ފުލުހުން ބުނީ، މި ލޯންޗުއްގައި އަލިފާން ރޯވެ، ލޯންޗުގެ ކެޕްޓަނަށް އަނިޔާތަކެއް ލިބިގެން އުޅޭ ކަމުގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ ފަތިހު 05:30 އެހައިކަންހާއިރު ކަމަށެވެ.
މި ހާދިސާ ހިނގާފައިވަނީ ރޭ ދަންވަރު 03:00 އެހައިކަންހާއިރު ކަމަށާއި ހާދިސާ ހިނގި ވަގުތު އެ ލޯންޗުގައި ހުރީ އޭގެ ކެޕްޓަން އެކަނިކަމަށް ފުލުހުން ބުނެ އެވެ.
މި ހާދިސާގައި ފިހިގެން ފަރުވާދެމުން އަންނަނީ އުމުރުން 34 އަހަރުގެ ދިވެހި ފިރިހެނަކަށެވެ. އަލިފާން ރޯވުމުގެ ސަބަބުން އޭނާގެ ކަރަށާއި މޭމަތި ފިހިފައިވާ ކަމަށާ އޭނާއަށް ފަރުވާދެމުން އަންނަނީ އައިޖީއެމް ހޮސްޕިޓަލުގައި ކަމަށް ފުލުހުން ބުނެއެވެ.