުންފުނީގެ އޭރުގެ ސީއީއޯ ހަސަން ޝާހުގެ އިތުރުން ކުރީގެ އިސް ވެރިންތަކަކަށް ދައުވާކޮށް، މައްސަލަ މިހާރު އޮތީ ކޯޓުގެ އިބްތިދާއީ މަރުހަލާގަ އެވެ.

އޭސީސީން އެ މައްސަލަ ތަހުގީގުކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން 2017 ވަނަ އަހަރު، ހުޅުމާލެ ދެވަނަ ފިޔަވަހީގައި 15 ފަންގިފިލާގެ ދެ ޓަވަރު އެޅުމަށް ކުރި އިއުލާނާ ގުޅިގެންނެވެ. އެ ފަހަރު ބިޑު ހުށަހެޅި ފަރާތްތަކުގެ ތެރެއިން ބޭރުގެ ކުންފުންޏަކަށް އިވެލުއޭޝަން ކްރައިޓީރިއާއާ ހިލާފަށް ޕޮއިންޓް ދީ، އެ ޕްރޮޖެކްޓް އެ ކުންފުންޏާ ހަވާލުކުރި ކަމަށް އޭސީސީގެ ތަހުގީގަށް ވަނީ ފާހަގަކުރެވިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް