ads
މާލޭ ބަނދަރު ސަރަހައްދުގެ ފޮޓޯއެއް.
ފައްތިޔަތަކުން އުޅަނދުތައް ނުނަގައިފި ނަމަ ނައްތާލުމުގެ ބާރު ސިޓީ ކައުންސިލަށް!
ފައިސާ ނުދައްކާ ބޭނުންކުރަމުންދާ ފައްތިޔާތަކަކުން އުޅަނދުތައް ނުނަގައިފި ނަމަ އެ ތަކެތި ނަގައި ނައްތާލުމުގެ ބާރު މާލޭ ސިޓީ ކައުންސިލަށް ލިބިގެންވާ ކަމަށާއި، ފައްތިޔާތަކުގެ ފީއަށް 75،000 އަށް ވުރެ ގިނަ ރުފިޔާ ދައްކަން އަމިއްލަ ކުންފުންޏެއްގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.
Advertisement

މި މައްސަލާގައި ސިޓީ ކައުންސިލުން ދައުވާކޮށްފައިވަނީ ސީޝަޓެލް މޯލްޑިވްސް ކިޔާ ކުންފުންޏަކާ ދެކޮޅަށެވެ. ކައުންސިލުން ކޯޓުގައި ބުނެފައިވަނީ، ހަދާފައިވާ އެއްބަސްވުމާ އެއްގޮތަށް ފައްތިޔާތަކަށް ފައިސާ ދައްކާފައިނުވާ ކަމަށާއި، އެ އެއްބަސްވުންތައް ބާތިލުކޮށް އުޅަނދުތައް ނެގުމަށް އެންގުމުން ވެސް އެ ތަކެތި ނަގާފައިނުވާ ކަމަށެވެ. އަދި އެ ފައްތިޔާތަކުގައި އަޅާފައިވާ ހަތަރު އުޅަނދުގެ ތެރެއިން ތިން އުޅަނދެއް އަޑިއަށް ގޮސްފައިވާއިރު، އެ ތަކެތި ނެގުމަށް އާންމުކޮށް އިއުލާންކޮށް ލިޔުމުން އެންގުމުން ވެސް އަމަލުކޮށްފައި ނުވާ ކަމަށް ކައުންސިލުން ފާހަގަކުރި އެވެ.

ސިޓީ ކައުންސިލުން ސިވިލް ކޯޓުގައި އެދިފައިވަނީ ފައްތިޔާ އެއްބަސްވުންތައް ބާތިލުކުރަން ނިންމި ނިންމުން ސައްހަކަމަށް ކަނޑައަޅައި، އުޅަނދުތައް ނަގައި ތަން ސާފުކުރުމަށާއި، ނުދައްކާ ހުރި ފައިސާ އާއި ޖޫރިމަނާ ދެއްކުމަށް އަމުރުކޮށްދިނުމަށެވެ. އަދި ކަނޑައަޅާ މުއްދަތެއްގައި އުޅަނދުތައް ނުނަގައިފި ނަމަ އެ ތަކެތި ކުނީގެ ގޮތުގައި ނައްތާލުމުގެ ބާރު ކައުންސިލަށް ދީ، އެކަމަށް ހިނގާ ހަރަދު ދައުވާލިބޭ ފަރާތުން ދައްކަން ޖެހޭނެ ކަމަށް ކަނޑައަޅައިދިނުމަށް ވެސް އެދިފައިވެ އެވެ.

ކުންފުނީގެ ޣައިރު ހާޒިރުގައި ސިވިލް ކޯޓުން ކުރި ހުކުމުގައި ވަނީ، އެއްބަސްވުމުގެ ދަށުން ކައުންސިލަށް ދައްކަން ޖެހި ނުދައްކާވާ ފީ އާއި ޖޫރިމަނާގެ ގޮތުގައި 75،446 ރުފިޔާ 15 ދުވަހުގެ ތެރޭގައި ދެއްކުމަށް އަމުރުކޮށްފަ އެވެ. މީގެ އިތުރުން، ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުންތައް ބާތިލުކޮށް، އެ ކުންފުންޏަށް ދޫކޮށްފައިވާ ފައްތިޔާތަކުގައިވާ އުޅަނދުތައް 10 ދުވަހުގެ ތެރޭގައި ނެގުމަށް ވެސް ހުކުމްކުރި އެވެ.

ކޯޓުގެ ހުކުމުގައި ކަނޑައަޅާފައިވަނީ، ދީފައިވާ މުއްދަތުގެ ތެރޭގައި އެ އުޅަނދުތައް ނުނަގައިފި ނަމަ، މާލޭ ސިޓީ ކައުންސިލުން އެ އުޅަނދުތައް އެތަނުން ނަގައި ކުނީގެ ގޮތުގައި ނައްތާލުމުގެ ހައްގު ކައުންސިލަށް ލިބިގެންވާ ކަމަށެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް