މި ތާރީހީ ކާމިޔާބީ ހޯދައި، ފަޒާގައި އަމިއްލައަށް މަސައްކަތްކުރާ ރޮބޮޓިކް ސިސްޓަމެއްގެ ގާބިލުކަން ސާބިތުކޮށްދީފައިވަނީ އެމެރިކާގެ މަޝްހޫރު ކެލިފޯނިއާ އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (ކެލްޓެކް) ގެ އިންޖިނިއަރުންގެ ޓީމަކުންނެވެ.
ކެލްޓެކްގެ އިންޖިނިއަރުން ދައްކާލި މި މަސައްކަތުގައި، އެސްޓްރޯނޯޓުންގެ އެއްވެސް ބައިވެރިވުމެއް ނެތި، ރޮބޮޓިކް އަތް ބޭނުންކޮށްގެން ވަނީ އަމިއްލައަށް އޮނިގަނޑު ރޭވުމުގެ މަސައްކަތް ކާމިޔާބުކަމާއެކު ފުރިހަމަކޮށްފަ އެވެ. މިއީ ފަޒާގެ މާހައުލުގައި އިންސާނުންގެ ސީދާ ބައިވެރިވުމެއް ނެތި، ރޮބޮޓިކް އަތެއް ބޭނުންކޮށްގެން މިފަދަ އޮނިގަނޑެއް އަމިއްލައަށް ރެވުނު ފުރަތަމަ ފަހަރެވެ.
މި ބޮޑު ކާމިޔާބީއާއި ކުރިއެރުމުގެ ސަބަބުން ދުނިޔޭގެ އޯބިޓްގައި ސީދާ ބޮޑެތި ސޯލާ ޕަވަރ ސްޓޭޝަންތަކާއި ސެޓެލައިޓްތަކުގެ އޮނިގަނޑުތައް ރޭވުމުގެ ފުރުސަތު ބޮޑުތަނުން ހުޅުވިގެންދާނެ އެވެ. ކުރިއަށް އޮތް ތަނުގައި ފަޒާގެ މާހައުލުގައި ބޮޑެތި އޮނިގަނޑުތައް އިންސާނުންގެ އެހީއާ ނުލައި ބިނާކުރުމަށްޓަކައި މި އީޖާދަކީ އެންމެ މުހިންމު އެއް ފިޔަވަޅެވެ.