މި މައްސަލައިގައި ކުށް ސާބިތުވީ ޅ. ހިންނަވަރު، މުހައްމަދު ފަޔާޒުގެ މައްޗަށެވެ. އޭނާގެ މައްޗަށް ކުރީ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތުގައި ބާރު ހިންގުމުގެ ކުށުގެ ދައުވާ އެވެ.
މި ހާދިސާ ހިނގީ 2018 ވަނަ އަހަރުގެ ފަހުކޮޅުގައެވެ. އެސްޓީއޯއިން ކުއްޔަށް ހިފި ބޯޓަށް، ފޮނަދޫ ފިހާރައަށް ގެންދަން އެރުވި 192،000 ރުފިޔާގެ މަސްދަޅު ކޭސްތައް އެ ރަށަށް ގެންދިޔުމަށްފަހު، ފިހާރައަށް ބޭލުމުގެ ބަދަލުގައި ކައްޕި ވަނީ ރޭގަނޑު އެހެން އުޅަނދުތަކަކަށް އަރުވައިގެން އެ ތަކެތި އެހެން ރަށަކަށް ފޮނުވާލާފައެވެ. މިކަން ހެކިންގެ ބަހުން ވަނީ ސާބިތުވެފައެވެ.
މި ކުށުގެ އަސާސީ އަދަބަކީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ. ނަމަވެސް، މައްސަލަ ނިމެން ގިނަ ދުވަސް ނެގުމާއި އޭނާގެ އާއިލީ ހާލަތަށް ބަލައި ކޯޓުން ވަނީ އަދަބުގެ ބޮޑުބައި ޖޫރިމަނާއަށް ބަދަލުކޮށްދީފައެވެ.
އެގޮތުން ކަނޑައެޅި އަދަބަކީ ހަ ދުވަހުގެ ޖަލު އަދަބެއް ތަންފީޒުކުރުން އަދި 114،000 ރުފިޔާއިން ޖޫރިމަނާކުރުމެވެ.