ads
ކޮޕް 31 ސަމިޓުގައި ރައީސް ތަގުރީރު ކުރައްވަނީ. ފޮޓޯ: ރައީސް އޮފީސް
ތެލުގެ އަގަށް އަންނަ ބަދަލުުން ކުރާ އަސަރު ކުޑަކުރުމަށް ފިޔަވަޅު އަޅަނީ
ރާއްޖެއަކީ ބޭރުން އެތެރެކުރާ ތެލަށް ބަރޯސާވާ ގައުމަކަށް ވާތީ، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށާއި ސަޕްލައިއަށް އަންނަ ލޮޅުންތަކުގެ ސަބަބުން ރާއްޖެއަށް ކުރާ އަސަރު ކުޑަކުރުމަށް ހާއްސަ ފިޔަވަޅުތަކެއް އަޅަން ނިންމައި، އެކަންކަން ތަންފީޒު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
Advertisement

ރައީސް މިހެން ވިދާޅުވީ ތުރުކީގެ އަންތާލިޔާގައި މިހާރު ކުރިއަށްދާ ކޮޕް31 ސަމިޓުގެ ހަވާސާގައި ބޭއްވި އަންތާލިޔާ ލީޑާސް ސަމިޓުގައި ރާއްޖޭގެ ފަރާތުން ބަޔާން އިއްވަވަމުންނެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި ވަނީ މޫސުމީ ބަދަލުތަކާ ދެކޮޅަށާއި އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިން ރާއްޖެއިން ކުރަމުން އަންނަ މަސައްކަތްތަކުގެ ތަފްސީލު ބައިނަލްއަގްވާމީ މުޖުތަމައުއާ ހިއްސާ ކުރައްވައިފައެވެ.

އެގޮތުން ގައުމީ އިސްކަމެއް ދީގެން ކުރިއަށްގެންދާ މަސައްކަތްތަކުގެ ތެރޭގައި، 2033 ވަނަ އަހަރު އަންނައިރު ރާއްޖޭގައި އުފައްދާ ހަކަތައިގެ 33 އިންސައްތައަކީ އިއާދަކުރަނިވި ހަކަތައަށް ހެދުން ހިމެނޭކަން ރައީސް ފާހަގަކުރެއްވިއެވެ. ނަމަވެސް މިއީ ގޮންޖެހުންތަކެއް ހުރި ބަދަލެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"މިކަން ހާސިލްކުރުމަށް އިއާދަކުރަނިވި ހަކަތައިގެ ދާއިރާއަށް އިންވެސްޓު ކުރުން މުހިއްމު. ނަމަވެސް، މިއީ ގޮންޖެހުން ބޮޑު ބަދަލެއް. ރާއްޖެއަކީ ޖަޒީރާ ގައުމަކަށް ވެފައި މިފަދަ އިންފްރާސްޓްރަކްޗާތައް ބިނާކޮށް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށް ގޮންޖެހުންތައް އެބަހުރި،" ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، މި ގޮންޖެހުންތަކަށް ރިއާޔަތްކޮށް ހަކަތައިގެ ދާއިރާގެ މަގުޗާޓެއް ރާއްޖެއިން އެކުލަވާލާފައިވާ ކަމަށެވެ. މިއީ ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް، ޚަރަދު ކުޑަ އަދި ދެމެހެއްޓެނިވި އިއާދަކުރަނިވި ހަކަތައަށް ބަދަލުވުމުގައި އަމަލުކުރާނެ ގޮތްތައް ބަޔާންކޮށްފައިވާ މަގުޗާޓެއް ކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން، މި ލަނޑުދަނޑިތައް ހާސިލުކުރުމަށްޓަކައި ބައިނަލްއަޤްވާމީ އެހީތެރިކަން، ޚާއްޞަކޮށް ލުއި މާލީ އެހީއާއި، ޓެކްނޮލޮޖީ އަދި ހަކަތައިގެ ދާއިރާއަށް އިންވެސްޓު ކުރުމުގެ ވަސީލަތްތައް ހޯދުމުގެ ފުރުސަތު ރާއްޖެއަށް ލިބުން މުހިންމު ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އިއާދަކުރަނިވި ހަކަތައިގެ ދާއިރާގެ ކާމިޔާބީ ބިނާވާނީ އިއުލާނު ކުރާ މަޝްރޫޢުތަކުގެ އަދަދަށް ނޫން ކަމަށާއި، އެ މަސައްކަތްތައް ޢަމަލީގޮތުން ތަންފީޒު ކުރެވޭ މިންވަރަކަށް ކަމަށްވެސް ރައީސް ފާހަގަކުރެއްވިއެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް