ads
ތިނަދޫ މޭޔަރު ސައުދު
ސައުދުގެ މައްޗަށް ކުރާ ދައުވާތައް އަނބުރާ ގެންދިއުމަށް އެމްޑީޕީއިން ގޮވާލައިފި
ގދ. ތިނަދޫ ސިޓީގެ މޭޔަރު ސައުދު އަލީގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ ސިޔާސީ ދައުވާތަކެއް ކަމަށް ބުނެ، އެ ދައުވާތައް ވަގުތުން އަނބުރާ ގެންދިއުމަށް އިދިކޮޅު އެމްޑީޕީން ގޮވާލައިފި އެވެ.
Advertisement

ތިނަދޫގެ އާބާދީ އޮޅުވާލި ކަމަށް ބުނާ މައްސަލައިގައި ދައުލަތުން ސައުދުގެ މައްޗަށް ދެ ދައުވާއެއް އުފުލީ މިދިޔަ ސެޕްޓެމްބަރު މަހު އެވެ. އެއީ އެނގިހުރެ ސައްހަ ނޫން ލިޔުމެއް ދިނުމުގެ ކުށުގެ ދައުވާ އާއި ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ކުށުގެ ދައުވާ އެވެ. މީގެ ތެރެއިން ސައްހަ ނޫން ލިޔުމެއް ދިނުމުގެ ކުށުގެ އަސާސީ އަދަބަކީ 1 އަހަރާއި 7 މަހާއި 6 ދުވަހުގެ ޖަލު ހުކުމެއް ކަމަށްވާއިރު، ދޮގު މައުލޫމާތު ދިނުމުގެ ކުށުގެ އަސާސީ އަދަބަކީ 4 މަހާއި 24 ދުވަހަށް ޖަލަށްލުމެވެ. އެ މައްސަލައިގެ ޝަރީއަތް މި މަހުގެ 1 ވަނަ ދުވަހު ވަނީ ފަށައިފަ އެވެ.

އެ މައްސަލައާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް އެމްޑީޕީން ނެރުނު ބަޔާނުގައި ބުނީ، މި ދައުވާތައް ބިނާކޮށްފައި ވަނީ ތިނަދޫ ކައުންސިލުން ނިންމި ނިންމުމަކާ ގުޅިގެން ކަމަށެވެ. އަދި ކައުންސިލްގެ ނިންމުމަކާ ގުޅިގެން މޭޔަރު ފަރުދީ ގޮތުން ޒިންމާވާން ޖެހުމަކީ ނުވަތަ އޭނާގެ މައްޗަށް ޖިނާއީ ދައުވާ އުފުލުމަކީ ގާނޫނުއަސާސީ އާއި ގާނޫނުތަކާ އަދި ގާނޫނީ އާންމު ހަމަތަކާ މުޅިން ހިލާފު ކަމެއް ކަމަށް ވެސް ބަޔާނުގައިވެ އެވެ. އެހެންކަމުން މިއީ އެއްވެސް އަސާސެއް ނެތި، ސިޔާސީ ނިޔަތެއްގައި އުފުލާފައިވާ ދައުވާތަކެއް ކަމަށް އެ ޕާޓީން ބުންޏެވެ.

މީގެ އިތުރުން ދައުލަތުން އެކަށީގެންވާ ހެކި ހުށަހަޅާފައި ނުވާކަން ފާހަގަކޮށް ބަޔާނުގައި ބުނީ، ދައުލަތަށް އެކަށީގެންވާ މިންވަރަށް ހެކި ހުށަނޭޅުނީ ސައުދު އަލީ އެފަދަ ޖިނާއީ ކުށެއްގެ އަމަލެއް ކުރައްވާފައި ނުވާތީ ކަމަށެވެ. އަދި ފުލުހުންނާއި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މި މައްސަލައިގައި އަމަލުކޮށްފައި ވަނީ އެހެން މައްސަލަތަކާ ހިލާފަށް އާދަޔާ ހިލާފު ބާރުމިނެއްގައި ކަމަށާއި، ކޯޓުން ވެސް މަސައްކަތް ކުރަމުން ދަނީ ވީ އެންމެ އަވަހަކަށް މި މައްސަލައިގައި ހުކުމް ކުރުމަށް ކަމަށް އެމްޑީޕީން ތުހުމަތުކުރި އެވެ.

މި ދައުވާތައް ހުށަހަޅާފައި ވަނީ ސައުދު އަލުން މޭޔަރުކަމަށް އިންތިހާބުވިޔަސް މަގާމު ގެއްލުވާލައި ޖަލަށްލާނެ ކަމަށް ބުނެ، ސަރުކާރު ހިންގާ ޕީއެންސީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ އާންމު ތަނެއްގައި އިންޒާރު ދެއްވިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ކަމަށް ވެސް އެމްޑީޕީގެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ. އަދި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އަންގައިގެން އެމްޑީޕީގެ މެންބަރުންނާއި އިންތިހާބީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންނަށް މިފަދަ ބިރުދެއްކުމުގެ އަމަލުތައް ހިންގި ނަމަވެސް އެ ޕާޓީގެ މެންބަރުން ފަސްނުޖެހޭނެ ކަމަށް ވެސް ބުންޏެވެ.

ތިނަދުއަށް ސިޓީއެއްގެ ދަރަޖަ ދެއްވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި، އޮގަސްޓު 2023 ގައި ބޭއްވި ރިޔާސީ ކެމްޕެއިން ޖަލްސާއެއްގަ އެވެ. އެ ދުވަސްވަރު ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު) ގެ ހިސާބުތަކުން އެ ރަށުގެ ރަޖިސްޓްރީގައި ތިބީ 7،906 މީހުން ކަމަށް ދެއްކި ނަމަވެސް، ފަހުން އިލެކްޝަންސް ކޮމިޝަނުން އެކުލަވާލި ރިޕޯޓުގައި އާބާދީ 10،150 އަށް އެރި އެވެ. ސިޓީއެއްގެ ދަރަޖަ ދިނުމަށް 10،000 މީހުންގެ އާބާދީއެއް ބޭނުންވާއިރު، އެހާ ކުރު މުއްދަތެއްގެ ތެރޭގައި އާބާދީ އިތުރުވި ގޮތާ މެދު އޭރު ވެސް ވަނީ ސުވާލު އުފެދިފަ އެވެ.

މިދިޔަ އެޕްރީލް މަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ސައުދު އަލީ ވަނީ ޕީއެންސީގެ ކެންޑިޑޭޓާ ވާދަކުރައްވައި ތިނަދޫގެ މޭޔަރުކަމުގެ ގޮނޑި ކާމިޔާބު ކުރައްވައިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް