ޖައްމޫ އެންޑް ކަޝްމީރުގެ ފުލުހުން ނެރުނު އާންމު އިރުޝާދެއްގައި ބުނެފައިވަނީ، އޮޅުވާލައިގެން މަކަރާއި ހީލަތުން ފައިސާ ހޯދުމަށް ހަދާފައިވާ މޮބައިލް ލޯނު އެޕްލިކޭޝަންތައް ފޯނަށް ޑައުންލޯޑް ނުކުރުމަށް އިލްތިމާސްކުރާ ކަމަށެވެ. މިފަދަ އެޕްތައް މެދުވެރިކޮށް އޮޅުވާލައިގެން ފައިސާ ހޯދާ ފަރާތްތަކުން އާންމުން ހައްލައިގަންނަނީ ފަސޭހައިން އަދި އަވަހަށް ލޯނު ދޭނެ ކަމަށް ބުނެއެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، މިފަދަ އެޕްލިކޭޝަންތައް ފޯނަށް ޑައުންލޯޑް ކުރުމާއެކު، އެޕް އުފައްދާފައިވާ ފަރާތްތަކުން ފޯނުގެ ކޮންޓެކްޓް ލިސްޓާއި ފޮޓޯ ގެލެރީއަށް ހުއްދައެއް ނެތި ވަދެގަނެއެވެ. އަދި އެ މައުލޫމާތާއި ފޮޓޯތައް ވަގަށް ނެގުމަށްފަހު، އެ މީހުންނަށް ބިރުދައްކައި، ބްލެކްމެއިލްކޮށްގެން ފައިސާ ހޯދުމުގެ އަމަލުތައް ހިންގައެވެ.
އެހެންކަމުން، މިފަދަ މަކަރާއި ހީލަތްތަކުން ރައްކާތެރިވުމަށްޓަކައި ސައްހަ ނޫން މޮބައިލް ލޯނު އެޕްލިކޭޝަންތައް އަޅައި ބޭނުން ނުކުރުމަށް ޖައްމޫ އެންޑް ކަޝްމީރުގެ ފުލުހުން ވަނީ އާންމުންނަށް ސަމާލުކަން ދީފައެވެ.