މިއީ މުޖުތަމައުއަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ދިރާގުގެ މުވައްޒަފުންގެ ބައިވެރިވުމާއި އިސްނެގުން އިތުރުކުރުމުގެ މަގްސަދުގައި ދިރާގުން ތައާރަފުކޮށްފައިވާ ޕްރޮގްރާމެކެވެ.
"ޕިޗް ފޮ ޕާޕަސް" އަކީ އިޖުތިމާއި ޒިންމާ އަދާކުރުމުގައި މުވައްޒަފުންގެ ބައިވެރިވުން އިސްކޮށް، އެ މުވައްޒަފުންގެ ހިތްތަކާ އެންމެ ބޮޑަށް ގުޅިފައިވާ އިޖުތިމާއީ ކަންކަން ދެނެގަނެ، އެ ކަންކަމުގައި އަމަލީ ގޮތުން ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ދިރާގުގައި ފަރުމާކުރި މިފަދަ ފުރަތަމަ ސީއެސްއާރު ޕްރޮގްރާމެވެ.
ޖުމްލަ 20 ޓީމަކުން ބައިވެރިވެ، 15 ޕްރޮޕޯޒަލެއް ވަނީ މި ޕްރޮގްރާމަށް ހުށަހަޅައިފަ އެވެ. މި ޕްރޮގަރާމްގެ ފައިނަލް ޕިޗް އިވެންޓް ކާމިޔާބުކަމާ އެކު ނިންމާލުމަށް ފަހު، ޕްރޮގްރާމް ތެރެއިން ހޮވިފައިވަނީ އެންމެ ފާހަގަކޮށްލެވޭ ތިން ޕްރޮޖެކްޓް ކަމަށް ދިރާގުން ބުނެ އެވެ.
ފުރަތަމައަށް ހޮވުނު ޕްރޮޖެކްޓަކީ އީއޯސީ ރިޕްލް އިފެކްޓް އިން ހެދި "ޑިޖިޓަލް އިންކްލޫޝަން އެންޑް ކޮންޓެންޓް ކްރިއޭޝަން" ޕްރޮޖެކްޓެވެ. މިއީ ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް އަމާޒުކޮށްގެން، ޑިޖިޓަލް އިންކްލޫޝަންއަށް އިސަކަންދެވޭ ޕްރޮގްރާމެކެވެ.
ދެވަނައަށް ހޮވުނީ ރޯޑްވައިޒް ކޮމިއުނިޓީ ޓީމްގެ "ކޮމިއުނިޓީ ރޯޑް ސޭފްޓީ އިނިޝިއޭޓިވް" ޕްރޮޖެކްޓެވެ. މިއީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް މުޖުތަމައު ހޭލުންތެރި ކުރުމަށާއި ޒިންމާދާރުކަމާއެކު، މަގުމަތީގެ އާދަތައް ހިފެހެއްޓުމަށް ބާރު އެޅުމުގެ މަގުސަދުގައި ކުރިއަށް ގެންދިޔަ ޕްރޮޖެކްޓެކެވެ.
ތިންވަނައަށް ހޮވިފައިވަނީ އޮޑިސީ އިން ހެދި "ދަ ލިވިންގް ކެންވަސް އެންޑް ގްރޯތު ސްކޮޑް" ޕްރޮޖެކްޓް އެވެ. މިއީ ތިމާވެށި ހޭލުންތެރިކަން އިތުރުކުރުމަށާއި ތަފާތު އާ ގޮތްތަކަށް ތިމާވެށީގެ މައުލޫމާތު ފޯރުކޮށްދިނުމާ އެކު، ރާއްޖޭގެ ކަނޑޫފާތައް ހިމާޔަތްކުރުމަށް ރާވައިފައިވާ ޕްރޮގްރާމެކެވެ.
ދިރާގުން ބުނި ގޮތުގައި، މި ޕްރޮޖެކްޓްތައް ކާމިޔާބުކުރި ޓީމުތަކުން ކުރިއަށް އޮތް މަސްތަކުގައި އެ މަސައްކަތްތަކުގައި އަމަލީ ގޮތުން ބައިވެރިވުމަށް ވަނީ ތައްޔާރުވެފަ އެވެ.
ދިރާގުން ބުނީ މި ޕްރޮގްރާމްގެ ސަބަބުން ކުންފުނީގެ އެކި ދާއިރާތަކުގެ މުވައްޒަފުން އެކުވެ، އެމީހުން އެންމެ ލޯބިކުރާ ކަންކަމަށް ވަކާލާތުކުރުމުގެ ފުރުސަތު ލިބި، މުޖުތަމައަށް ހެޔޮ ބަދަލުތައް ގެނައުމުގައި އަމަލީގޮތުން ބައިވެރިވުމުގެ ފުރުސަތު ފަހިވެފައިވާ ކަމަށެވެ.
"ގްރޭޓް ޕްލޭސް ޓު ވޯކް" ސެޓިފިކެޓް ހާސިލުކޮށްފައިވާ ކުންފުންޏެއްގެ ހައިސިއްޔަތުން ދިރާގަކީ އަބަދުވެސް މުވައްޒަފުންގެ ބައިވެރިވުމާއި އެއްބައިވަންތަކަމަށް ބާރުއަޅާ ކުންފުންޏެކެވެ.