ads
ރައީސް މުއިއްޒު ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސް އާއި އެކު. ފޮޓޯ: ރައީސް އޮފީސް
ފަލަސްތީނުގެ މިނިވަންކަމަށް ވަކާލާތުކުރުމުގައި ރާއްޖެ އަބަދުވެސް ދެމިއޮންނާނެ: ރައީސް
މިނިވަން އަދި މުސްތަގިއްލު ފަލަސްތީނުގެ ދައުލަތެއް ގާއިމުކުރުމުގައި ފަލަސްތީނުން ކުރާ މަސައްކަތުގައި ދިވެހިރާއްޖެ އަބަދުވެސް ދެމިއޮންނާނެ ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
Advertisement

ފަލަސްތީނުގެ މިނިވަންކަން އިއުލާނުކުރިތާ 38 އަހަރު ފުރުމުގެ މުނާސަބަތުގައި، މިއަދު އެކްސްގައި ހިއްސާކުރެއްވި މެސެޖެއްގައި ރައީސް މުއިއްޒު ވަނީ ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް އަށާއި، ބޮޑުވަޒީރު އަދި ހާރިޖީ ވަޒީރު މުހައްމަދު މުސްތަފާގެ އިތުރުން ފަލަސްތީނުގެ ރައްޔިތުންނަށް ހެޔޮއެދުންތައް ފޮނުއްވާފައެވެ. 

ފަލަސްތީނުގެ ހައްގުގައި ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކަށް އިޝާރާތްކުރައްވައި ރައީސް ވިދާޅުވީ، ރާއްޖޭގެ އަޒުމާއި އެއްބާރުލުމަކީ އެއްވެސް ޝަރުތަކާ ނުލައި، އެއްވެސް ގުޑުމެއްނެތި ސާބިތުކަމާއެކު ފަލަސްތީނާއިއެކު ދެމިއޮންނާނެ ކަމެއް ކަމަށެވެ. 

މި އުފާވެރި މުނާސަބަތުގައި، 1967 ގެ ކުރީގެ ބޯޑަރުތަކުގެ މައްޗަށް ބިނާވެފައިވާ، އިރުމަތީ ގުދުސްއަކީ ވެރިރަށް ކަމުގައި ކަނޑައެޅިފައިވާ، މިނިވަން އަދި މުސްތަގިއްލު ފަލަސްޠީނުގެ ދައުލަތެއް ގާއިމުކުރުމުގެ މަތިވެރި އުންމީދު ހަގީގަތަކަށް ހެދުމަށް ދިވެހިރާއްޖެއިން ކުރާ ތާއީދާއި، ދޭ އެއްބާރުލުމާއި، ސާބިތުކަން އާކުރާކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ. 


ފަލަސްތީނުގެ މިނިވަންކަމުގެ އިގުރާރު އިއުލާނުކުރީ 15 ނޮވެމްބަރު 1988 ގައެވެ. އެއީ އަލްޖީރިއާގެ އަލްޖިއާސްގައި ބޭއްވުނު ޕަލަސްތައިން ނޭޝަނަލް ކައުންސިލްގެ 19 ވަނަ ބައްދަލުވުމުގައެވެ. އެ އިގުރާރު އިއްވެވީ އޭރުގެ ޕަލަސްތައިން ލިބަރޭޝަން އޯގަނައިޒޭޝަން (ޕީއެލްއޯ) ގެ ޗެއާމަން ޔާސިރު އަރަފާތެވެ. ރަސްމީކޮށް ފަލަސްތީނުގެ ދައުލަތް އިއުލާނުކުރެވުނީ އެ ދުވަހުން ފެށިގެންނެވެ. 

ދިވެހިރާއްޖެއިން ފަލަސްތީނާއެކު ހާރިޖީ ގުޅުން ގާއިމުކޮށްފައިވަނީ 4 އޭޕްރީލް 1982 ގައެވެ. އަދި އޭގެ ފަހުން މެދުކެނޑުމެއްނެތި ރާއްޖެއިން ވަނީ ފަލަސްތީނުގެ މިނިވަންކަމަށާއި، ދެ ދައުލަތުގެ ހައްލެއްގެ ތެރެއިން މިނިވަން، ސިޔާދަތީ ފަލަސްތީނުގެ ދައުލަތެއް ގާއިމުކުރުމަށް އަޑުއުފުލަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް