ގ. މާލޭހިޔާ 02-13، އުމުރުން 32 އަހަރުގެ ނައުޝާދު މިފަހަރު ހައްޔަރުކުރީ މާލޭ ފުރުގާން މިސްކިތުގެ އަންހެނުން ނަމާދުކުރާ ބައިގައި ނަމާދަށް ހުރި އަންހެނެއްގެ ކުރިމަތީގައި ބަރަހަނާވެ، އަމިއްލައަށް ޖިންސީ އެދުން ފުއްދި މައްސަލައެއް ރިޕޯޓްކުރުމާ ގުޅިގެންނެވެ. ފުލުހުން ބުނީ މި މައްސަލަ އެ އަންހެން މީހާ ފުލުސް އޮފީހަށް ހާޒިރުވެ ރިޕޯޓުކުރުމުން އެކަން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
ނައުޝާދަކީ މީގެ ކުރިން ވެސް ފުރުގާން މިސްކިތުގެ ހުރުމަތް ކެނޑޭ ފަދަ އެތައް އަމަލެއް ހިންގާފައިވާ މީހެކެވެ. އެގޮތުން އެ މިސްކިތުގެ ތެރެއަށް ގަޟާހާޖާ ކުރި މައްސަލައެއްގައި މިދިޔަ މަހުގެ 12 ވަނަ ދުވަހު ވެސް އޭނާ ހައްޔަރުކުރި އެވެ. އެ މައްސަލައިގެ ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށްފަހު، މި މަހުގެ 1 ވަނަ ދުވަހު ކޯޓުން ވަނީ އޭނާގެ މައްޗަށް އެއް މަހާއި 15 ދުވަހުގެ ޖަލު ހުކުމެއް އިއްވާފަ އެވެ. ނަމަވެސް ބަންދުގައި ހޭދަކުރި އެއް މަހާއި 21 ދުވަސް ހުކުމުގެ މުއްދަތުން އުނިކުރުމުން، ތަންފީޒުކުރަންޖެހޭ އިތުރު ޖަލު އަދަބެއް ނެތުމުން އޭނާ ވަނީ ދޫކޮށްލާފަ އެވެ.
ދޫކޮށްލުމާއެކު އަނެއްކާވެސް އޭނާ ފުރުގާން މިސްކިތުގައި ނިދާފައި އޮންނަ ފޮޓޯތަކެއް އާންމުވެފައިވާއިރު، މީގެ ކުރިން ވެސް އެ މިސްކިތުގައި ހުރި ހަތިމުތައް އުކާލައި، ކަރަންޓު ބޯޑުތަކަށް ގެއްލުންދިން މައްސަލައަކާއި، މިސްކިތުގައި ތިބި އަންހެނުންތަކަކަށް ޖިންސީ ގުނަވަން ދެއްކި މައްސަލައެއްގައި ވެސް އޭނާ ހައްޔަރުކޮށްފައިވެ އެވެ.
ފުލުހުން ބުނީ މިފަހަރު އޭނާ ހައްޔަރުކޮށް، ކަމާ ބެހޭ މުއައްސަސާތަކާ ގުޅިގެން އެފަދަ އަމަލެއް ތަކުރާރުނުވާނެ ގޮތަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށެވެ.