ads
ކައްވަޅުގެ ކަސްތަޅު 8
އެޕިސޯޑް 08
Advertisement

އެކަނިވެރިކަމާއެކު ކުލާހުން ނިކުތީ އަސްނާ އެކަންޏެވެ. 

އެކި ވާހަކަތަކުގައި ކްލާސް ކުދިން ޝާމިލުވެ، މަޖާނެގިޔަސް އެކަމާއި އަސްނާ އަޅައެއް ނުލަ އެވެ. 

އަނގައިން ބުނެލުމަށް ހިތަށް އަރާ ކުއްޖަކުވެސް އޭނާއާއި ދިމާ ނުވެ އެވެ.  

އައިމާގެ ކުލަބް ވަގުތު ޖެހޭތީ އޭނާ ދިޔައީ އަސްނާއަށް، އަތުން ހަނާ އަޅައިލާފަ އެވެ. 

އޭނާގެ އިޝާރާތަށް ޖަވާބު ދިނުންވެސް އަސްނާއަށް މިއަދު މުހިއްމެއް ނުވި އެވެ.

ދިޔަގޮތަށް ގޮސް ބަހަށް އަރައިގެން ގެއާއި ދިމާއަށް ދަތުރު ފަށައިފި އެވެ.

...................

ފޯނުގެ ސްކްރީން ނޫން އެހެން އެއްވެސް އެއްޗެއް އަސްނާގެ ލޮލާއި ސިކުނޑީގައި މިއަދު ނެތްކަން އިނގޭނެ މީހަކު ނެތެވެ. 

ކޮޓަރިއަށް ވަދެވުމާއެކު ކޮނޑުގައި އޮތް ބަރު ދަބަސް، ފައިބުޑަށް ވައްޓާލި އެވެ. 

އެނދުގެ މަގަތުގައި އިށީނެވެ. އޭރުވެސް އަތުގައި ފޯނު އޮތެވެ.

ސްކްރީނުގައި އިނގިލިތަކުން ބީއްސައިލީ ފަރުވާތެރިކަމާއެކު އެވެ. 

ފުންކޮށް ކޮންމެވެސް ކަމަކާއި ވިސްނަނީކަން ކަށަވަރެވެ. 

ހިނގާ ދިޔަ ކަންކަން ސިކުނޑީގައި މޫ ލައްވަނީ ކަމަށްވެސް ވެދާނެ އެވެ.

................

ހިމޭންކަމުގައި ވަގުތަކެއް ހޭދަކުރި އެވެ. އަސްނާގެ އިތުރު ހަރަކާތެއް ނެތެވެ.

އަނެއްކާވެސް 'ޗެޓް ލޮގް' ހުޅުވާލައިފި އެވެ.

ފަސް މެންބަރުން އޮންލައިން އެވެ.

މިއަދުގެ ހެނދުނެކޭ އެއްފަދައިން މިވަގުތުވެސް ގްރޫޕުގައި ތިބީ ފަސް މެންބަރުންނެވެ.

ސްކްރޯލް ކުރަން ފެށި އެވެ.

މެސެޖަކަށްފަހު މެސެޖެކެވެ.

އެކަކު އަނެކަކަށް ޖެހި ޖޯކުތައް އެބަހުއްޓެވެ. ކެމިސްޓްރީ އާއި ބެހޭގޮތުން ދެކެވުނު ވާހަކަތައް އެބަ އޮތެވެ. މައިންބަފައިންގެ ޝަކުވާ ތަކާއި ކޮޓަރި އާއި ފާހާނާގެ ބޮކިތައް ނިވިދިއްލޭ ވާޙަކަވެސް އެބަހުއްޓެވެ. މާކިން އާއި ރާނިއާގެ އަރާރުންވެސް އެބަ އޮތެވެ.

ހަނދާނުގައި ހުރި ހުރިހައި އެއްޗެއް އެބަހުއްޓެވެ.

ކަޝިޝް އާއި އޭނާ އާއި ގުޅުން ހުރި ހުރިހައި ވާހަކައަކާއި ކޮމެންޓެއް ފިޔަވައި އެވެ.

ފަސް މެންބަރުން ފިޔަވައި އެހެން އެއްވެސް މީހެއްގެ ހިލަމެއް ނެތެވެ. އެޕްގައި މައްސަލައެއް އުޅޭކަމުގެ ނިޝާނެއް ނެތެވެ. ރޫހާނީ ބާރަކުން ފޯނުގައި ހުރި މެސެޖުތަކަށް ބާރެއް ފޯރުވިކަމުގެ ސިގުނަލެއްވެސް ނެތެވެ. ރޫރޫއެޅުމާއި ފޯނަށް ރޭގައި ދިމާވި އެއްވެސް ކަމަކާއިމެދު އެކަކުވެސް ވާހަކަ ދައްކާފައެއް ނެތެވެ.

ހަމަ އެއްވެސް މައްސަލައެއް ނެތެވެ.

އިހުނަށްވުރެން ބާރަށް މެސެޖްތައް ސްކްރޯލް ކުރަން ފަށައިފި އެވެ.

މުޅި ލޮގް ޗެކު ކުރެވިއްޖެ އެވެ.

އަޖައިބެކެވެ. 

މި ގުރޫޕުގައި ކަޝިޝް  ކިޔާ މެންބަރަކު ވުޖޫދު ވެފައެއް ނެތެވެ. 

މެއަށް ތޫނު ތަދެއް އެރުމާއެކު އަސްނާގެ ދެ ލޯ މަރައި ތަގުޅިކޮށްލެވުނެވެ. އިހްސާސްވަމުން ދިޔައީ ރޯ ފާރުގަނޑަކަށް ލަސްލަހުން މީހަކު ތޫނު ކަށްޓެއް ވައްދާފައި ކުއްލިޔަކަށް ދަމައިގަންނަ ކަހަލަ ގަދަފަދަ ވޭނެކެވެ. 

ކަސްތަޅުގައި ހޭދަކުރެވުނު ވަގުތުތަކުގެ ހަނދާންތައް ފަހަރަކު ސަފުހާއެއް އޭނާގެ ލޯ ކުރިމަތީގައި ނިއުޅެން ފަށައިފި އެވެ.

ހާސްވެ، ނިއްކުރިން ދާ ހިއްލާން ފެށުމުން އަސްނާގެ ނޭވާ ހަމަޔަކަށް އަޅުވައިލެވޭތޯ މަސައްކަތް ފެށި އެވެ. ރިހުމާއި ހާސްކަމުގެ މައްޗަށް ބުއްދި އާއި ހިތްވަރު އިސްކުރެވޭތޯ މަސައްކަތް ފެށި އެވެ.

އަސްނާގެ ގެލެރީ ހުޅުވައިލި އެވެ. 

ވިސްނާލުމަށްފަހު މުޅި ލޮގް ސްކްރީން ޝޮޓް ނަގަން ފަށައިފި އެވެ.

ޗެޓްއެޕް އާއި ސްނެޕް އާއި ވަޓްސްއެޕްގެ ހުރިހައި ހަނދާންތަކެއް އޭނާގެ ގެލެރީއަށް ޖަމާކޮށްފި އެވެ.

އެއީ އެ މެސެޖުތަކުގެ މުހިއްމުކަން ބޮޑުވެގެން ނޫނެވެ. 

އެއީ އޭނާ ފިޔަވައި ގުރޫޕުގައި ދެން ތިބި އެންމެން އެއްވެސް މީހެއްގެ މެސެޖެއް ނުވަތަ ދެއްކި ވާހަކައެއް ބަދަލުކޮށްފާނެ ކަމަށްޓަކަ އެވެ. 

އޭނާގެ އަމިއްލަ ނަފުސަށް ހެއްކެއްގެ ގޮތުގައި ސާބިތު ކޮށްދެވޭނީ ފެންނާން ހުރި ގަރީނާއަކަށް ކަމަށް ވާތީ އެވެ. 

ފޯނުގައި މުޅިން އައު ފޯލްޑަރެއް ހުޅުވައިފި އެވެ.

'ކަފުނުގެ ކަސްތަޅު' ގެ ނަމުން ނަން ދީފި އެވެ.

ވިސްނައިލުމަށް ހިމޭން ވަގުތުކޮޅެއް އަސްނާ ހޭދަކުރި އެވެ.

އަވަސް ހަރަކާތަކާއެކު ދުވެފައި ގޮސް ވަތްގަނޑެއް ހުޅުވާފައި ނެގީ އޭނާގެ 'ޑައިރީ' އެވެ.

މިހައި ތަނަށް އެއްޗެއް ލިޔެފައި ނެތަސް އެއީ ދެ އަހަރު ކުރީން އޭނާގެ މަންމަ އޭނާއަށް ދިން ހަދިޔާ އެކެވެ. އެއިގެ ފަހުން އެފަދަ ހަދިޔާއެއް އަދި އަސްނާއަށް ނުލިބެ އެވެ. 

'ޑައިރީގެ ހުޅުވައި ލުމަށް' ލިޔާނެ ޖުމުލައެއް އޭނާ ވިސްނި އެވެ. 

'ކަޝިޝް، ކަސްތަޅުގެ ހަވަނަ މެންބަރެވެ. އަނދިރިކަމާއި މެންދަމުގެ ވަގުތުތަކުގައި އިންސާނުން ބިރު ގަންނަވާނެ ކަމަށް އިންޒާރުދިނެވެ. ޓާގެޓުކުރާ އިންސާނުންގެ ފޯނު އޭނާގެ ކޮންޓުރޯލް ދަށުގައި ބާއްވާނެ ކަމަށް ބުންޏެވެ. އަހަރެން ނޫން އެހެން އެންމެން އޭނާގެ މަތީން މުޅިން ހަނދުމަ ނެތިއްޖެ އެވެ.'

ފޮތް ހުޅުވައިލުން ލިޔެފައި އަސްނާ ވިސްނާލި އެވެ. އިތުރަށް ލިޔަން އުޅެފައިވެސް ގަލަމުގައި ދޯރި ޖަހައިފި އެވެ.

ލިޔަން ބޭނުންވި އިބާރާތްތައް ލިޔެ، ނިމުނީކަން ޔަގީންވީ އެވެ.

ކުރު މުއްދަތެއްގައި އަސްނާގެ ހަޔާތަށް އައި ލޮޅުމާއިމެދު އޭނާ ވިސްނި އެވެ.

ހަގީގަތުގައި ކަމެއް ހިނގި ބާއެވެ؟ ނޫނީ މިއީ އޭނާއަށް ހީވާ ހީވުމެއް ހެއްޔެވެ؟  އޭނާގެ ސިކުނޑީގައި މައްސަލައެއް އުޅެނީ ބާއެވެ؟

ބުއްދި އާއި ހިޔާލާތަށް އުނިކަމެއް އައީ ބާއެވެ؟

ފޯނުގެ އެޕް ހުޅުވައިލި އެވެ.

ޓައިޕް ކުރަން ފެށި އެވެ.

'.. އަހަންނަކީ މޮޔައެއް  ނޫން..' ޓައިޕް ކުރި އިބާރާތް އަމިއްލަ ކަންފަތަށް އިވުނެވެ. ފާހަގަ ކުރެވުނީ ޖެހިލުންވެ ނުތަނަވަސް ވެފައިވާ ކަމެވެ. އަޑުގައި ތުރުތުރެއް އެބަހުއްޓެވެ.

ލިޔުނު އިބާރާތް ފޮހެލައިފި އެވެ. 

ސިކުނޑީގައި އުފެދުނު ސުވާލަށް ޖަވާބެއް ނުލިބުނެވެ.

ހަމަ އެވަގުތު އޭނާގެ ފޯނު ވައިބްރޭޓް ވެއްޖެ އެވެ.

ރާނިއާ:މިރޭވެސް ބައްދަލުވާނެ؟ ސޭމް ޓައިމް؟

އަސްނާގެ ދެ ލޯ މަރައި ތަގުޅިކޮށްލި އެވެ. އޭނާއަށް ކުރިމަތިވަމުން ދިޔަ ކަންކަމުގެ ހަގީގަތެއް ނޭގެ އެވެ. 

ޔަގީން ވަނީ އެންމެ ކަމެކެވެ. 

ކޮންމެވެސް މީހަކު، އެމީހުންގެ ތެރެއިން 'މީހުން ފޮހެލަނީ' އެވެ. އެފަދަ ކުޅަދާނަކަމެއް ހުރި މީހަކީ ކާކު ހެއްޔެވެ؟

އެކަންކަން ފަހުމުވި ހަމައެކަނި މީހަކީ އަސްނާ ކަމަށް ވެދާނެ ކަމަށް އޭނާއަށް ގަބޫލުކުރެވުނެވެ. އިންލައިން ގައި މަޑުކުރާން ޖެހެ އެވެ. 

މޭޒުމަތީގައި އިން ގަޑިއަށް ބަލައިލި އެވެ. ދިހަގަޑި ހަތަރު މިނެޓު ހިނގައިފި އެވެ.

ކޮޓަރީގެ އަނދިރި ކަމުގެ ތެރޭގައި އަސްނާ ތައްޔާރުވެލައިފި އެވެ. (ނުނިމޭ)

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް