ޑިޖިޓަލް އަދި އެނިމޭޓެޑް ކާޓޫން ކުރެހުމުގައި ފާހަގަކޮށްލެވުނު ޝުޖާއަތަކީ އިންޓަނެޓް މެދުވެރިކޮށް އެންމެ ފުރަތަމަ ސިޔާސީ އެނިމޭޓެޑް ކާޓޫން ތައާރަފުކުރި އެކަކެވެ. އޭނާ ވަނީ ގަތަރުގެ ދޯހާގައި ހުންނަ އަލްޖަޒީރާގެ މައި އޮފީހުގައި ގާތްގަނޑަކަށް 16 އަހަރު ވަންދެން ހިދުމަތްކޮށް، އެ ނެޓްވޯކުގެ އޮންލައިން ޕްލެޓްފޯމް ކުރިއެރުވުމުގައި މުހިންމު ދައުރެއް އަދާކޮށްފަ އެވެ.
މީޑިއާގެ ދާއިރާގައި 1992 ވަނަ އަހަރު މަސައްކަތް ފެށި ޝުޖާއަތަކީ ކާޓޫން ކުރެހުމުގެ އިތުރުން ޕާކިސްތާނުގެ ކޯޓުތަކުގެ މަންޒަރުތައް ކުރަހައިދިން ފުރަތަމަ އާޓިސްޓެވެ. އަދި އޭނާއަކީ ވައިގެ ދަތުރުފަތުރާއި އަސްކަރީ މަތިންދާބޯޓުތައް ކުރެހުމަށް ވެސް ހާއްސަ ޝައުގެއް ބެހެއްޓި، ގިނަ އެވޯޑުތަކެއް ހާސިލުކޮށްފައިވާ ހުނަރުވެރިއެކެވެ.
އަލްޖަޒީރާއިން އޭނާގެ ހަނދާންތައް އައުކުރަމުން ބުނީ، ޝުޖާއަތަކީ ސިޔާސީ ގޮތުން ދުނިޔޭގެ ލީޑަރުންނާއި ސަރުކާރުތައް ޒިންމާދާރުކުރުވުމުގައި ކާޓޫނު މެދުވެރިކޮށް ވަރުގަދަ އަޑެއް އުފުލި ނޫސްވެރިއެއް ކަމަށެވެ. އަދި ނޫސްވެރިކަމުގެ ތާރީހުގައި ކާޓޫނަކީ ބާރުގަދަ ހަތިޔާރެއްގެ ގޮތުގައި އޭނާ ސާބިތުކޮށްދިން ކަމަށް ވެސް އެ ނެޓްވޯކުން ބުންޏެވެ.
ޝުޖާއަތު ދުނިޔެ ދޫކުރުމާ ގުޅިގެން އަލްޖަޒީރާގެ އިތުރުން ޕާކިސްތާނުގެ މީޑިއާ އާއިލާއިންނާއި ގިނަ އަދަދެއްގެ ނޫސްވެރިން ވަނީ އޭނާގެ ވަކިވުމަކީ މީޑިއާގެ ދާއިރާއަށް ލިބުނު ފޫނުބެއްދޭވަރުގެ ބޮޑު ހުސްކަމެއްގެ ގޮތުގައި ފާހަގަކޮށް ހިތާމަ ފާޅުކޮށްފަ އެވެ.