އަހާ ފޯރަމްގައި ވާހަކަ ދައްކަވަމުން މުއްތަލިބް ވިދާޅުވީ ރާއްޖޭގެ ހަރަދާއި އާމްދަނީ ހުރިގޮތުންނާއި އިގްތިސާދީ ބަދަލުތަކެއް ރާއްޖެއަށް ބޭނުންވާއިރު ރަސްމާލެ މަޝްރޫއުއަކީ ކޮންމެހެން ހިންގަން ޖެހޭ މަޝްރޫއުއެއްކަމަށެވެ.
ރަސްމާލެ މަޝްރޫއުއާ މެދު ނަފްރަތު އުފައްދާ ރައްޔިތުންގެ ވިސްނުމަށް އަސަރުކުރުވަން، ރަސްމާލެގައި މީހުން ވަޒަންވެރިކުރުވާކަމަށް ބުނެ ސިޔާސީ ފަރާތްތަކުން ދައްކަމުން އަންނަނީ އެއްވެސް ތާކުން ތާކުން ޖެހޭ ވާހަކައެއް ނޫންކަމަށް މުއްތަލިބު ވަނީ ސިފަކުރައްވާފަ އެވެ. މިނިސްޓަރު ވިދާޅުވީ ދުނިޔޭގައި މި ކަހަލަ ވަރަށް ގިނަ ތަންތަން ހުންނާނެކަަމަށާއި މިކަހަލަ ހޮލިޑޭ ހޯމްސް ހިންގާ ދުނިޔޭގެ އެއްވެސް ތަނަކީ މީހުން ވަޒަންވެރިވާ ތަނެއް ނޫންކަމަށެވެ.
އެތަނީ އުމުރު ދުވަސްވީ މީހުން ރިޓަޔާކުރުމަށް ފަހު ކުޑަ ދުވަސްކޮޅަށް ހޮލިޑޭ ހަދާލުމަށްފަހު ދެން ފަތުރުވެރިކަމުގެ ބޭނުމަށް އެތަން ކުއްޔަށް ދޫކުރާނެ ތަނެއްކަމަށްވެސް މުއްތަލިބް ވިދާޅުވި އެވެ.
ރަސްމާލެ މަޝްރޫއަށް އެންމެ ބޮޑަށް ފާޑު ވިދާޅުވަމުން ގެންދަވަނީ ރައީސް ޔާމީންކަން ފާހަގަކުރައްވާ އެމަނިކުފާނުގެ ވެރިކަމުގައި އެނބޫދޫ ފިނޮޅު ދޫކޮށްލި ގޮތަށް މިނިސްޓަރު މުއްތަލިބް ވަނީ ފާޑު ވިދާޅުވެފަ އެވެ. އެގޮތުން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއިން މިހާރު ޖުމްލަ އާމްދަނީގެ 40 އިންސައްތަ ހަމައެކަނި ރަސްމާލެ މަޝްރޫއުއިން ދައުލަތަށް ލިބޭނެކަން މުއްތަލިބް ފާހަގަކުރެއްވި އެވެ.
އެހެންނަމަވެސް އެނބޫދޫ ފިނޮޅު ބަޔަކަށް ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ދޫކޮށްލީ ދިގު މުއްދަތަށް ދައުލަތައް ފައިދާ ނުލިބޭގޮތަކަށް ކަމަށް މުއްތަލިބް ވިދާޅުވި އެވެ. އެގޮތުން މާލެ ކައިރީ އޮތް ބޮޑު ފަޅުން 700 ހެކްޓަރު 40 މިލިޔަން ޑޮލަރަށް ކުރީ ސަރުކާރުން ދޫކޮށްފައިވާއިރު އެތަނުން އެކަށީގެންވާ މަންފާއެއް ދައުލަތަށް ނުލިބޭކަމަށްވެސް މުއްތަލިބް ވިދާޅުވި އެވެ.