ads
ފިނޭންސް މިނިސްޓަރު ޒަރީރު. ފޮޓޯ: މިނިސްޓްރީ
2040ގެ އަމާޒަށް ވާސިލްވުމަށް ވުމަށް ތިމާވެއްޓަށް އިންވެސްޓް ކުރަންޖެހޭ: ޒަރީރު
2040 ވަނަ އަހަރާ ހަމައަށް ދިވެހިރާއްޖެއަކީ ތަރައްގީވެފައިވާ ގައުމަކަށް ހެދުމަށް ސަރުކާރުން ގެންގުޅޭ ތަސައްވުރު ހަގީގަތަކަށް ހެދުމަށްޓަކައި، އިއާދަކުރަނިވި ހަކަތައާއި، ތިމާވެށި ހިމާޔަތްކުރުމުގެ އިތުރުން ފެނުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ރާއްޖެއިން އިންވެސްޓްކުރަންޖެހޭ ކަމަށް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
Advertisement

މޯލްޑިވްސް ފައިނޭންސް ފޯރަމް 2026 ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޒަރީރު ވިދާޅުވީ، މޫސުމަށް އަންނަ ބަދަލުތަކަކީ ރާއްޖޭގެ އިގްތިސާދަށާއި ރައްޔިތުންގެ ދިރިއުޅުމަށް އޮތް ސީދާ ނުރައްކަލެއް ކަމަށެވެ. އަދި ރާއްޖޭގެ މައި ދެ ސިނާއަތް ކަމަށްވާ ފަތުރުވެރިކަމާއި މަސްވެރިކަން ދެމެހެއްޓުމުގައާއި އަދި ރަށްތައް ހިމާޔަތްކުރުމުގައި ކަނޑުގެ ދިރުންތަކުގެ ދައުރު ފާހަގަކުރައްވައި، ތަރައްގީގެ މަޝްރޫއުތައް ރާވައި ފައިނޭންސް ކުރުމުގައި މޫސުމީ ބަދަލުތަކަށް ވިލުންތެރިކަން އިތުރުކުރުމުގެ މުހިންމުކަން ޒަރީރު ފާހަގަކުރެއްވިއެވެ.

"މޫސުމީ ނުރައްކަލަކީ އިޤްތިޞާދީ ނުރައްކަލެއް. އަދި އިޤްތިޞާދީ ނުރައްކާތަކަކީ މެނޭޖްކުރަންޖެހޭ ކަންކަން،" މިނިސްޓަރު ޒަރީރު ވިދާޅުވިއެވެ.


މިނިސްޓަރު އިތުރަށް ވިދާޅުވީ، ވަރުގަދަ އުމްރާނީ ވަސީލަތްތައް ބިނާކުރުމަށާއި އަސާސީ ޚިދުމަތްތައް ރައްކާތެރިކުރުމަށް ދައުލަތުގެ ބަޖެޓުގެ އިތުރުން ބައިނަލްއަގްވާމީ އެހީއާއި ލުއި ލޯނު އެހީ އަދިވެސް ވަރަށް ބޮޑަށް ބޭނުންވާ ކަމަށެވެ. ނަމަވެސް، އަންނާން އޮތް ޖީލުތަކަށް ދަރަނީގެ ބުރަ ބޮޑުނުވާނެ ގޮތަކަށް މިފަދަ ބޭނުންތައް ފުއްދުމަށްޓަކައި އަމިއްލަ ފަރާތްތަކުގެ ކެޕިޓަލް އިންވެސްޓުމެންޓުތަކާއި، މާލީ އިދާރާތަކުގެ ދިގުމުއްދަތުގެ އިންވެސްޓްމަންޓްތައް މުހިންމު ދައުރެއް އަދާކުރާނެ ކަމަށް ވިދާޅުވިއެވެ.

2028 ވަނަ އަހަރާ ހަމައަށް ރާއްޖޭގެ ހަކަތައިގެ ބޭނުންތަކުގެ 33 އިންސައްތަ އިއާދަކުރަނިވި ހަކަތައިން ފުއްދުމަށް ކަނޑައަޅާފައިވާ އަމާޒަށް ވާސިލުވުމަށްޓަކައި ބޮޑެތި އިންވެސްޓްމަންޓްތަކާއި ގުޅުންތައް ބޭނުންވާނެ ކަމަށާއި، މި ދާއިރާ ފުޅާކުރުމުން އިމްޕޯޓްކުރާ ތެލަށް ރާއްޖެ ބަރޯސާވާ މިންވަރު ބޮޑުތަނުން ކުޑަކުރެވޭނެ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ސަރުކާރުން މިހާރު "ނޭޝަނަލް ސަސްޓެއިނަބަލް ފައިނޭންސް ރޯޑްމެޕް" އާއި "ނޭޝަނަލް ފައިނޭންޝަލް އިންކްލޫޝަން ސްޓްރެޓެޖީ" އެކުލަވާލައި ކުރިއަށްގެންދާކަން ހާމަކުރެއްވިއެވެ. އަދި ގްރީން ކްލައިމެޓް ފަންޑަށް ސީދާ އެކްސެސް ލިބޭ ރާއްޖޭގެ ފުރަތަމަ ފަރާތެއްގެ ގޮތުގައި މޯލްޑިވްސް ފައިނޭންސް އެންޑް ލީސިންގ ކޮމްޕެނީ (އެމް.އެފް.އެލް.ސީ) އެކްރެޑިޓްވުމަކީ، ބައިނަލްއަޤްވާމީ މޫސުމީ ފަންޑުތައް ހޯދުމަށް ރާއްޖެއަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްގެ ގޮތުގައި މިނިސްޓަރު ސިފަކުރެއްވިއެވެ.

ދެމެހެއްޓެނިވި މަޝްރޫޢުތަކަށް ޚާއްޞަ މާލީ އުފެއްދުންތައް ތަޢާރަފުކުރުމަށް ބޭންކުތަކަށް އިލްތިމާސްކުރައްވަމުން، ވިޔަފާރިތަކުން ކާމިޔާބު ކުރެވޭނެ ފަދަ ހަރުދަނާ ޕްރޮޕޯޒަލްތައް ހުށަހެޅުމަށްވެސް މިނިސްޓަރު އެދިވަޑައިގެންނެވިއެވެ. އަދި ގްރީން ފައިނޭންސްގެ ކާމިޔާބީ މިނެކިރަންވާނީ އޭގެ އަމަލީ ނަތީޖާއިން ކަމަށާއި، އޭގެ ތެރޭގައި ވަރުގަދަ އުމްރާނީ ވަސީލަތްތަކާއި، ތެލަށް ބަރޯސާވާ މިންވަރު ކުޑަވުމާއި، ރައްޔިތުންނަށް ލިބޭ މާލީ ރައްކާތެރިކަން ހިމެނޭ ކަމަށް ވިދާޅުވިއެވެ.

މޯލްޑިވްސް ފައިނޭންސް ފޯރަމަކީ ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއި، ރެގިއުލޭޓަރުންނާއި، މާލީ އިދާރާތަކާއި، ތަރައްޤީގެ ބައިވެރިން އަދި މަދަނީ ޖަމްޢިއްޔާތައް އެއްތަންކޮށް، ދެމެހެއްޓެނިވި ތަރައްގީއަށް މާލީ ދާއިރާއިން ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބާއްވާ އަހަރީ ފޯރަމެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް