މީރާއިން ބުނީ މިދިޔަ އޮކްޓޫބަރު މަހު ޖުމުލަ އާމްދަނީގެ ގޮތުގައި ދައުލަތަށް 2.28 ބިލިއަން ރުފިޔާ ލިބިފައިވާކަމަށެވެ. އަދި މިދިޔަ މަހު ބަލައިގަތް އާމްދަނީގެ ތެރޭގައި 96.24 މިލިއަން އެމެރިކާ ޑޮލަރު ހިމެނޭކަމަށްވެސް މީރާއިން ބުނެ އެވެ.
މިދިޔަ މަހު ލިބުނު އާމްދަނީއަކީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހާއި އަޅާ ކިޔާއިރު 11.8 އިންސައްތަ އިތުރު އަދަދެއްކަމަށް މީރާއިން ބުނެ އެވެ. އަދި އެއީ މިދިޔަމަހު ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ 12.9 އިތުރު އަދަދެއްކަމަށްވެސް މީރާއިން ބުނެއެވެ.
މިދިޔަ މަހު ދައުލަތަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ޖީއެސްޓީއެވެ. އެގޮތުން ޖީއެސްޓިގެ ގޮތުގައި 1.3 ބިލިއަން ރުފިޔާ ލިބިފައިވާކަމަށް މީރާއިން ބުނެ އެވެ. ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނު، އާމްދަނީން ނަގާ ޓެކުހުގެ ގޮތުގައި 248 މިލިއަން ރުފިޔާ ލިބިފައިވާކަމަށްވެސް މީރާއިން ބުނެ އެވެ.
ގްރީން ޓެކުހުގެ ގޮތުގައި 156 މިލިއަން ރުފިޔާ، އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 151 މިލިއަން ރުފިޔާ، ޑިޕާރޗާ ޓެކުހުގެ ގޮތުގައި 149 މިލިއަން ރުފިޔާ އަދި ވާކް ޕާމިޓް ފީގެ ގޮތުގައި 73 މިލިއަން ރުފިޔާ މިދިޔަ މަހު ލިބިފައިވާކަމަށްވެސް މީރާއިން ބުނެ ބުނެއެވެ.
ނުލިބި ހުރި ފައިސާ ހޯދުމަށް ކުރި މަސައްކަތުން މިދިޔަ މަހު 448 މިލިއަން ރުފިޔާ ހޯދާފައިވާކަމަށް މީރާއިން ބުނެ އެވެ. އޭގެތެރޭގައި، ނޯޓިސް ފޮނުވައިގެން ހޯދި 171 މިލިއަން ރުފިޔާ، ޑިއުސް ކްލިއަރެންސްގެ ތެރެއިން ހޯދި 161 މިލިއަން ރުފިޔާ އަދި އިންސްޓޯލްމަންޓް އެއްބަސްވުމުގެ ދަށުން ހޯދި 98 މިލިއަން ރުފިޔާ ހިމެނޭކަމަށް މީރާއިން ބުނެ ބުނެއެވެ.
މީގެއިތުރުން ޓެކްސް ދައްކާ ފަރާތްތަކަށް ފައިސާ ދެއްކުމަށް ހަނދާންކޮށްދިނުމަށް ކުރި ފޯނު ކޯލުތަކުގެ ޒަރިއްޔާއިން 8 މިލިއަން ރުފިޔާ އަދި ބޭންކް އެކައުންޓް ފްރީޒް ކޮށްގެން 10 މިލިއަން ރުފިޔާ ހޯދާފައިވާކަމަށްވެސް މީރާއިން ބުނެއެވެ.