ads
ޖެންސަން ހުއާން ފަޅާއެރި ފޮޓޯ
ވަގު ބިޓާއެކު ފަޅާއަރައި އެންވީޑިއާގެ ސީއީއޯގެ މިލްކިއްޔާތުން 7.4 ބިލިއަން ޑޮލަރު ގެއްލިއްޖެ
ދުނިޔޭގެ އެންމެ ބޮޑު އެއް ޓެކް ކުންފުނި ކަމަށްވާ އެންވީޑިއާގެ ހިއްސާގެ އަގު ކުއްލިއަކަށް ވެއްޓުމާ ގުޅިގެން، އެ ކުންފުނީގެ ސީއީއޯ ޖެންސަން ހުއާންގެ ޒާތީ މިލްކިއްޔާތުން އެންމެ ބައިގަޑިއިރު ތެރޭ 7.4 ބިލިއަން ޑޮލަރު ގެއްލިއްޖެ އެވެ.
Advertisement

މި ބޮޑު ވެއްޓުން އައިސްފައިވަނީ ޗައިނާގެ ޖާސޫސީ އިދާރާއާ ގުޅުން އޮންނަ ކަމަށް ތުހުމަތުކުރެވޭ އަންހެނަކާ އޭނާއާ ދެމެދު ގުޅުމެއް އޮތް ކަމަށް އަޑުފެތުރި، ކުންފުންޏަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގަ އެވެ.

މި މައްސަލައިގެ ސަބަބުން އެމެރިކާގެ ހިއްސާގެ ބާޒާރު ހުޅުވުމާ އެކު އެންވީޑިއާގެ ހިއްސާގެ އަގު ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފަ އެވެ. މާކެޓަށް އައި މި ބޮޑު ލޮޅުމާ އެކު، ފޯބްސް މަޖައްލާގެ ދުނިޔޭގެ އެންމެ މުއްސަނދި މީހުންގެ ލިސްޓުގެ އަށްވަނައިގައި ކުރިން އޮތް ޖެންސަން ވަނީ މިހާރު އެ ލިސްޓުގެ 10 ވަނައަށް ވެއްޓިފަ އެވެ.

your imageދުނިޔޭގެ އެންމެ ބޮޑު އެއް ޓެކް ކުންފުނި ކަމަށްވާ އެންވީޑިއާ ކުންފުނީގެ ސީއީއޯ ޖެންސަން ހުއާން

މި ތުހުމަތުތަކާ ގުޅިގެން އެންވީޑިއާގެ ޑިރެކްޓަރުންގެ ބޯޑުން ވަނީ މިނިވަން ތަހުގީގެއް ފަށައިފަ އެވެ. ނަމަވެސް އެ ކުންފުނިން ބުނީ ޖާސޫސީ އަމަލުތަކެއް ހިންގާފައިވާ ކަމަށް ކުރެވޭ ތުހުމަތުތަކަކީ އަދި ސާބިތުވެފައިވާ ކަންކަމެއް ނޫން ކަމަށެވެ. އަދި މި މައްސަލައިގެ ސަބަބުން ކުންފުނީގެ އެއްވެސް މުހިންމު ނުވަތަ ސިއްރު މައުލޫމާތެއް ލީކުވެފައި ނުވާނެ ކަމަށް ވެސް ކުންފުނިން ކަށަވަރުކޮށްދެ އެވެ.

މި މައްސަލައާ ގުޅިގެން ޖެންސަން ވަނީ ކުންފުނީގެ މުވައްޒަފުންނަށް ހާއްސަ މެމޯއެއް ފޮނުވައި، އޭނާގެ ޒާތީ ދިރިއުޅުމުގައި ހިނގައިދިޔަ ކަންކަމަށް މާފަށް އެދިފަ އެވެ. އެގޮތުން "އަހަރެން އަނބިމީހާއަށް ބޭވަފާތެރިވެވުނު. އަހަރެންގެ އަމަލުތަކުގެ ސަބަބުން އަހަރެންގެ އާއިލާއަށާއި ދަރިންނަށް ބޮޑު ހިތާމައެއް ލިބުނު. އަހަރެން ކުރި ކަންތަކަށް ދެއްކޭނެ އެއްވެސް އުޒުރެއް ނެތް،" ކަމަށް އޭނާގެ މެމޯގައި ބުނެފައިވެ އެވެ.

ޖެންސަން އިތުރަށް ބުނީ ބޯޑުން ކުރިއަށްގެންދާ މިނިވަން ތަހުގީގަށް އޭނާގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށާއި ކުންފުނީގެ މަސައްކަތްތައް ކުރިއަށްގެންދިއުމުގައި ދެމިހުންނާނެ ކަމަށެވެ. އަދި އާޓިފިޝަލް އިންޓެލިޖެންސްގެ ބާޒާރުގައި އެންވީޑިއާގެ ދައުރު ބޮޑުވެފައިވާ މި ދަނޑިވަޅުގައި، މިފަދަ ތުހުމަތުތަކަކީ އެމެރިކާގެ ގައުމީ ސަލާމަތާ ގުޅުންހުރި ކަމެއްގެ ގޮތުގައި އެ ގައުމުގެ ކަމާބެހޭ އިދާރާތަކުން ވެސް އަންނަނީ ވަރަށް ގާތުން ބަލަމުންނެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް